ޖަރުމަނުގެ ގަދަ ބާރު މަޝްހޫރު ބަޔާން މިޔުނިކުގެ ކޯޗް ކަމުގެ މަގާމުން ހޫލިއަން ނަގެލްސްމަން މިރޭ ވަކިކޮށްފިއެވެ.

ނަގެލްސްމަން،35، ބަޔާން މިޔުނިކުގެ ކޯޗް ކަމުގެ މަގާމުން ވަކިކޮށްފައި މިވަނީ ޖަރުމަނު ލީގުގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ 2-1 އިން ބަޔާ ލެވަކޫސަން އަތުން ބަލިވެ ތާވަލުގެ އެއްވަނަ މަގާމް ގެއްލިފައި ވަނިކޮށެވެ. ޖަރުމަނުގެ މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުން ނަގެލްސްމަންއަށް މަގާމް ގެއްލުމުގެ އަސްލަކީ ޖަރުމަނު ލީގުގައި ރަނގަޅު ނަތީޖާތަކެއް ނުނެރެވުމެވެ.

ޖަރުމަނު ލީގުގައި މިސީޒަނުގައި ބަޔާނުން ކުޅުނު 25 މެޗުގެ ތެރެއިން މޮޅުވީ 15 މެޗުންނެވެ. 7 މެޗުން އެއްވަރުވިއިރު ބަލިވެފައި ވަނީ އެންމެ 2 މެޗުންނެވެ. މިނަތީޖާތަކާއެކު ތާވަލުގެ ދެވަނައިގައި ބަޔާން އޮތީ 52 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި 53 ޕޮއިންޓާއެކު އޮތީ ވާދަވެރި ބްރޯޝިޔާ ޑޯޓްމަންޑެވެ. ލީގުގައި އޭޕްރީލް 1 ވަނަ ދުވަހު ބަޔާން ބައްދަލު ކުރަން ޖެހިފައި އޮތީވެސް ޑޯޓްމަންޑާއެވެ.

ބަޔާން މިޔުނިކުގެ ކޯޗް ކަމުގެ މަގާމަށް ނަގެލްސްމަން ހަމަޖެއްސީ 2021 ވަނަ އަހަރުގެ އޭޕްރީލް 21 ވަނަ ދުވަހުއެވެ. އޭނާގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަނުގައި ބަޔާން މިޔުނިކުން ވަނީ ޖަރުމަން ބުންޑަސް ލީގާ އާއި 2021 އަދި 2022 ވަނަ އަހަރުގެ ޖަރުމަން ސްޕަރ ކަޕް ކާމިޔާބު ކޮށްފައެވެ.

އަނެއްކޮޅުން ތަރިންގެ މައްޗަށް އެކުލެވޭ ޕީއެސްޖީ ކަޓުވާލާއި ބަޔާން ޗެމްޕިއަންސް ލީގް ކުއާޓާއަށް މީގެ ހަފްތާއެއްހައި ދުވަސް ކުރިން ގެންގޮސްދިނީވެސް ނަގެލްސްމަންއެވެ.