''ރައްކާ ކެމްޕެއިން'' ގެ ފަހިރާސްތާ ޕްރޮގްރާމް ފަށއިފިއެވެ. މިއީ މަގު ބޭނުންކުރާ ފަރާތްތައް އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށާއި، މަގުމަތީގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލޭގައި އިއްޔެ މި ޕްރޮގްރާމް ފައްޓަވައިދެއްވީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އާޠިފްކަމަށެވެ. އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްއާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ، ޝީޝާ މޯލްޑިވްސް، ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް އަދި ރެޑް ކްރެސެންޓުގެ ބޭފުޅުން ބައިވެރިވެލެއްވި ކަމަށްވެސް ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ ދަށުން އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ރަމަޟާން މަހު މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށް ތަފާތު މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ހައިވޭގެ ހަތަރު ލޭން ހިމެނޭ ސަރަހައްދުގައި ޗެކް ޕޮއިންޓު ބަހައްޓައި އުޅަނދުތައް ހުއްޓުވައި ބަލާފަައިވެއެވެ.

އެގޮތުން ހުއްޓުވި އުޅަނދުތަކުގެ ތެރެއިން އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދު ދުއްވި މީހުންނަށް ޕެޓްރޯލް ގިފްޓް ވައުޗަރާއި އުޅަނދު ދޮވުމުގެ ގިފްޓް ވައުޗަރ އަދި ރައްކާތެރި ހެލްމެޓު ހަދިޔާކޮށްފައިވެއެވެ. ރަމަޟާން މަހުގެ ނިޔަލަށް މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

އޭގެ އިތުރުން، އެކްސިޑެންޓުވާ މީހާއަށް އެހީތެރިވާނެގޮތުގެ ސިނާރިއޯއެއް ރެޑް ކްރެސެންޓުގެ ފަރާތުން ކުރިއަށް ގެންގޮސްފައިވެއެވެ.

ފުލުހުން ވިދާޅުވީ ފަހިރާސްތާ ޕްރޮގްރާމްގެ ދަށުން، ސްކޫލުތަކުގެ ދަރިވަރުންނަށާއި އޮފީސްތަކުގެ މުވައްޒަފުންނަށް މައުލޫމާތު ދިނުމަށާއި މަގުމަތީގައި ހުރި ޓްރެފިކް ނިޝާން ބޯޑުތައް ރަނގަޅުކުރުމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ މައުލޫމާތު ހިމެނޭ ބިލްބޯޑުތައް މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ރޯޑް ޕޮލިސް، އެޗްޑީސީ، ޝީޝާ އަދި ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް ގުޅިގެންނެވެ.