މެޗުގެ އިތުރު ވަގުތުގައި އައިވަރީކޯސްޓުގެ މިޑްފީލްޑަރު ފްރޭންކް ކެސީ ކާމިޔާބު ކުރި ލަނޑުން ވާދަވެރި ރެއާލް މެޑްރިޑް 2-1 އިން ބަލިކޮށް ބާސެލޯނާއިން ތާވަލުގެ ކުރީގައި 12 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

މިމޮޅަކީ މިސީޒަނުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު 3 މެޗުން ބާސެލޯނާ ހޯދި 3 ވަނަ މޮޅެވެ. މީގެ ކުރިން ސްޕެނިޝް ސްޕަރ ކަޕް ފައިނަލުގައި 3-1 އިން ރެއާލް ބަލިކޮށް ބާސެލޯނާއިން ޗެމްޕިއަކަން ހޯދިއިރު، ސްޕެނިޝް ކޮޕާ ޑެލްރޭ ސެމީފައިނަލުގެ ފުރަތަމަ ލެގުގައި މީގެ ދެހަފްތާއެއްހައި ދުވަސް ކުރިން ރެއާލްގެ ދަނޑުގައި ބާސާ މޮޅުވީ 1-0 އިންނެވެ.

ލީގުގައި ރޭ ބާސާގެ ދަނޑުގައި ކުޅުނު މިމެޗުގައި ރެއާލްއަށް ލީޑް ލިބުނީ މެޗުގެ 9 ވަނަ މިނެޓުގައި ބާސާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. މިލަނޑު ވަނީ އޭރިޔާގެ ތެރެއިން ކަހަލަ ގޮތަކަށް ވިނީޝިއަސް ގޯލު ކުރިމައްޗަށް ހުރަސް ކުރި ބޯޅަ އަރައުހޯ ބޮލުގައި ޖެހި ކީޕަރު ޓަރ ސްޓެޖެންއަށް މިސްރާބު އޮޅުމުންނެވެ.

ދެޓީމުގެ ފަރާތުންވެސް ބަލާހިތްވާފަދަ އަވަސް އެޓޭކިންގ ގޭމެއް ފެނުނު މިމެޗުގައި ރެއާލްގެ ކީޕަރު ތިބައުޓް ކޯޓުއާ ވަނީ ރޮބަޓް ލެވެންޑޮސްކީ އާއި ރަފީނާ ފޮނުވާލި ނުރައްކާތެރި ބޯޅަތަކެއް ފުރަތަމަ ހާފުގައި ދިފާއު ކޮށްފައެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ބާސާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ސާޖީ ރޮބާޓޯއެވެ. ކުރީގެ ކެޕްޓަން ޒަވީ ހެނާންޑޭޒްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ބާސާއިން ވަނީ ދެވަނަ ހާފުގައި ފްރޭންކް ޑިޔޯންގ އާއި ގަވީގެ މޮޅު ކުޅުމާއެކު މެދުތެރެ ކޮންޓްރޯލްކޮށް ގިނަ ހަމަލާތަކެއް އުފެއްދުމަށް ބާސާއަށް މަގު ތަނަވަސްކޮށްދީފައެވެ.

ބާސާއިން ލީޑް ނެގީ 92 ވަނަ މިނެޓުގައި ރެއާލްގެ އޭރިޔާގެ ތެރެއަށް ތިރިތިރިން ބާލްޑޭ ނަގައިދިން ހުރަސް ކެސީ ގޯލުގެ ތެރެއަށް ފޮނުވާލީ އެއްފަހަރުން ޖަހައެވެ. އޭގެ ކުރިން 82 ވަނަ މިނެޓުގައި އެސެންސިއޯ ލަނޑެއްޖަހައި ރެއާލްއަށް ލީޑް ނަގައިދިނެވެ. އެކަމަކު ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެސެންސިއޯ އޮފްސައިޑް ކަމަށެވެ.

މިމޮޅާއެކު ތާވަލުގެ ކުރީގައި ބާސެލޯނާ އޮތީ 68 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ރެއާލް މެޑްރިޑް އޮތީ 56 ޕޮއިންޓާއެކުއެވެ.

ރެއާލް އާއި ބާސާގެ ކުރިމަތިލުމެއް (ކޮޕާ ޑެލްރޭ ސެމީފައިނަލް 2 ވަނަ ލެގް) އަންނަ އޭޕްރީލް މަހުގެ 6 ވަނަ ދުވަހުގެ ރޭވެސް އޮންނާނެއެވެ. މިމެޗް ފަށާނީ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރުއެވެ.