މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާ މިއަދު ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު 11:45 އިން 12:45 އަށް ރައީސް އޮފީހުގައެވެ.

އެމްއާރުމުން ބުނެފައިވަނީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އިބްރާހީމް މުހައްމަދު ސާލީހާއެކު ކޯލިޝަން ހެދުމާމެދު މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށެވެ. އެހެންނަމަވެސް މިއަދުގެ ބައްދަލުވުމުގައި ވަކިގޮތެއް ނުނިމޭ ކަމަށާއި އެއްބަސްވެވުނީ ކޯލިޝަން ހެދުމާމެދު އިތުރަށް މަޝްވަރާ ކުރައްވަން ކަމަށެވެ. މި މަޝްވަރާތައް ކުރުމަށް ކޮމިޓީއެއް އެކުލަވާލުމަށް ވެސް ވަނީ އެއްބަސްވެފައެވެ.

އެމްއާރުއެމްއަކީ މިހާރުވެސް ސަރުކާރުގެ ކޯލިޝަން ޕާޓުނަރއެކެވެ. މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވެސް ސަރުކާރާއެކު ތިއްބެވުމަށް އެދިވަޑައިގެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހީމް މުހައްމަދު ސާލިހުވަނީ ކޯލިޝަން ޕާޓުނަރުންނަށް ސިޓީއެއް ވެސް ފޮނުވައިފައެވވެ. ކޯލިޝަން ޕާޓުނަރުންގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއްބައިވެރިޔާ ޖޭޕީން މިހާރުވަނީ އަމިއްލައަށް އިސްވެ އޮވެ ވެރިކަމަށް ނިކުންނާން ނިމައި އެކަމުގެ މަސައްކަތް ފަށައިފައެވެ. އަދާލަތުން ވަނީ ރައީސް ސާލިހަށް ތާއިދު ކުރަން ނިންމައިފައެވެ.

އެމްއާރުއެމްއިން ރައީސް ސާލިހާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ޕާޓީގެ ޒަޢީމް މައުމޫން ޢަބްދުލްގައްޔޫމާއި ޕާޓީގެ ރައީސް ފާރިޝް މައުމޫނާއި، ނާއިބު ރައީސް ޝަޒައިލް ޝިޔާމާއި، ސެކްރެޓަރީޖެނެރަލް ހިމެނިވަޑައިގަންނަވައެވެ.