ހައްދުންމަތީ ގަމުގައި ޕާކިސްތާނާއި ދެކޮޅަށް ކުޅުނު ތާރީހީ ބައިނަލްއަގުވާމީ ރަހްމަތްތެރި ކަމުގެ ފުޓްބޯޅަ މެޗް ރާއްޖެއިން 1-0 އިއްޔެ ހަވީރު ކާމިޔާބު ކޮށްފިއެވެ.

ގަމާއި ލ.އަތޮޅުގެ އެތައްހާސް ސަޕޯޓަރުން ކުރިމަތީގައި ކުޅުނު މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 20 މިނެޓުގައި ރާއްޖެއަށް ކާމިޔާބު ކޮށްދިނީ ށ. ފޭދޫއަށް އުފަން އައިޝަމް އިބްރާހިމެވެ. އައިޝަމް މިލަނޑު ޖެހީ ހަމްޒާ މުހައްމަދު (ހަމްޕު) ނަގައިދިން ކޯނަރެއް ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ. އައިޝަމް ބޮލުން ޖަހައި ބޯޅަ ގޯލަށް ފޮނުވާލިއިރު ޕާކިސްތާނުގެ އިސްކޮޅުން ދިގު ޑިފެންޑަރުންނަށް ތިބެވުނީ ބަލަހައްޓައިގެންނެވެ.

ރާއްޖޭގެ މެދުތެރޭގައި މުހިއްމު ދައުރެއް މިއަދު އަދާކުރި އައިޝަމްއަށް ދަނޑުން ފައިބަން ޖެހުނީ ހިތްދަތި ކޮށެވެ. މެޗް ނިމެން ފަސްވަރަކަށް މިނެޓަށް ވެފައި ވަނިކޮށް ޕާކިސްތާނުގެ ކުޅުންތެރިޔަކަށް ގަސްދުގައި ހަމަލާ ދިނުމުން ރެފްރީ ވަނީ ސީދާ ރަތްކާޑެއް އައިޝަމްއަށް ދައްކައި ދަނޑުން ފޮނުވާލާފައެވެ.

ފުރަތަމަ ހާފުގެ ފުރަތަމަ ތިރީސް މިނެޓެއްހައިރު ރާއްޖެއިން ވިންގު ބޭނުންކޮށްގެން ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކުރިއެވެ. މިގޮތުން ހަމްޕް އާއި ހަސަން ރާއިފް (ހަންނަ) އަށް ލަނޑު ޖަހާނެ ރަނގަޅު ދެފުރުސަތެއް ލިބި ބޭކާރުވިއެވެ.

ދެވަނަ ހާފުގައި ޕާކިސްތާނުން ކުޅުން އަވަސްކޮށް އެޓޭކްތައް އުފައްދަމުން ދިޔައިރު ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ވަރުބަލިކަމާއި މެޗް ލަސް ކުރަން ކޮންމެވެސް ވަރަކަށް މަސައްކަތް ކުރި މަންޒަރެވެ. މެޗް ލަސްކުރަން މަސައްކަތް ކުރި ބަލައި ރެފްރީ، ރާއްޖޭގެ ގޯލްކީޕަރު ހުސައިން ޝަރީފަށް ރީނދޫ ކާޑްވެސް ދެއްކިއެވެ. އޭގެ ކުރިން ޝަރީފް ވަނީ ޕާކިސްތާނުން ފޮނުވާލި ނުރައްކާތެރި ދެހަމަލާއެއް ދިފާއު ކޮށްފައެވެ.

އޭގެ އިތުރުންވެސް މެޗުގެ 58 ވަނަ މިނެޓުގައި ޕާކިސްތާނުގެ އަބްދުލް ސަމަދު ޝަހްޒާދު އަރިމަތިން އަރައި އެތެރެއަށް ވަދެ ފޮނުވާލި ހަމަލާ ނުރައްކާކޮށް ފެނިގެން ދިޔަ އިރު، އެ ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ޕާކިސްތާނުގެ އެޓޭކްތައް ދެވަނަ ހާފުގައި ވަރަށް ބޮޑަށް ނުރައްކާކޮށް ފެނުނު އިރު، ސަލްމާނުލް ހައްގު ކުރިއަށް ޖެހި ގޯލްކީޕަރު ކަޓުވާލައި މެޗުގެ ހަތްދިހަ ވަނަ މިނެޓުގައި ޖެހި ބޯޅަ ބްލޮކްކޮށް ބޭރުކޮށްލީ ޑިފެންޑަރު، ކެޕްޓަން ސަމޫހު އަލީ (ސަމުއްޓު) އެވެ.

މެޗުގެ ފަހު ދިހަވަރަކަށް މިނެޓުގައި ރާއްޖެއިން ވަނީ ތަޖުރިބާކާރު ފޯވާޑް އަލީ އަޝްފާޤް (ދަގަނޑޭ) ކުޅެން އަރުވާފައެވެ. ގައުމީ ޓީމުގެ ކޯޗް އިޓަލީގެ މޮރިއޭރޯ މަސައްކަތް ކުރަމުން ދަނީ ދަގަނޑޭއަށް ގައުމީ ޖާޒީގައި 100 މެޗް ކުޅުމުގެ ޝަރަފް ހޯދައި ދިނުމަށެވެ.

މިމެޗަކީ ރާއްޖޭ ގައުމީ ޓީމުން ފީފާ އެކުވެރިކަމުގެ މެެޗެއް މާލެއިން ބޭރުގައި ކުޅުނު ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ. މިމެޗް ބެލުމަށް ގަމުގެ ރައްޔިތުންގެ އިތުރުން ލ.އަތޮޅުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ގަމު ޒޯން ސްޓޭޑިއަމަށް ޖަމާވިއެވެ.