ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް ފައިނަލުގައި ރޭ ގދ.ވާދޫ 4-8 އިން ބަލިކޮށް ލ. ގަމުން ޗެމްޕިއަންކަން ހޯދައި ރާއްޖޭގެ ފުޓްސަލްގެ ރަސްކަމަށް އަރައިފިއެވެ.

ހުޅުމާލޭ ރެހެންދި ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި މެޗް ޑޮމިނޭޓްކޮށް ވަރަށް ރޭވުންތެރި ކުޅުމެއް ގަމުން ދެއްކިއެވެ. މުޅި މުބާރާތުގައިވެސް މޮޅު ކުޅުމެއް ދެއްކި ވާދޫގެ އިޔާދު އަލީ އާއި އަޔާޒް އަހްމަދު (އަޔާ) ހިފަހައްޓައި ގަމުން ވަނީ ތަފާތު މޮޅު އެޓޭކިންގ ގޭމެއް މިމެޗުގައި ކުޅެފައެވެ.

ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު ގަމުގެ ހުސައިން ނާޝިދާއި އަލީ ޝާމިސް (ތޮއްޕެ) ގެ ދެލަނޑުން ގަމުން ލީޑް ނެގުމުން ޕްރެޝަރ ކޮންޓްރޯލް ނުކުރެވި ވާދޫއަށް މެޗުގައި ގިނަ ފައުލްތަކެއް ކުރަން ޖެހުމުގެ ނަތީޖާއަކަށްވީ ގަމަށް ފުރަތަމަ ހާފުގައި 4 ދުރު ޕެނަލްޓީ ލިބުމެވެ. މީގެ ތެރެއިން ފުރަތަމަ 3 ޕެނަލްޓީ ކާމިޔާބު ކޮށް ގަމުގެ އަހްމަދު ހަލީމް (އައްމަޑޭ) ހެޓްރިކް ހެދިއެވެ. ވާދޫއިން މެޗުގެ ތެރެއަށް ވަނުމަށް މަސައްކަތް ކުރަމުން ދަނިކޮށް ހިތްވަރެއް ލިބުނީ އިޔާދުގެ ލަނޑުންނެވެ. އޭގެފަހުން ފުރަތަމަ ހާފް ނިމުމުގެ ކުރިން ދުރު ޕެނަލްޓީއިން އިތުރު ދެލަނޑު ޖަހައި ވާދޫއިން ފަރަގު ކުޑަ ކުރިއެވެ. މިދެލަނޑުވެސް ކާމިޔާބު ކޮށްދިނީ މުހައްމަދު ނާއިލްއެވެ. އެކަމަކު ފުރަތަމަ ހާފް ނިމުގެ ކުރިން ގަމުގެ ތޮއްޕެ އިތުރު ލަނޑެއް ޖަހައި 6-3 އަށް ނަތީޖާ ބަދަލު ކޮށްލިއެވެ.

ދެވަނަ ހާފަށް ނިކުމެ ވާދާއިން ފެށީ ރަނގަޅު ކޮށެވެ. އަޔާ ތަނަވަސްކޮށްދިން ފުރުސަތަކުން ނާއިލް ލަނޑެއް ޖަހައި 4-6 އަށް ނަތީޖާ ބަދަލު ކޮށްލުމުން މެޗުގެ ފޯރި ގަދަވެގެންދިޔައެވެ. ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއްގެ މައްޗަށް އެކުލެވޭ ގަމުން ވަނީ ތަޖުރިބާގެ ބޭނުން ކޮށްގެން އިތުރު ދެލަނޑު ޖަހައި 8-4 އަށް ނަތީޖާ ބަދަލު ކޮށްލާފައެވެ. މިދެލަނޑު ކާމިޔާބު ކޮށްދިނީ އަބްދުﷲ ޖުނައިދު (ޖެންނޭ) އާއި ތޮއްޕެއެވެ.

މިއީ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ގަމުން ހޯދި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެޓީމު އެއްފަހަރު ފައިނަލުގައި ކުޅެފައިވާއިރު އެފަހަރު މާފަންނު އަތުން ބަލިވީއެވެ. އަނެއްކޮޅުން ހުނަރުވެރި ޒުވާން ގިނަ ކުޅުންތެރިންތަކެއް ތިބި ވާދޫއިން ފައިނަލުގައި ކުޅުނު މިއީ ފުރަތަމަ ފަހަރެވެ.

މިފަހަރު މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް، ފުޓްސަލް ކިންގަކަށް ހޮވުނީ ގަމުގެ ކެޕްޓަން ހުސައިން ޝަރީފް (އޮންލީ) އެވެ.

ހުސައިން ޝަރީފް (އޮންލީ)؛ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ ޝަރަފް ލިބިގަންނަނީ. ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

މުޅި މުބާރާތުގައިވެސް އޮންލީ ފެނުނީ އޭނާގެ ލީޑަޝިޕުގެ ދަށުން ދަނޑުމަތީގައި ޓީމު ހަމަޖައްސައި ޓީމު ލައްވަައި ކުޅުވައިދިން ކުޅުންތެރިއެއްގެ ގޮތުގައެވެ.

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން:

1. ހުސައިން ޝަރީފް (އޮންލީ) ލ.ގަން

2. އަލީ ޝާމިސް (ތޮއްޕެ) ލ.ގަން

3. އަޔާޒް އަހްމަދު (އަޔާ) ގދ. ވާދޫ

4. އިޔާދު އަލީ، ގދ.ވާދޫ

5. ޖުމައިލް ޖަމީލް (ޖުމްބެ) ، ދ.ކުޑަހުވަދޫ