ކުރިއަށް އޮތް ޖޫން މަހު ކޮންޓްރެކްޓް ހަމަވުމުގެ ކުރިން ލިއޮނަލް މެސީ އާއި ސާޖިއޯ ރާމޮސްގެ ކޮންޓްރެކްޓް އާކުރުވަން ބޭނުންވާ ކަމަށް ޕީއެސްޖީގެ ރައީސް ގަތަރުގެ ނަސީރު އަލް ޚެލައިފީ ވިދާޅުވެއްޖެއެވެ.

އަލް ޚެލައިފީ މިހެން ވިދާޅުވެފައި މިވަނީ، މީގެ ދެހަފްތާއެއްހައި ދުވަސް ކުރިން ބަޔާން މިޔުނިކް އަތުން ބަލިވެ ޗެމްޕިއަންސް ލީގް ދެވަނަ ބުރުން ޕީއެސްޖީ ކެޓުމާއި ގުޅިގެން އެކްލަބުގެ ސަޕޯޓަރުން މެސީއަށް ފުރައްސާރަ ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

އަނެއްކޮޅުން މިސީޒަން ނިމުމާއެކު މެސީ އެނބުރި އޭނާގެ ކުރީގެ ކްލަބް، ބާސެލޯނާއަށް ބަދަލުވާން އުޅޭކަމުގެ އަޑުތައް ދަނީ މީޑިޔާގައި ގަދަ ވަމުންނެވެ.

"މެސީ އާއި ރާމޮސް މިކްލަބުގައި މަޑު ކުރުވަން އަހަރެން ބޭނުން. މަސައްކަތް ކުރަމުން މިދަނީ އެދެކުޅުންތެރިން މަޑު ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ. މިކަމުގައި އަހަރެމެން ގޯސް ފިޔަވަޅެއް ނާޅާނަން. އެކަމަކު މިވަގުތު އެންމެ މުހިއްމީ މިސީޒަނަށް ފޯކަސް ކޮށްގެން ކުރިއަށް ދިޔުން" އަލް ޚެލައިފީ ވިދާޅުވިއެވެ.

"އަހަރެމެން ވަރަށް ބޮޑު އިސްކަމެއް އެބަދެން ޒުވާން ކުޅުންތެރިން ކުރިއަރުވަން. އެކަޑަމީ ތެރެއިންން ފާހަގަ ކުރެވޭ މޮޅެތި ކުޅުންތެރިން ޕީއެސްޖީގެ ސްކޮޑުގެ ތެރެއަށް ގެނައުމަކީ އަހަރެމެންގެ ވިސްނުމެއް" ކުރިއަށް އޮތް ތަނުގައި ޒުވާން ކުޅުންތެރިންނަށް އިސްކަންދޭނެ ކަން ހާމަ ކުރައްވަމުން އަލް ޚެލައިފީ ވިދާޅުވިއެވެ.

އަނެއްކޮޅުން 2025 ވަނަ އަހަރު ކޮންޓްރެކްޓް ހަމަވާ ނުރައްކާތެރި ފޯވާޑް ކިލިއަން އެމްބައްޕޭގެ ކޮންޓްރެކްޓް އާކުރުމުގެ މަޝްވަރާތައްވެސް ބޭއްވޭތޯ އަލް ޚެލައިފީ ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.