މިއީ އައްޑޫގައި އިނގިރޭސިން އުޅުނު ޒަމާނުގެ ފަހަތުން އައި ދުވަސްވަރެއްގެ ވާހަކައެކެވެ. ގަމުގައި ވަޒަންވެރިވެގެން އުޅުނު އިނގިރޭސިންގެ ސަބަބުން އައްޑޫ މީހުންގެ ތަފާތުކަމެއް ހުންނަކަމަށްވެއެވެ. އަދިވެސް އެތަފާތުގެ ވާހަކަ ދެކެވެއެވެ. މިއީވެސް އެބުނާ ކަހަލަ އިނގިރޭސިންނާ އޮތް ގުޅުމާއި ބުނުންތަކުގެ ތެރެއިން އައިސްފައިވާ ތަފާތު ވާހަަކައެކެވެ.
އިނގިރޭސިންނާއެކު އުޅުމުގެ ސަބަބުން އިނގިރޭސި މާމޮޅަށް އެނގޭ މީހެކެވެ. މީނާއަކީ އިނގިރޭސިން ގަމުގައި އުޅުނުއިރު އެމީހުންނާއެކު އެއްސުފުރާއިން ކައިބޮއި އުޅުނު އެމީހުންގެ މާގާތް މީހެކޯލަައެވެ. އިނގިރޭސިރާނީ ރާއްޖެ ވަޑައިގެންނެވި ހުރިހާ ދަތުރެއްގައި މީނާއަށް ހާއްސަ ދައުވަތުދީ ޓިކެޓް ދީގެން ރާނީއާ ވާހަކަދެއްކުމަށް ތަރުޖަމާނެއްގެ ގޮތުން މީނަ ގެންދެޔޯލައެވެ. މީނާގެ ނަން އިތުރަށް މަޝްހޫރުވީ ނިކަން ވަރުގަދަ ދެތިން ހާދިސާއެއްގެ ވާހަކަ މީހުންގެ މެދުގަައި ވަަރަށް މަޝްހޫރެވެ.
އޭރުވެސް މިހާރުވެސް ގަމުގައި ހުރި އޭރުގެ އޯޝަންރީފަށް ވުމުގެ ކުރިން އަދި އެހެން ނަމެއްގައި ހުރި މިހާރުގެ އީކުއޭޓާރ ވިލެޖްއެވެ. އެތަނުގައި އޮތް ޕޫލެއްގެ ވާހަަކައެވެ. ކޮންމެވެސް އާއިލާއަކާއެކު އީކުއޭޓާވިލެޖަށް ގޮސް އުޅުމުގެ ތެރޭގައި ޔޫއެސްއަހައްމާގެ އަނބިގޮއްޔެއަށް ޕޫލް މާކަމުދިޔައީޔޯލައެވެ. ދެނަކާދެނެއް ނެތެވެ. އަހަންމާއަށް ޕޫލެއް ހެދުމަކީ އެހާ ބޮޑުކަމަކަށް ނުވާނެތާއެވެ. އިނގިރޭސިންނާއެކު އުޅެބޮޑުވެ ގުޅުން އޮވެއެވެ. ހަމަ ވަގުތުން ޕަޓަޕަޓަ ސްކޫޓަރުގައި އީކުއޭޓާރއަށް ގޮސް ޕޫލުގެ ވާހަކަ އޮޅުންފިލުވައިފިއެވެ. ގެއަށް އައީ ހެވި ދިއްލިފައި ހުރެގެންނެވެ. ހިސާބުގަނޑުން ހެދޭފުރައިގެ ކުދިންކޮޅެއް ގޮވައިގެން އައިސް ގޭގެ ފުރަގަހުގައި އޮތް ހުސްބިމުން ތަންގަނޑެއް ސާފުކުރުވައިފިއެވެ. އަޒީޒާ ހުރީ އުފަލުން ފޮޅިފައެވެ. އޭނާއަށް އަހަންމާއާ އިނދެވުނުކަމުގެ އުފާވެރިކަން ހީވެފައި ފޮނިބޮޑުވެފައެވެ.
ސާފުކުރިތަނުގެ ވަށައިގެން ގާ އަތުރާ ދެފޫޓަކަށް ވަށްފާރެއް ރާނައިފިއެވެ. ދެން އެކުރީ ކީއްކަމެއް ބަލާކަށް އަޒީޒާއަށް ނުހުރެވުނީ ދަރިންގެ ކަންތައް ކުރަން ޖެހޭތީ ބިޒީވެގެންނެވެ. އޭގެ އަނެއް ދުވަހު ހެނދުނު ތެދުވެގެން އަހަންމާ ދިޔައީ ޕޫލުގެ މަސައްކަތުގައި ކަމަށް ހީކޮށް އުފަލުން އަޒީޒާވެސް ގޭތެރެ ހަަމަޖައްސާފައި އެދިމާއަށް ނުކުންނަން އަަވަސްވަމުން ދިޔައެވެ. މެންދުރުން ލަބައި ދޭއްޖަހަން އުޅެނިކޮށް ގެއަށް އައިސް ވަނީ އަވަށްޓެރި ދޮންބީފާނެވެ.
"އޭތް އަޒީޒާ. މިގޭ ފަހަތު އެއޮތް ތަނަކުން ދުވާ ކުނިވަހެއް ދޯ، ކަލޭގެ ނޭފަތުވަސްކަށިގަނޑު ބިންދައިގެން ގޮސްފައިތާ ތިހިރީ...ގައިމު މިގޭ މަގުން ނުހިގޭ، މިއަދު ހެނދުނުއްސުރެ އެވަހެއް ގަދަވަމުން އައިސް މަގުހިނގުމަށް ކުޅަދާނަ ނުވެގެން މި އައީ."
