ނަބިއްޔާގެ ސީރަތުން ތަރުބަވީގޮތުން އަޅުގަނޑުމެންގެ ޙަޔާތަަށް އެތައް ބަދަލެއް ގެނުވާނެކަމަށް ޑރ. ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ. ޑރ. އަލީ ޒާހިރު މިހެން ވިދާޅުވީ ”ލޮބުވެތި ނަބިއްޔާ ﷺގެ ޙަޔާތްޕުޅުން” މި މައުޟޫޢަށް އައްޑޫ ހައި ސްކޫލު ހޯލްގައި ހުކުރު ދުވަހުގެ ރޭ ބޭއްވި އިޙްޔާ ފޯރަމުގައި ތަޤްރީރު ކުރައްވަމުންނެވެ.

އިސްލާމިކް މިނިސްޓްރީއިން ވިދާޅުވީ އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ އަތޮޅުތަކުގެ އިޙްޔާ ފޯރަމްގެ ފުރަތަމަ ފޯރަމްގައި ތަޤުރީރުކުރެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ، އަލްއުސްތާޛް މުޙައްމަދު އަނީލްއާއި ޑރ. ޢަލީ ޒާހިރުކަމަށެވެ.

އެގޮަތުން މި ފޯރަމްގައި ތަޤްރީރުކުރައްވަމުން ޑރ. އަލީ ޒާހިރު ވިދާޅުވީ ރަސޫލާ ﷺގެ ސީރަތަކީ ކިޔައި، އަޑުއަހައި، ފޫހިނުވާނެފަދަ ތަރުބަވީގޮތުން އަޅުގަނޑުމެންގެ ޙަޔާތަަށް އެތައް ބަދަލެއް ގެނުވާނެ ކަމެއްކަމަށެވެ. އެގޮތުން އަޅުކަންތަކާއި، މީހުންނާއި މުޢާމަލާތުކުރައްވާ ގޮތާއި، އެކަލޭގެފާނުގެ އަޚްލާޤަށް ބައްލަވާލެއްވިއެވެ.

މީގެ އިތުރުން އިންސާނެއްގެ އަޅަކަށްވުމަކީ ނިކަމެތިކަމެއް، ދެރަކަމެއް ކަމަށާއި އެހެންނަމަވެސް މުޅި ކާއިނާތުގެވެރި އިލާހުގެ އަޅަކަށްވުމަކީ އެ އަޅަކަށް ލިބޭ މަތިވެރިކަމެއް އަދި ޝަރަފެއްކަމަށް ވިދާޅުވި އެވެ. ޑރ. އަލީ ޒާހިރުގެ ވާހަކަފުޅުގައި ރާސޫލާ ﷺ ގެ ޙަޔާތްޕުޅުގައި ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުތަކަށް އިސްކަންދެއްވާ މިންވަރު ތަފްސީލުކޮށްދެއްވިއެވެ. އަދި ރޯދަހިއްޕެވުމާއި، ޞަދަޤާތްކުރެއްވުމުގައި ޢަމަލު ކުރެއްވި ގޮތްތަކަށް ބައްލަވައި އެކަލޭގެ ފާނުގެ ޙަޔާތްޕުޅުގައި ދިމާވެފައިވާ އެކިއެކި ހާދިސާތައް ތަފްސީލުކޮށްދެއްވި ކަމަށްވެސް އެފަރާތުން ވަނީ ވިދާޅުވެފައެވެ.

މި ފޯރަމްގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛް މުޙައްމަދު އަނީލް ތަޤުރީރުކުރައްވަމުން، ރާސޫލާ ﷺގެ ރިވެތި އަޚްލާގުފުޅަށް ވަރަށް ތަފްސީލީ ގޮތެއްގައި ބައްލަވާލެއްވިއެވެ. އެގޮތުން އެކަލޭގެފާނު އެންމެ އާދައިގެ މީހަކާ މުޢާމަލާތުކުރައްވާއިރުވެސް އެމީހަކީ ވަރަށް މުހިންމު މީހެއްކަން ދޭހަވާފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާކަން ފާހަގަކުރައްވައި އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ދިމާވި އޭގެ ބައެއް މިސާލުތައް ތަފްސީލުކޮށްދެއްވިއެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅަށް ވިސްނައި އެގޮތަށް އަޅުގަނޑުމެން އަމަލުކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ. އަދި އޯގާތެރިކަމާއި ހިތްހެޔޮކަމާ މިކަންކަމަކީ ރަސޫލާ ﷺގެ ކިބައިގައި އާދަޔާ ޚިލާފަށް ހުންނެވި ކަންކަން ކަމަށްވެސް ސްޓޭޓް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އައްޑޫ ސިިޓީގައި ކުރިއަށް ގެންދިޔަ މި ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަހްމަދު ޒާހިރު ޢަލީވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އަތޮޅުތަކުގައި ބާއްވާ އިޙްޔާ ފޯރަމްތަކުގެ ތެރެއިން ދެން އެންމެ އަވަހަށް އޮންނާނީ މިމަހުގެ 31 ވާ ހުކުރު ދުވަހުގެ ރޭ ކުޅުދުއްފުށީ ސިޓީގައި އޮންނަ އިޙްޔާ ފޯރަމެވެ.