މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ފީފާ ވަރލްޑް ކަޕް ފައިނަލުގައި ފްރާންސް ބަލިކޮށް ޗެމްޕިއަންކަން ހޯދުމަށްފަހު، 3 ތަރި ޖެހި ޖަރޒީގައި ފުރަތަމަ ފަހަރަށް އާޖެންޓީނާ މިރޭ ކުޅޭނެއެވެ.

ރާއްޖޭ ގަޑިން މިރޭ ފަތިހު 4:30 ގައި އާޖެންޓީނާ ނިކުންނާނީ ރަހްމަތްތެރި ކަމުގެ މެޗެއްގައި ޕެނަމާއާ ދެކޮޅަށެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އާޖެންޓީނާގެ ގައުމީ ޓީމަށް ހާއްސަ ކުރެވިފައިވާ "އެލް މޮނިއުމެންޓަލް" ސްޓޭޑިއަމްގައެވެ. 83،196 މީހުންގެ ޖާގައިގެ މިދަނޑަކީ ސައުތު އެމެރިކާގައިވެސް އޮތް އެންމެ ބޮޑު ދަނޑެވެ. މިއީ މިދިޔަ އަހަރު ބޭއްވި ވަރލްޑް ކަޕް ކާމިޔާބު ކުރުމަށްފަހު އާޖެންޓީނާ ކުޅޭ ފުރަތަމަ މެޗެވެ.

ވަރލްޑް ކަޕުގެ ޗެމްޕިއަންކަން އާޖެންޓީނާ ހޯދުމާއެކު އެގައުމުގައި ފުޓްބޯޅައިގެ ފޯރި ގަދަވެފައިވާ މިދުވަސްވަރު ސަލާމަތީ ބާރުތަކުން ދަނީ ޓީމުގެ ސެކިއުރިޓީ ކަންކަން ވަރަށް ވަރުގަދައަށް ބަލަހައްޓަމުންނެވެ.

ސަލާމަތީ ބާރުތަކުން އާޖެންޓީނާ ގައުމީ ޓީމަށް ހިމާޔަތް ދެނީ. ފޮޓޯ: ޓްވިޓަރ

އަނެއްކޮޅުން މިމެޗުގެ ޓިކެޓް ވިއްކަން ފެށިތާ ދޮޅު ގަޑިއިރު ތެރޭގައި ޓިކެޓް ވިއްކި ހުސްވެފައިވާ ކަމަށް މީގެ ހަފްތާއެއްހައި ދުވަސް ކުރިން ކަމާ ބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

ވަރލްޑް ކަޕް ކާމިޔާބު ކުރި ހުރިހާ ތަރިން ކަހަލަ ގޮތަކަށް މިރޭ ކުޅޭނެއެވެ. މީގެ ތެރޭގައި ކެޕްޓަން ލިއޮނަލް މެސީ އާއި އެންހެލް ޑިމާރިއާ، ކީޕަރު އެމީ މާޓިނޭޒް، ރޮޑްރިގޯ ޑިޕައުލް އަދި ހޫލިއަން އަލްވަރޭޒް އާއި މެކް އެލިސްޓާ އާއި އެންޒޯ ފެނާންޑޭޒް ފާހަގަ ކޮށްލެވެއެވެ.

އާޖެންޓީނާގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ޚަބަރު ފަތުރާ ގޮތުގައި ދަނޑަށް ސަޕޯޓަރުން ވައްދަން ފެށުމުގެ އެތައް ގަޑިއިރެއް ކުރިން ދަނޑު ކައިރިއަށް އެތައް ހާސް ސަޕޯޓަރުން ވަނީ ޖަމާވެފައެވެ.

އާޖެންޓީނާގެ އެތައް ހާސް ސަޕޯޓަރުން ދަނޑަށް ވަނުމަށް ކެތްމަދުވެފައި. ފޮޓޯ: ބީ/އާރު ފުޓްބޯލް

ޕެނަމާ މެޗަށްފަހު މިމަހުގެ 28 ވަނަ ދުވަހުވެސް އާޖެންޓީނާއިން އެގައުމުގައި އެކުވެރިކަމުގެ މެޗެއް ކުޅޭނެއެވެ. މިމެޗް އާޖެންޓީނާއާ ދެކޮޅަށް ނިކުންނާނީ ވެނަޒުއެލާގެ އުތުރުން 40 މޭލު ބޭރުގައި ޖަޒީރާ 5 ރަށުގެ މައްޗަށް އެކުލެވޭ ކުރަކައޯއެވެ. އެންމެ ދޮޅުލައްކައެއްހައި މީހުން ދިރިއުޅޭ ކުރަކައޯއަކީ ނެދަލޭންޑްސްގެ ހިމާޔަތުގައި އޮތް ގައުމެއްކަން ފާހަގަ ކޮށްލެވެއެވެ.