އަޒީޒާ ދުފުންގަނޑު ހެޔޮވަރުކޮށްލާފައި ދޮންބީފާނު އެދައްކާ ވާހަަކައެއް ބަލަން ދާން ކަމަށް ހީކޮށް ނުކުންނަން އުޅެނިކޮށް ބޭރުން މާ މީހުން ގިނަވެ އަޑުގަދަވެއްޖެއެވެ. ބޭރަށް އަވަހަށް ނުކުމެ ބަލާލިއިރު އަހަންމާއާއެކު ރަށު އޮފީސް ސޮރަކުވެސް އާދެއެެވެ. އެމީހުންގެ ފަހަތުން އަހަންމާއާއި އަޒީޒާގެ ތޭރައަހަރުގެ ފިރިހެންދަރިފުޅުވެސް ދިޔައެވެ. އެންމެން ދިޔައީ ގޭގެ ފުރަގަހުގައި އަހަންމާ ޕޫލް ހަދަން ތައްޔާރުކުރާ ތަނަށެވެ. އަޒީޒާ ހިތަށް އެރިއެވެ. އެންމެނަށް މިކަން ފެނުނީތާއެވެ. ދެން އެއުޅެނީ މިތަން ނުހެދޭނެއޭ ބުނަންކަން ޔަގީނެވެ. ކިހާދެރަކަމެއްހެއްޔެވެ.
ތުންތަޅުވަމުން ދޮންބީފާނާއެކު ގޭގެ ފަހަތަށް ދާން ނެގި ފިޔަވަޅުތައް އެދިމާއަށް ކައިރިވާވަރަކަށް ރޯމަސްކުނި ވަހެއް ގަދަ ވަމުން އެބަދެއެވެ. އެދިމާއަށް ނުކުމެވުނު އިރު ބަޔަކު އެއްކަލަ ރާނާފައި ހުރި ގާގަނޑުތެރެއިން ގޯންޏަކަށް އެއްޗެހިތަކެއް ލަނީއެވެ. އެންމެން ތިބީ އެދުވާ ވަހަކުން މޭބޮޑުވާ ވަރުވެފައެވެ.
ތަންސާފުކޮށް ކްލޮރިންއާއި ޑިޓޯލް އަޅާ ހަދާފައި ގޯންޏަކަށް އެނެގި އެއްޗަކާއެކު އަހަންމާ ގޮވައިގެން ރަށުއޮފީހުން އައި ޓީމް އަހަންމާ ގޮވައިގެން ހިނގައްޖެއެވެ. އަޒީޒާއަށް ވީނުވީ ބަލާކަން ނުވެސް ހުރެވޭނެތާއެވެ. ބަތްތަވާ ހުރީ ކައްކަން އުނދާފައެެވެ. އެ ދުން ގެންފާނެތީ އަވަަހަށް ދޮންބީފާނަށްވެސް ސަލާމް ބުނެފައި ގޭތެރެއަށް ވަދެއްޖެއެވެ.
"ބައްޕައާހެދި ލަދުން ބޯހަލާކު. މަންމަވެސް ދެން އަޅެ މޮޔައެއް ނޫންތަ،،،،ގޭގެ ތެރޭގައި ސްވިމިންޕޫލެއް އެހެން ނުހެދޭނެކަން ނޭނގުނީތީ ސާބަސް......" ދޮށީ ފިރިހެން ދަރިފުޅު ގެއަށް ވަންގޮތަށް ނުރުހިފައި ބުނެލިއެވެ.
"ކީކޭ ދަރިފުޅު ތި ކިޔަނީ..." މާނޭވާ ލަމުން ގޭތެރެއަށް ވަނދެގެން އައި އަހަންމާގެ އަޑު އިވުނެވެ. "ބައްޕަ ކަންތައްކުރީ ރަނގަޅަށޭ. ޕޫލު ހެދިދާނެކަމުގެ ބިރު ހީވެގެން އަވަހަށް އައިސް އެކަން ހުއްޓުވާފައެއްނު އެދިޔައީ...."
"އެކަމަކު ބައްޕާ....ރޯ މަހޭ އެތަނުގައި ބަހައްޓާފައި ހުރީ.... އެކުނި ވާ ވަހަށް މީހުން ރިޕޯޓޭ ކުރީ...."
"ނޭނގޭ ވާހަކަ ނުދައްކާ އަނގަ މަޑުކޮށްގެން ހުރެ.....ދަރިފުޅުމެނަށް އެނގޭނީ ކޯޗެއް....އީކުއޭޓާރގައި އޮތް ޕޫލު ތައްޔާރު ކުރި މީހާއާ ވާހަަކަ ދައްކާފައޭ އަހަރެން އައިސް މަސައްކަތް ފެށި.... އޭނަ ނުހަނު ރީތިކޮށް ސާފުބަހުން ބުނި 6 މަންތޭ...6 މަހުންނޭ ފެންގަނޑު ހެދީ.....އޮފީހުން ހުއްދަ ނުހޯދާ އެވަރުގެ ކަމެއް ކުރިއަދޭނެތަ!"
ގްރޭޑް އަށެއްގައި ކިޔަވާ ދަރިފުޅާއި ގްރޭޑް އެކެއްގައި ކިޔަވާ ދަރިފުޅާ ދެކުދިން އެކަކު އަނެކަކަށް ބަލާފައި ހީނގަތީ ބާރަކަށެވެ. ވާނުވާ ނޭނގިފައި ހުރި އަޒީޒާއަށްވެސް ވިސްނުނީދެނެވެ. ހަމަހުން ފެންގަނޑެއް ހެދުނަސް ހަ މަހަކުން ފެންގަނޑެއް ނުހެދޭނެތާއެވެ.