މިދިޔަ އަހަރު ވަރލްޑް ކަޕުގެ ހަތަރު ވަނަ ހޯދައި ދުނިޔެ ސިއްސުވާލި މޮރޮކޯއިން ރަހްމަތްތެރިކަމުގެ މެޗެއްގައި މަޝްހޫރު ބްރެޒިލް 2-1 އިން ރޭ ބަލިކޮށްފިއެވެ.

މޮރޮކޯގެ 65،000 ސަޕޯޓަރުންގެ ޖާގައިގެ އިބްން ބަތޫތާ ދަނޑުގައި ކުޅުނު މި މެޗުގެ 29 ވަނަ މިނިޓުގައި މޮރޮކޯ އިން ލީޑު ނެގީ ސުފިއާން ބޫފާލް ޖަހައިދިން ލަނޑުންނެވެ. އެކަމަކު ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައި ކެޕްޓަން ކަސެމީރޯގެ ލަނޑުން ބްރެޒިލުން ނަތީޖާ ހަމަހަމަ ކުރިއެވެ. މެޗުން މޮރޮކޯ މޮޅުވި ލަނޑު 79 ވަނަ މިނިޓުގައި ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި އަބްދުލްހަމްދީ ސަބީރީ އެވެ.

މޮރޮކޯގެ ހެޑް ކޯޗު ވަލީދު ރެގްރަގީ ވަނީ މި މެޗަށް ވޯލްޑް ކަޕް ގައި އެޓީމުގައި ހިމެނުނު ކުޅުންތެރިންގެ އިތުރުން ގައުމީ ޓީމަށް މުޅިން އާ ހަތް ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ.

ވަގުތީ ގޮތުން ބްރެޒިލާ ހަވާލުވެ ހުރި ކޯޗް ރަމޯން މެނޭޒެސް ވަނީ މޮރޮކޯއާ ދެކޮޅަށް ނޭމާ އާއި މާކީނިއޯ އަދި ރިޗަލްސަން ފިޔަވައި، ވަރލްޑް ކަޕުގައި ކުޅުނު ހުރިހާ ކުޅުންތެރިން މިމެޗުގައި ބޭނުން ކޮށްފައެވެ.

މިއީ މޮރޮކޯ އަތުން ބްރެޒިލް ބަލިވި ފުރަތަމަ މެޗުކަން ފާހަގަ ކޮށްލެވެއެވެ.