އައްޑޫ ޓުއަރިޒަމް ޒޯން ތަކަށް ޕްރޮޕޯޒަލް ހުށަހެޅުން މާދަމާ ފަށާނެއެވެ.

މިއީ އައްޑޫ ވައުދު ނާމާގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން އައްޑުއަށް ކޮށްދެއްވަން ވައުދުވެ ވަޑައިގެންނެވި މުހިއްމު ކަންކަމުގެ ތެރޭގައި ހިމެނޭ އެއްކަމެވެ. އެ ވައުދުގެ ދަށުން އައްޑޫގައި 4000 ގެސްޓްހައުސް އެނދު ގާއިމު ކުރުމަށް ހަމަޖެހިފައިވެއެވެ. އެ ވައުދު ފުއްދުމަށް އައްޑޫ ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް ޓުވަރިޒަމް ގުޅިގެން ކުރައްވާފައިވާ އިއުލާނާއި ގުޅިގެން ބިޑް ބައްލަވައިގެންނެވި ފަރާތްތަކުން ޕުރްޕޯސަލް ހުށަހަޅަން ފެށުމަށް ހަމަޖެހިފައިވަނީ 21 ޑިސެމްބަރ 2020 ގައެވެ.

އައްޑޫ ގެ ފަސް ސަރަހައްދެއްގައި ރައީސުލްޖުމުހޫރިއްޔާ ވަނީ ޓުވަރިޒަމް ޒޯން ކަނޑައަޅުއްވައިފައެވެ. ކަނޑައެޅުއްވި ސަރަހައްދު ތަކުގައި މިނިސްޓުރީ އާއި ކައުންސިލް ގުޅިގެން ތައްޔާރު ކުރި ކޮންސެޕްޓަކާއި އެއްގޮތަށް ޒޯންތަކުން ކަނޑައެޅި ކެޓަގަރީތަކަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލުމުން އައްޑޫގައި ގެސްޓުހައުސް އަދި ސިޓީ ހޮޓާ އެޅުމަށް 65 ފަރާތަކުން ބިޑް ގަނެފައިވާ ކަމުގައި އައްޑޫ ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފް ވިދާޅުވިއެވެ.

ޔަސްރިފް ވިދާޅުވި ގޮތުގައި ފަސް ކެޓަގަރީ އެއް ހިމެނޭ ގޮތަށް ތައްޔާރު ކުރެވިފައިވާ ޓުއަރިޒަމް ޒޯން ތަކުގައި ބިންތަކުގެ ތެރެއިން 2400 އަކަފޫޓުގެ ބިން ތަކާއި، 3000 އަކަފޫޓުގެ ބިން ތަކާއި 5000 އަކަފޫޓުގެ ބިންތަކުގައި އެޅުމަށް ހަމަޖައްސަވާފައިވަނީ ގެސްޓު ހައުސް ތަކެވެ. މިގޮތުން އީ ކެޓަގަރީގެ 2400 އަކަފޫޓުގެ ބިމެއް ލިބޭ ފަރާތުން 10 ކޮޓަރި މަދުވެގެން އަޅަން ޖެހޭ އިރު ޑީ ކެޓަގަރީގެ 3000 އަކަފޫޓުގެ ބިމެއްގައި މަދުވެގެން 15 ކޮޓަރި އަޅަން ޖެހެއެވެ. 5000 އަކަފޫޓުގެ ސީ ކެޓަގަރީގެ ބިމެއްގައި މަދުވެގެން 25 ކޮޓަރި އަޅަން ޖެހެއެވެ. ސިޓީ ހޮޓާ އެޅުމަށް ކަނޑައަޅާފައިވަނީ 7000 އަކަފޫޓުގެ ބީ ކެޓަގަރީގެ ބިމާއި 10000 އަކަފޫޓުގެ އޭ ކެޓަގަރީގެ ބިމެވެ. ބީ ކެޓަގަރީގެ ބިމެއްގައި މަދުވެގެން 35 ކޮޓަރި އަޅަން ޖެހޭއިރު އޭ ކެޓަގަރީގެ ބިމެއްގައި މަދުވެގެން 60 ކޮޓަރި އަޅަން ޖެހެއެވެ.

