ނަރުހުންގެ ވަޒީފާއަށް ނުކުންނަ މީހުންގެ އަދަދު މަދުވަނީ ދިރާސާތައް ދައްކާގޮތުން ދިވެހިންނާއި ބިދޭސީންގެ މުސާރައާއި އެލަވަންސްތަކުގެ ފަރަގުގެ ސަބަބުން ކަމުގައި ކަމާގުޅޭ އިދާރާތަކުން ބުނެފިއެވެ. މިގޮތަށް ހާމަކޮށްފައިވަނީ، ރާއްޖޭގެ ނަރުހުން ތަމްރީންކުރުމުގައި ދިމާވާ ދަތިތަކާއި، ވަޒީފާގެ މާހައުލުގައި ދެމެހެއްޓުމުގައި ދިމާވާ ގޮންޖެހުންތަކާއި، އަދި އެގޮންޖެހުންތައް ހައްލުކުރުމާއި ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާ ބައްދަލްކުރައްވާ ކުރެއްވި މަޝްވަރާތަކުގައެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލްކުރެއްވުމުގައި ނައިބު ރައީސް ވަނީ ނަރސިން ކައުންސިލަށް އަލަށް ހޮވިވަޑައިގެންނެވި މެންބަރުންނަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ކޮވިޑް 19 ގެ ހާލަތުން ސިއްޙީ ދާއިރާއިން މީހުން ބިނާކުރުމުގެ މުހިއްމުކަން އިތުރަށް ފާހަގަވެގެން ހިނގައްޖެކަމުގައި މިބައްދަލްވުމުގައި ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ. މިބައްދަލްކުރެއްވުމުގައި ދިވެހިރާއްޖޭގައި ސިޒޭރިއަން ހަދާ އަދަދު ގިނަކަން ފާހަގަކުރައްވައި، ނަރސިން ކޯސް ފުރިހަމަކުރުމުގައި މިޑްވައިފެރީ ކޮމްޕޯނެންޓް ކުރިއެކޭ އެއްގޮތަށް ލާޒިމްކުރުމާއި ގުޅޭގޮތުން މިނިސްޓަރ އޮފް ހެލްތް އަހުމަދު ނަސީމް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މިބައްދަލްކުރެއްވުމަގައި އިތުރަށް ބައިވެރިވެވަޑައިގަތީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑޮކްޓަރ އިބްރާހިމް ހަސަނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުސްތަފާ ލުތުފީއާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިސްބޭފުޅުންނާއި، ނަރސިންގ ކައުންސިލްގެ މެންބަރުންނާއި ކައުންސިލްގެ ރެޖިސްޓްރާ އެވެ.