ފޯމުގައި ހުރި ފޯވާޑް އާލިންގ ހާލަންޑް ބާންލީ ކޮޅަށް ހެދި ހެޓްރިކާއެކު 6-0 އިން މޮޅުވެ މެންޗެސްޓަރ ސިޓީ، އިނގިރޭސި އެފްއޭ ކަޕް ސެމީފައިނަލުން ރޭ ޖާގަ ހޯދައިފިއެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ހާލަންޑުގެ ލަނޑުތައް ފެނުނީ 32، 35 އަދި 59 ވަނަ މިނެޓުގައެވެ. އަނެއް ތިން ލަނޑުގެ ތެރެއިން ދެލަނޑު ކާމިޔާބު ކުރީ އާޖެންޓީނާގެ ތަރި ހޫލިއަން އަލްވަރޭޒް އާއި އިންގްލެންޑުގެ އުއްމީދީ މިޑްފީލްޑަރު ކޯލް ޕަލްމާއެވެ. ސިޓީގެ ކުރީގެ ކާމިޔާބު ކެޕްޓަން ބެލްޖިއަމްގެ ވިސެންޓް ކޮމްޕެނީ އިރުޝާދު ދެމުން އަންނަ ބަންލީއަށް ސިޓީގެ ގޯލު ފޫއަޅުވާލެވޭނެ ގޮތެއް މިމެޗުގައި ނުވިއެވެ.

މިދިޔަ ހަފްތާގައި ޔުއެފާ ޗެމްޕިއަންސް ލީގް ކުއާޓާފައިނަލަށް ސިޓީ ގެންގޮސްދިނުމަށް ޖަރުމަނުގެ ލައިޕްޒީގް ކޮޅަށްވެސް ހެޓްރިކް ހެދި ހާލަންޑް ރޭ ބާންލީ ކޮޅަށް ހެދި ހެޓްރިކާއެކު މިސީޒަނުގައި އޭނާ ކާމިޔާބު ކުރި ލަނޑުގެ އަދަދު 41 އަށް އެރީއެވެ. އަދި މިސީޒަނުގައި އޭނާ ހެދި ހެޓްރިކުގެ އަދަދު ހަޔަކަށް ހެރީއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ހާލަންޑް ބުނީ މުހިއްމު މެޗުތަކެއްގައި ގިނަ ލަނޑުތަކެއް ކާމިޔާބު ކުރެވުމުން ބޮޑު އުފަލެއް ލިބިފައިވާ ކަމަށެވެ. "އިންޓަނޭޝަނަލް ބްރޭކުގެ ކުރިން މުހިއްމު މެޗުތަކެއް 7-0 އިން އަދި 6-0 އިން ކާމިޔާބު ކުރެވުމަކީ ވަރަށް ބޮޑު އުފަލެއް" ހާލަންޑް ބުންޏެވެ.

ގިނަ ލަނޑުތަކެއް ޖެހޭތީ އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ހާލަންޑް ބުނީ އޭނާއަކީ ފޯވާޑެއް ކަމަށާއި ލަނޑު ޖެހުމަކީ އޭނާގެ ވާޖިބު ކަމަށެވެ. "އަހަންނަކީ ފޯވާޑެއް. ލަނޑު ޖެހުމަށް އަހަރެން ލޯބި ކުރަން. އެކަމަކު އަހަރެން ފޯކަސް ކުރަނީ ހަމައެނި ލަނޑުޖަހާކަށް ނޫން. ކޮންމެ ފުރުސަތަކަށް ލަނޑު ޖެހޭތޯ އަރައި ލަނޑު ޖަހަން މަސައްކަތް ކުރަނީ. އޭގެ ތެރެއިން ލަނޑު ޖެހެނީ ރަނގަޅު ފުރުސަތުތަކުގައި" ހާލަންޑް ބުންޏެވެ.

އެފްއޭ ކަޕް ކުއާޓާފައިނަލުގައި މިއަދު 3 މެޗް ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ޝެފީލްޑާއި ބްލެކްބާން ރޯވާސް ބައްދަލުކުރާއިރު ދެވަނަ މެޗުގައި ބްރައިޓަން ނިކުންނާނީ ގްރިމްބައި ޓައުންއާ ދެކޮޅަށެވެ. ތިންވަނަ މެޗުގައި ރާއްޖޭ ގަޑިން 21:30 ގައި މެންެސްޓަރ ޔުނައިޓެޑް ނިކުންނާނީ ފުލަމްއާ ދެކޮޅަށެވެ.