މި އަހަރުގެ ރަމަޟާންމަހު ވައްކަމުގެ މައްސަލަތައް މަދުކުރުމަށް ކޮންމެ ފަރުދަކުވެސް އެމީހެއްގެ ނުވަތަ އެބައެއްގެ އަމިއްލަ މުދަލަށް ރައްކާތެރިވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ. އޭގެ އިތުރުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން ދިނުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.

ފުލުހުން ވިދާޅުވެފައިވަނީ ރަމަޟާން މަހުގެ ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައިވެސް ގެ ހުސްކޮށްފައި ގެއިން ބޭރަށްނުދިއުމަށެވެ. އެގޮތަށް ދާކަމަށްވާނަމަ ގޭގެ ހުރިހާ ކުޑަދޮރުތަކާއި ބެލްކަނިދޮރު، ފެންލައިޓު އަދި ވައިގޮޅި ފަދަ ތަންތަންވެސް ވައްކަންކުރުމަށް މަގުފަހިނުވާނޭހެން ރަނގަޅަށް ތަޅުލުމަށް ފުލުހުން އެދިފައިވެއެވެ. އޭގެއިތުރުން ފޯނު، ލެޕްޓޮޕް، ޓެބްލެޓް، އައިޕެޑް، ވޮލެޓް، އަތުކުރީގަޑި އަދި ފައިސާއާއި އެހެނިހެން ތަކެތިވެސް ވައްކަންކުރުމަށް މަގުފަހިވާގޮތަށް ގޭތެރޭގައި ނުބެހެއްޓުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައިވެސް މަގުމަތީގައި ހިނގާބިނގާވެ އުޅުމުގައި، ފޭރުމުގެ އަމަލެއް ހިންގުމަށް މަގުފަހި ނުވާނޭހެން ތިމާ ގެންގުޅޭ ތަކެއްޗަށް ރައްކާތެރިވުމަށާއި އަޅުކަންކުރުމަށް މިސްކިތުގައި ހޭދަކުރާ ވަގުތުތަކުގައިވެސް ފޯނު، ވޮލެޓު އަދި ދަބަސްފަދަ ތަކެއްޗަށް ސަމާލުވެ ރައްކާތެރިކުރުމަށް އިލްތިމާސްކުރާ ކަމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.

"އޮފީސް އިމާރާތްތަކާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްވެސް އިލްތިމާސްކުރަމެވެ. އެގޮތުން، އޮފީސްތަކާއި ފިހާރަތައްވެސް ބަންދުކޮށްފައިދާއިރު ދޮރުތައް ރަނގަޅަށް ތަޅުލުމަށާއި ފިހާރަތެރޭގައި ފައިސާ ނުބެހެއްޓުމަށް އިލްތިމާސްކުރަމެވެ." ފުލުހުން ވިދާޅުވެފައިވެއެވެ.