ފްރާންސް ގައުމީ ޓީމުގެ އައު ކެޕްޓަނަކީ ފޯވާޑް ކިލިއަން އެމްބައްޕޭކަމަށް ކޯޗް ޑިޑިއެ ޑޯޝޭމްޕް އިއްޔެ އިއުލާން ކޮށްފިއެވެ.

އެމްބައްޕޭ،24، އަށް ކެޕްޓަން ބޭންޑް ރަސްމީކޮށް މިހަވާލް ކުރީ ކީޕަރު ހޫގޯ ލޮރިއަސް މިދިޔަ ވަރލްޑް ކަޕަށްފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކުރުމުންނެވެ.

އުމުރުން އެންމެ 19 އަހަރުގައި 2018 ވަނަ އަހަރުގެ ވަރލްޑް ކަޕް ފްރާންސަށް ކާމިޔާބު ކޮށްދިނުމަށް މުހިއްމު ދައުރެއް އަދާކޮށް، އެމުބާރާތުން ވިދާލި އެމްބައްޕޭ ވަނީ މިދިޔަ އަހަރު ގަތަރުގައި އޮތް ވަރލްޑް ކަޕް ފައިނަލަށް ފްރާންސް ގެންގޮސްދިނުމަށްވެސް މޮޅު ކުޅުމެއް ދައްކައި މުބާރާތުގެ ރަން ބޫޓްވެސް ހޯދާފައެވެ.

ފްރާންސް ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 66 މެޗުން 33 ލަނޑު ކާމިޔާބު ކޮށްދީފައިވާ އެމްބައްޕޭއަކީ ކުރިއަށް އޮޮތް ދިހަވަރަކަށް އަހަރު ފްރާންސް ގައުމީ ޓީމު ލީޑް ކުރާނެ އެގައުމުގެ އެންމެ ވަރުގަދަ ތަރިކަމަށް ތަޖުރިބާކާރުން ދެކެއެވެ.

މީޑީޔާ ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި އެމްބައްޕޭ ކެޕްޓަނަކަށް ހަމަޖެއްސުމުން ފްރާންސް ޓީމުގެ ތެރޭގައި ވަނީ ބައިބައިވުން އުފެދިފައެވެ. ހާއްސަކޮށް މިވަގުތު ޓީމުގައި އެންމެ ސީނިއަރކޮށް ހުރި އެންޓޯނިއޯ ގްރީޒްމަން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ހުރި ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ. ގްރީޒްމަން ހަމަޖައްސާފައި ވަނީ ވައިސް ކެޕްޓަންގެ މަގާމަށެވެ.

އެމްބައްޕޭގެ ކެޕްޓަން ކަމުގެ ދަށުން ފްރާންސް ކުޅޭ ފުރަތަމަ މެޗަކަށް ވާނީ ޔޫރޯ 2024 ގެ ކޮލިފައިންގައި ނެދަލޭންޑްސްއާ ދެކޮޅަށް ކުރިއަށް އޮތް ހޮނިހިރު ދުވަހުގެ ރޭ ކުޅެން ޖެހޭ މެޗެވެ. އޭގެ ދެދުވަސް ފަހުން ކޮލިފައިންގައި އިޔަރލޭންޑާ ދެކޮޅަށްވެސް ފްރާންސް ނިކުންނާނެއެވެ.