ހުޅުމާލޭގައި މަރައިލި ޓެކްސީ ޑްރައިވަރު، އދ. މާމިގިލީ، 59 އަަހަރުގެ ގާސިމް ހަސަން މަރާލިކަމަށް ދައުވާކޮށް ޝަރީއަތް ހިންގަމުންދާ ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ގާސިމް ހަސަންގެ ކަރަށް ވަޅި ޖަހައި މަރާލާފައި އޮއްވާ ފެނުނީ 4 ޑިސެމްބަރު 2019 ވަނަ ދުވަހުގެ ރޭގައެވެ. ގާސިމްގެ ހަށިގަނޑު ފެނިފައި ވަނީ ހުޅުމާލޭގައި އާންމުކޮށް މީހުން ދިރިނޫޅޭ، ހިސާބެއްގައި އޮންނަ 'ރީތިގަސްމަގު'ގައެވެ.
އަދުހަމް، ގާސިމަށް ހަމަލާ ދިނީ އޭނާގެ އަތުން ފޭރެން އުޅުމުގެ ތެރޭގައެވެ. ދައުލަތުން އަދުހަމްގެ މައްޗަށް އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ދައުވާއަށް އަދުހަމް ކުރިން ވަނީ އެއްބަސްވެފައެވެ. ނަމަވެސް، ފަހުން ބުނީ އޭނާއަށް އެ ހަމަލާ ދެވުނީ ގަސްދެއް ނެތި ކަމަށާއި އެއީ މަސްތުގެ ހާލަތުގައި ހުރެ ކުރެވުނު ކަމެއްކަމަށްވެސް އަދުހަމް ބުނެފައިވެއެވެ.
މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ، އަދުހަމްގެ ބަސް އެކި ފަހަރު ތަފާތުވިނަމަވެސް ކޮންމެ ފަހަރަކުވެސް ވަޅި ހެރި ކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށެވެ. އެ ވަޅިން ގާސިމާއި އަދުހަމްގެ ޑީއެންއޭ ފެނިފައި ވުމުން ވަޅި ހެރިކަމާ މެދު ޝައްކެއް ނެތް ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ. އަދުހަމް، ގާސިމް މަރާލީ އެއްވެސް ހައްގަކާ ނުލައި ކަމަށާއި އެކަން އޭނާ ކުރީ ފުރިހަމަ އިހުތިޔާރުގައި ކަމަށްވުމުން ކުށް ސާބިތުވާ ކަމަށް ގާޒީ ނަދީމު ވިދާޅުވިއެވެ.
އަދުހަމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް އޭނާއަށް އަދަބު ކަނޑައަޅާނީ ގާސިމްގެ ވާރިސުންގެ ބަސް ހޯދުމަށްފަހުއެވެ. ގާސިމްގެ ވާރިސުންގެ ގޮތުގައި ފަސް މީހަކު އެބަތިބި ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.