މިއަހަރުގެ ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައިވާ ސެންޓްރަލް އޭޝިޔަން ފުޓްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމުގެ ދައުވަތު އެސޯޝިއޭޝަނުން ރަޝިޔާއަށް ފޮނުވައިފިއެވެ.

މިމުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ރަޝިޔާއަށް ފޮނުވާފައި މިވަނީ، މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޔޫކްރައިނާ ދެކޮޅަށް ރަޝިޔާއިން ފަށާފައި ހަނގުރާމައިގެ ސަބަބުން ފީފާއިން ފުޓްބޯޅަ ކުޅިވަރު މުބާރާތްތަކުން ރަޝިޔާ ސަސްޕެންޑް ކޮށްފައި ވަނިކޮށެވެ. މިދިޔަ އަހަރު ގަތަރުގައި އޮތް ވަރލްޑް ކަޕުގެ ޕްލޭއޯފްއިންވެސް ރަޝިޔާ ބޭރު ކުރީ މިސަބަބާ ހުރެއެވެ.

ސެންޓްރަލް އޭޝިޔަން ޗެމްޕިއަންޝިޕުގައި ވާދަކުރުމާ ގުޅޭ ގޮތުން ރަޝިޔާގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފައި ވަނީ، މުބާރާތުގައި ވާދަކުރުމާމެދު ވަކި ގޮތެއް ނުނިންމާ ކަމަށާއި އެކަމާމެދު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ސެންޓްރަލް އޭޝިޔަން ޗެމްޕިއަންޝިޕުގައި ވާދަކުރާ ގައުމުތަކަކީ އިރާން، އަފްގާނިސްތާ، އުޒްބެކިސްތާން، ކިރްގިސްތާން، ތަޖަކިސްތާން އަދި ތުރްކެމިނިސްތާނެވެ. މީގެ ތެރެއިން އިރާނާއި އަފްގާނިސްތާން ފިޔަވައި ބާކީ ހުރި ގައުމުތަކީ ކުރީގެ ސޯވިއެޓް ޔޫނިއަންއަށް ނިސްބަތްވާ ގައުމުތައްކަން ފާހަގަ ކޮށްލެވެއެވެ.