ފުވައްމުލަކުގައި ހިންގާ މަޝްހޫރު ބާބާގާޑިއާއިން ރޯދަމަހަށް ޚާއްސަކޮށްގެން ފުޓުސަލް މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

ބާބާގާޑިޔާއިން ބުނީ މިއީ "ބާބާގާޑިޔާ ރޯދަ ފުޓުސަލް 1444" ނަމުގައި ބާއްވާ މުބާރާތެއް ކަމަށެވެ. މުބާރާތް ޚާއްސަކޮށްފައިވަނީ ފުވައްމުލައް ސިޓީއަށެވެ. މުބާރާތުގައި ވަނީ 8 ޓީމު ބައިވެރިވެފައެވެ. މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމަކަށް ވެސް ރަށުން ބޭރުގެ އެއް ކުޅުންތެރިއަކު ހިމެނުމުގެ ފުރުސަތު އޮންނާނޭ ކަމަށް ގާޑިއާއިން ބުންޏެވެ.

މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އެޕްރީލް ދެވަނަ ދުވަހުއެވެ. "ހުރިހާ ކަމެއް ރަނގަޅަށް ގޮސްފި ކަމަށްވާނަމަ ރޯދަމަހުގެ ފަހު ދިހައިގެ ކުރިން މުބާރާތް ނިމޭނެ އިރާދަ ކުރެއްވިއްޔާ،" ބާބާގާޑިޔާ ހިންގާ ހަސަން އަތީގު ބުންޏެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ކަނޑައަޅާފައިވަނީ ދިހަހާސް ރުފިޔާއެވެ. ދެވަނަ ޓީމަށް ފަސް ހާސް ރުފިޔާއެވެ. އޭގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރީން ހޮވައި އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ.

މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ރޭގަނޑު 9:00 ގެ ފަހުންނެވެ. މުބާރާތް އޮންނާނީ ފުވައްމުލައް ސިޓީގެ މައިލޯ ސްޓޭޑިމުގައެވެ.

މިބާރާތުގެ މެއިން ސްޕޮންސަރަކީ "ކިންގްސް ސްޕޯޓްސްއެމްވީ" އެވެ. މިއީ ބާބާގާޑިޔާއިން ބާއްވާ މިފަދަ ފުރަތަމަ މުބާރާތެވެ. ކުރިއަށްއޮތް ތަނުގައި މި މުބާރާތް އިތުރު ފޯރިއާއެކު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާނޭ ކަމަށް އަތީގު ބުންޏެވެ.

މި މުބާރާތުން ރާއްޖޭގެ މަޝްހޫރު ފުޓުސަލް ކުޅުންތެރީން ފެނިގެންދާނޭ ކަމަށް ވެސް އޭނާ ބުންޏެވެ.

މުބާރާތުގެ މަގުސަދަކީ ފުވައްމުލައް ސިޓީގެ ރައްޔިތުންގެ މެދުގައި އިޖުތިމާއީ ރޫހު އާލާކުރުމެވެ. އޭގެ އިތުރުން ހުނަރުވެރި ފުޓުބޯޅަ ކުޅުންތެރިން އުފައްދައި ކުޅެން ބޭނުންވާ ޒުވާނުންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުމަކީ ވެސް މުބާރާތުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.