އޭނާ ލަފާ ކުރިވަރަށް ވުރެ ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ލީގް، ސައުދީ ޕްރޯ ލީގް މާވަރުގަދަ ވެފައި ވާދަވެރިކަމަށް މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށް މިއަހަރުގެ ޖެނުއަރީ މަހު ސައުދީގެ މުއްސަނދި ކްލަބު އަލް- ނަސްރަށް ދުނިޔޭގެ ރެކޯޑް މުސާރައަކަށް ސޮއި ކުރި ރޮނާލްޑޯ ބުނީ ސައުދީއިން ރާވާފައިވާ ޕްލޭނާ އެއްގޮތަށް ކުރިއަށްދާނަމަ ކުރިއަށް އޮތް ހައެއްކަ އަހަރު ތެެރޭގައި ދުނިޔޭގެ އެންމެ ވަރުގަދަ 5 ލީގުގެ ތެރޭގައި ސައުދީ ލީގް ގުނާލެވޭނެ ކަމަށެވެ. މިވަގުތު ސައުދީ ލީގް ރޭންކް ކުރެވިފައިވަނީ 44 ވަނައަށެވެ. މިއީ އާޖެންޓީނާގެ ދެވަނަ ޑިވިޜަނަށްވުރެ ދަށް ރޭންކެކެވެ.

"ސައުދީ ލީގް ވަރަށް ވާދަވެރި. އެއީ އިނގިރޭސި ޕްރިމިއަރ ލީގެއް ނޫން. އަހަރެން ނެތިން ދޮގު ހަދާކަށް. އެކަމަކު ސައުދީ ލީގުގެ ފެންވަރާމެދު އަހަރެން ހުރީ ހައިރާންވެފައި" މިވަގުތު ޕޯޗުގަލް ގައުމީ ޓީމާއެކު ޔޫރޯ ކޮލިފައިންއަށް ތައްޔާރު ވަމުން އަންނަ ރޮނާލްޑޯ ބުންޏެވެ.

"ސައުދީން ޕްލޭން ކޮށްފައިވާ ގޮތަށް ކުރިއަށްދާނަމަ ކުރިއަށް އޮތް 5.6،7 އަހަރު ތެރޭގައި ދުނިޔޭގެ 4 ނުވަތަ 5 ވަނަގައި މިލީގް ގުނާލެވޭނެ" ރޮނާލްޑޯ ބުންޏެވެ.

16 ޓީމު ވާދަކުރާ ސައުދީ ޕްރޯ ލީގުގައި ރޮނާލްޑޯ ކުޅެމުން އަންނަ އަލް ނަސްރު މިވަގުތު އޮތީ މިހާތަނަށް ކުޅުނު 21 މެޗުން 49 ޕޮއިންޓް ހޯދައި ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި 50 ޕޮއިންޓާއެކު އޮތީ އަލް އިއްތިހާދެވެ. ތިންވަނައިގައި އަލް ޝަބާބް އޮތީ 44 ޕޮއިންޓާއެކުއެވެ.

ސައުދީ ލީގަށް ރޮނާލްޑޯ ވަރަށް ބޮޑަށް ތައުރީފްކޮށް ވާހަކަ ދައްކާފައިވާއިރު، ސައުދީއިން މަސައްކަތް ކުރަމުން ދަނީ އެގައުމުގެ ފުޓްބޯޅަ ކުރިއެރުވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މިހާރު އަމާޒު ހިފާފައި ހުރީ ކައިރި މުސްތަގުބަލެއްގައި ވަރލްޑް ކަޕް ބޭއްވުމަށް ބިޑް ކުރުމަށެވެ. ދާދިފަހުން ސައުދީން ވަނީ ފީފާ ކްލަބް ވަރލްޑް ކަޕް އެގައުމުގައި ބޭއްވުމާމެދު ފީފާއާއެކު އެއްބަސްވުމަކަށް އައިސްފައެވެ.