21 ޑިސެމްބަރ ގައި ހިތަދޫ ގެ ޓުވަރިޒަމް ޒޯން އަށް ބިޑްގަތް ބޭފުޅުން ޕުރޮޕޯޒަލް ހުށަހަޅާ ގޮތަށް ހަމަޖެހިފައި އޮތް އިރު އެކި ކެޓަގަރީ ތަކަށް އެކި އެކި ވަގުތު ތައް ހަމަ ޖެހިފައި ހުރިކަން ފާހަގަ ކުރައްވާފައިވެއެވެ. 22 ޑިސެމްބަރުގައި ފޭދޫ ޓުވަރިޒަމް ޒޯން އަދި މަރަދޫ ޓުވަރިޒަމް ޒޯންގެ ޕުރޮޕޯޒަލް ތައް ބަލައިގަންނަ ގޮތަށް ހަމަޖެހިފައި ވެއެވެ. އަދި ހުޅުދޫ ޒޯނަށް ޕުރޮޕޯޒަލް ހުށަހެޅުން 23 ވަނަ ދުވަހަށް ޝެޑިއުލް ކޮށްފައި އޮތްއިރު 24 ވަނަ ދުވަހު މީދޫ ގެ ޓުވަރިޒަމް ޒޯނަށް ޕްރޮޕޯޒަލް ހުށަހެޅުން ކުރިޔަށް ގެންދާނެކަމަށް މައުލޫމާތު ދެއްވައެވެ. ހުރިހައި ޒޯނަކަށް ޕުރޮޕޯޒަލް ހުށަހެޅުމަށް ތާވަލުގައިވާ ގަޑިއަށް ޕުރޮޕޯޒަލް ހިއްޕަވައިގެން ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނީ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ އަށެވެ.

އައްޑުގެ ޓުވަރިޒަމް ޒޯން ތަކުގެ ލޭންޑްސްކޭޕިންގ މަސައްކަތަށް ކައުންސިލް އިންވަނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި، އިއުލާން ކޮށްގެން ކޮންޓްރެކްޓަރުން އައްޔަން ކުރައްވާފައެވެ. ލޭންޑްސުކޭޕިންގ މަސައްކަތް ނިމޭއިރު ވޯކްވޭއިސް ތަކާއި، އިމާރާތް ކުރުމަށް އިންވެސްޓަރސް އަށް ދޫކުރާ ޕުލޮޓްސް ތަކާއި ޒޯންގައި ގަސް އިންދުމާއި، ފެހިކުރުމާއި، ޒޯން އަށް ބޭނުންވާ ޔޫޓްލިޓީސް އަދި ޒޯން އާއި ގުޅިފައި އޮންނަ ބީޗް ހެދުމުގެ މަސައްކަތް ހިމެނިފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވެއެވެ.

"އުއްމީދު ކުރަނީ ހުރިހައި ޒޯންތަކަކަށްވެސް ބިޑް ބައްލަވައިގަތް ހުރިހާ ބޭފުޅުން ރަނަގަޅު ޕުރޮޕޯޒަލް ތަކެއް ހުށަހަޅުއްވާނެކަމަށް. މި ޕުރޮޖެކްޓުގެ ސަބަބުން އައްޑޫގައި ވަޒީފާ އުފެދި، އައްޑޫގެ އިގްތިސާދަށް ސީދާ ގޮތުން އަދި ނުސީދާ ގޮތުން ގިނަގުނަ ފައިދާ ކުރާނެ" ޑެޕިއުޓީ މޭޔަރ ޔަސްރިފް ވިދާޅުވިއެވެ.