ގުރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަމުންދިޔަ ސ. މަރަދޫފޭދޫ / ރަށްދެބައިގެ، އިބްރާހީމް ފައިޙް ނިޡާމު (25އ) މިރޭ އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެއެވެ.

އޭނާއަށް އަމިއްލައަށް ފުލުހުންނާ ހަވާލުވީ އޭނާ ހޯދުމަށް މާލޭގައި ފުލުހުން މިއަދު އޮޕަރޭޝަނެއް ހިންގަމުން ދަނިކޮށްނެވެ.

ފުލުހުން ވިދާޅުވީ ފައިޙް އަމިއްލައަށް މިރޭ ފުލުހަށް ހާޒިރުވުމުންވަނީ "ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި" ކަމަށެވެ. ފުލުހުން ފައިޙް ހޯދަމުންދިޔައިރު އޭނާ ފުލުހުންގެ ހައްޔަރަށް ނުފޮނުވުމަށްޓަކައި އޭނާ ފޮރުވައިގެން އުޅުނުކަމުގެ ތުހުމަތުގައި ފުލުހުން އިއްޔެ ވަނީ 5 މީހަކު ހައްޔަރުކޮށްފައެވެ. އެ ފަސް މީހުންނަކީ ދިވެހީންނެވެ. މާލެ ސަރަހައްދުން އެ މީހުން ހައްޔަރު ކޮށްފައިވަނީ ކޯޓުއަމުރެއްގެ ދަށުންނެވެ.