ދ. ވާނީ ޕޮލިސް ޓްރެއިނިްގ ސެންޓަރުގައި ކުރިއަށް ގެންދިޔަ ޕަބްލިކް އޯޑަރ ޓްރެއިނިންގ ކޯހުގެ 45 ވަނަ ބުރު ނިންމާލައިފިއެވެ.
މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި މި ޓްރެއިނިންގ ނިންމާލުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޕީޕަލްސް ޑައިރެކްޓްރޭޓްގެ އެކްޓިންގ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ބަޝީރުއެވެ. މި ރަސްމިއްޔާތުގައި، ސްޕެޝަލިސްޓް އެންޑް ރެސްޕޮންސްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމް، ސްޕެޝަލް ރެސްޕޯންސް އެންޑް ޑިޕްލޯއިމެންޓް ޔުނިޓް ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިމަތު އަރޫޝާ އާއި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްޓްމަންޓްގެ ސީނިއަރ އޮފިސަރުންނާއި ޕަބްލިކް އޯޑަރ ޓްރެއިންގ ކޯހުގެ މުދައްރިބުންނާއި ކޯހުގެ ބައިވެރިން ބައިވެރިވެލެއްވިއެވެ.
ފުލުހުން ވިދާޅުވީ މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ބަޝީރު ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނާ ގުޅިގެން ޕްރޮފެޝަނަލްކަމާއި ޒިންމާދާރުކަމާއެކުގައި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކޯހުގެ ބައިވެރިންގެ ކިބައިން އެދިލެއްވި ކަމަށެވެ.
ފެބުރުވަރީ 19 އިން މި މަހު 20 އަށް ކުރިއަށް ގެންދިޔަ އެ ކޯހުގައި 41 ފުލުހުން ބައިވެރިވެ، ކޯހުގެ މިންގަނޑަށް ފާސްވެ 39 ބައިވެރިން ސެޓްފިކެޓް ހާސިލުކޮށްފައިވެއެވެ.
ޕަބްލިކް އޯޑަރ ޓްރެއިނިނގް ކޯހުގައި ފުލުހުންނާ ގުޅުންހުރި ގާނޫނުތައް، އިންސާނީ ހައްގުތައް، ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓް، ކޯޑް އޮފް އެތިކްސް އަދި ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އެއްވާ އެއްވުންތައް ރޫޅާލުމުގެ ހުނަރުތައް އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތްވާގޮތުގެ މަތިން ކިޔަވައިދީފައިވެއެވެ. އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވާ ހާލަތްތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް މީހުން ގެނައުމުގައި ބޭނުންކުރާ އުކުޅުތައް ކިޔައިދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އޭގެ އިތުރުން ފުލުހުން ބޭނުންކުރާ ލެސް ލީތަލް ހަތިޔާރު ބޭނުންކުރާނެ ގޮތުގެ އުކުޅުތައް ދަސްކޮށްދީފައިވެއެވެ. އަދި ސިނާރިއޯ އެކްސައިޒްތައް ޕޮލިސް ޓްރެއިނިންގ ސެންޓަރު އަދި ދ. އަތޮޅުގެ ބައެއް ރަށްރަށުގައި ކުރިއަށް ގެންގޮސްފައިވެއެވެ.