މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާ އެކު ކޯލިޝް ހެދުމާމެދު އަވަހަށް ގޮތެއް ނިންމަން ޖެހޭކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

އެމްއާރުއެމްއާއި ރައީސް ސާލިހާ ދެމެދު މިއަދު ބޭއްވި މަޝްވަރާގައި ނިމިފައިވަނީ ކޯލިޝަން ހެދުމާމެދު އިތުރަށް މަޝްވަރާ ކުރުމަށެވެ. އެކަމާ ގުޅިގެން ޝަރީފް ވިދާޅުވެފައިވަނީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި އެމްއާރުއެމަށް 25 ޕަސެންޓު ދީގެން އެޕާޓީއާއެކު އެމްޑީޕީން ކޯލީޝަން އޭރު ހެދިޔަސް މިއަދު އެޕާޓީގައި "ސައިޒެއްނެތްކަން ފެންނަން އެބައޮތް" ކަމަށެވެ.

"ވީމާ ކޮންމެވެސް އެއްގޮތައް ކޯލިޝަން ހަދަން ނުވަތަ ނުހަދަން ނިންމަން އެބަޖެހޭ. ދިގުދަންމާނެ ވަގުތެއްނެތް،" ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވެފައިވަނީ އެމްއާރުމުން ބުނާ ކަށަވަރު ކަމެއްވެސް ދެވޭނެ ގޮތެއް އޮންނާނެހެން ވެސް ހީނުވާކަމަށެވެ. އެމްއާރުއެމުން ރައީސް ސާލިހަށް ދީފައިވަނީ ކޮން ކަށަވަރުކަމެއްކަމެއް ޝަރީފް ވިދާޅުވެފައެއް ނުވެއެވެ.