އައްޑޫ ސިޓީ ހިތަދޫގައި ބިނާކުރަމުން ގެންދާ ޕޮލިސް ޓްރެއިނިން ސެންޓަރަކީ އެއްވެސް ވަރަކަށް މިލިޓްރީއާ ގުޅުންހުރިތަނެއް ނޫންކަމުގެ ޔަގީންކަން ސީޕީ މުހައްމަދު ހަމީދު ދެއްވައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު މިހާރު އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު ވަނީ އެތަން ބައްލަވާލައްވައިފައެވެ.

އެތަން ބެއްލެވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސީޕީ ވަނީ އެތަނުގެ ރަސްމީ ނަންވެސް ހާމަކުރައްވައިފައެވެ. އެތަނަށް ކިޔާފައިވާ ރަސްމީ ނަމަކީ "ނެޝަނަލް ކޮލެޖު އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް" ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެތަނަކީ "އެއްގޮތަކަށް ވެސް މިލިޓްރީ ސްޓްރަކްޗަރއެއްނޫން. މިލިޓްރީއާ އެއްވެސް ގުޅުމެއްވެސް ހުރިތަނެއްނޫން މިއީ ދެ ހާސް ނުވަވަނަ އަހަރުން ފެށިގެން ދިވެހި ފުލުހުންގެ ތަމްރީން ދިނުމަށް މަރުކަޒެއް ގާއިމް ކޮށްދިނުމަށްޓަކައި އިންޑިއާ ސަރުކާރުގެ ހިލޭއެހީގެ ދަށުން ހިންގާ ޕްރޮޖެކްޓެއް. އެކިއިރު އެކި ލޮކޭޝަންތައް ލިބި އެތަންތަން ބެލި އެތަންތަން ބަދަލުވަމުން އައިސް އެންމެފަހުން އައްޑޫ ސިޓީގައި މިތަން ގާއިމްވެފައިވަނީ. ނޫސްވެރިންނަށް މިތަން ދައްކާލީމަވެސް ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ މިއީ އެއްގޮތަކަށް ވެސް މިލިޓްރީ މަސައްކަތެއް ކުރަން ހަދާފައިވާ ތަނެއްނޫންކަން،" ސީޕީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެތަނުގައި ހުންނާނީ ފުލުހުންނަށް ކިޔަވައިދޭ ކުލާސްރޫމްތަކާއި ބައެއްކަހަލަ ފިޒިކަލް ހަރަކާތްތައް ހިންގުމަށް ބޭނުންވާ ތަންތަނާއި ރެޕަލިން ޓަވާފަދަ ތަންތަން ކަމަށެވެ. އެފަދަ ތަންތަނަކީ އެއްގޮތަކަށް ވެސް މިލިޓްރީ ތަންތަނުގައި ހުންނާނެ ފެސިލިޓީ އެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ އެތަނާ ބެހޭ ގޮތުން ބައެއް މީހުން ކިތަންމެ ނެގެޓިވް ވާހަކަތަކެއް ފެތުރިޔަސް އެއީ ފުލުހުން ތަމްރީމް ކުރުމަށް ހަދަމުން ގެންދާ ދިވެހި ފުލުހުންގެ ތަނެއް ކަމަށެވެ.

ސީޕީ ވިދާޅުވީ އެތަން ހުޅުވުމުން ވަޒީފާ ދިނުމުގައި ވެސް އައްޑޫ ރައްޔިތުންނަށް އަދާކުރެވޭނެ ޒާތުގެ ވަޒީފާތަކަށް އެމީހުންނަށް އިސްކަން ދެއްވާނެ ކަމަށެވެ.