ޖަރުމަނުގެ އެންމެ ކާމިޔާބު ކްލަބް، ބަޔާން މިޔުނިކުގެ ކޯޗް ކަމުގެ މަގާމަށް ޕީއެސްޖީ އާއި ޗެލްސީ އަދި ޑޯޓްމަންޑުގެ ކުރީގެ ކޯޗް ތޯމަސް ޓުޗެލް ރޭ ދަންވަރު ހަމަޖައްސައިފިއެވެ.

ބަޔާން މިޔުނިކުގެ ކޯޗްކަމުގެ މަގާމަށް ޓުޗެލް ހަމަޖައްސާފައި މިވަނީ، ފާއިތުވެދިޔަ ސީޒަނުން ފެށިގެން އެކްލަބަށް އިރުޝާދު ދެމުން އަންނަ ހޫލިއަން ނަގެލްސްމަން ރޭ ވަކިކުރުމަށްފަހުއެވެ.

ސީޒަނުގެ މެދުތެރެއިން 2021 ވަނަ އަހަރު ޗެލްސީއާ ހަވާލުވެ އެކްލަބަށް ޗެމްޕިއަންސް ލީގް ޓުޗެލް ކާމިޔާބު ކޮށްދިނެވެ. އެކަމަކު ޖެހިގެން އައި ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ނުނެރެވޭ ކަމަށް ބުނެ ޗެލްސީން ޓުޗެލް މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އޭގެ ފަހުން އޭނާ އެއްވެސް ޓީމަކާ ހަވާލުވެފައެއް ނުވެއެވެ.

ޕީއެސްޖީގައިވެސް ކާމިޔާބު މަސައްކަތްތަކެއް ކުރި ޓުޗެލް ވަނީ 2020 ވަނަ އަހަރު ޗެމްޕިއަންސް ލީގް ފައިނަލަށް ޕީއެސްޖީ ގެންގޮސްދީފައެވެ. އެފަހަރު ފައިނަލުގައި ބަލިވީ ބަޔާން މިޔުނިކް އަތުންނެވެ.

ޑޯޓްމަންޑާއެކު 2017 ވަނަ އަހަރު ޖަރމަން ކާމިޔާބު ޓުޗެލް ކާމިޔާބު ކުރިއެވެ. އެކަމަކު ޖަރުމަނު ލީގް ޗެމްޕިއަންކަން ހޯދޭ ގޮތެއް ނުވިއެވެ.

ބަޔާން މިޔުނިކުގައި ޓުޗެލްއަށް ހަވާލުވާނެ އެންމެ ބޮޑު ޒިއްމާއަކަށްވާނީ ބުންޑަސްލީގާ ކާމިޔާބު ކުރުމާއި ޗެމްޕިއަންސް ލީގް ކާމިޔާބު ކުރުމެވެ. ލީގުގައި ޑޯޓްމަންޑުގެ ފަހަތުން ދެވަނައިގައި ބަޔާން އޮތްއިރު ޗެމްޕިއަންސް ލީގުގައި އޮތީ ކުއާޓާފައިނަލުގައެވެ.