މިކުންފުނީގެ އަތޮޅުތެރޭގެ އިންޖީނުގެތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މުވައްޒަފުންނަށް އަމާޒުކޮށްގެން އއ. އުކުޅަހުގައި ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ "ލީޑަރޝިޕް މެނޭޖްމަންޓް އެންޑް ކެޕޭސިޓީ ބިލްޑިންގ" ޓެރެއިނިންގ ނިންމި ބައިވެރިންނަށް އާދީއްތަ ދުވަހު ވަނީ ސެޓިފިކެޓް ދެވިފައި.•

މި ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓިފިކެޓް ހަވާލުކޮށްދެއްވާފައިވަނީ، ކުންފުނީގެ ބޯޑުގެ ޗެއާރމަން، ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހިމް މުހައްމަދު ދީދީއާއި، ބޯޑު މެމްބަރު އަހުމަދު ލަތީފްގެ އިތުރުން ބޯޑު މެމްބަރު މޭޖާރ ރިޓަޔާޑް ތޮލްހަތު ހަސަން.

• މި ޕްރޮގްރާމްގައި އަތޮޅުތެރޭ އިންޖީނުގެތައް ހިންގުމުގައި އެއްމެ އިސްކޮށް ހަރަކާތްތެރިވާ 31 ބޭފުޅަކު ބައިވެރިވެފައިވޭ.

• އއ. އުކުޅަހުގެ ކޮންވެންޝަން ސެންޓަރުގައި ބޭއްވި މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓުގެ ހެޑް އޮފް ޑިޕާޓްމަންޓް ހުސެން ފަރުހާދު ވިދާޅުވީ، މިފަދަ ޕްރޮގްރާމްތައް ރޭވިގެން ކުރިއަށް ދަނީ، އެމްޑީ ޝަރީފްގެ ދުރުވިސްނުމާއި، މުވައްޒަފުންގެ ކުރިއެރުމަށް ދޭ އަހައްމިއްޔަތުކަމާއި، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި، ގެންގުޅެންޖޭހޭ ހަރުދަނާ އަސާސްތައް އަބަދުވެސް ނެގެހެއްޓުމުގެ މުހިއްމުކަމާއި، އެކަމުގެ ހުނަރުތަށް ދަސްކޮށްދިނުމަށް ކަމަށް.

• މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ، އެ ޓްރެއިނިންގ އަކީ ވަރަށް މުހިއްމު ޓްރެއިނިންގއެއް ކަމަށާއި، ސްޓެލްކޯއިން މީހުން ބިނާ ކުރުމަށް އިސްކަމެއްދީ، ވަރަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް. " ސަބަބަކީ ރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހުވެސް ވިދާޅުވެފައިވާ ފަދައިން، މީހުން ބިނާ ކުރުމަކީ، އަޅުގަނޑުމެންނަށް ލިބިފައިވާ މީހުންނަކީ، އެންމެ ބޮޑު އެއް ރައުސުލްމާލު، އަދި މީހުން ބިނާކޮށްގެން މެނުވީ، އަޅުގަނޑުމެން ކުރިއަކަށް ނުދާނެ. އެހެންވީމަ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާގެ މީހުން ބިނާ ކުރުމުގެ ޕޮލިސީގެ ތެރެއިން، އަޅުގަނޑުމެން ކުންފުންޏަށް ކޮންމެވެސް ވަރެއްގެ ހިއްސާއެއް، މިފަދަ ޓްރެއިނިންގތައް ހިންގައިގެން މި އަދާ ކުރެވެނީ"

• އަދި ސްޓެލްކޯގެ ލީޑާރޝިޕްގައި ތިބޭ ފަރާތްތަކަކީ މާހައުލަށް ލޯހުޅުވޭ ބަޔަކަށް ވާންޖެހޭ ކަމަށާއި، މިފަދަ ޓެރެއިނިންގ ތަކުގެ ބޭނުމަކީ، ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން، ވަކިކަމެއް ވަކިގޮތަކަށް ކުރަން ދަސްކޮށްދޭން ނޫން ކަމަށާއި، އެ ރަށެއްގެ މާހައުލަކަށްފެތޭ ގޮތަށް ސިކުނޑިއާއި، ލޯ ހުޅުވާލަދީ، ކަންކަމަށް މަގުފަހިކޮށް އަދި، ދިމާވާ ކަންތައްތަކަށް ހައްލު ހޯދައިދިނުމުގެ ޓޫލްސްތަކެއް ދަސްކޮށްދިނުމަށް ކަމަށް.

• އަދި ސްޓެލްކޯގެ މެނޭޖަރުން ވާންޖެހޭނީ ރަށުފެންވަރުގައި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ނަމޫނާ ބަޔަކަށް ކަމަށާއި، ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރެވޭ ކޮންމެ ކަމެއްވެސް ލީޑު ކުރަންވަންޖެހޭނެ ކަމަށާއި، އެ ރަށެއްގައި ލީޑަރުންގެ ގޮތުގައި ހަރަކާތްތެރިވާ އެންމެ އިސް ފަރާތްތަކުގެ ތެރޭގައި ސްޓެލްކޯގެ ސްޓޭޝަން މެނޭޖަރުން ހިމެނެންޖެހޭނެ ކަމަށް.

• މީގެ އިތުރުން، ޓެކްނިކަލް އިންޗާޖުންނާއި، ސްޓޭޝަން މެނޭޖަރުންނަށް އެކަޑަމިކް ވެއިޓޭޖެއް އޮއްނަ ވަކި ހާއްސަ ޓްރެއިނިންތަކެއް މޯލްޑިވްސް ޕޮލިޓެކްނިކާއި ގުޅިގެން، ހިންގުމަށް ރާވަމުންދާ ކަމަށާއި، އިރާދަކުރެއްވިއްޔާ މި އަހަރުތެރޭގައި އެ ޓްރެއިނިންތައްވެސް ހިންގިގެން ދާނެ ކަމަށް.