ހަލީގެ ދަރުބާރުގެ އަހުލުވެރިންނަށް އަހަރެން ކިޔައިދޭން މިއުޅެނީ ވަރަށް އަސަރުކުރާ ކަހަލަ ލޯބީގެ ވާހަކައެކެވެ. އަހަރެންގެ އަލަތު ލޯބީގެ ހިތި ތަޖުރިބާއިން ސަލާމަތްވުމަށް ރާއްޖެ ދޫކޮށް މިހާރު ދިރިއުޅެމުން މިއަންނަނީ އިޓަލީގެ ޕައްލަންޒާގައެވެ. މިތަނުގައި އަހަރެން ކަހަލަ ލޯބީގެ ވޭނުން ސަލާމަތް ވުމަށް އައިސްތިބި އެހެން ދެ އެކުވެރިއަކުވެސް އުޅެއެވެ. އެމީހުންގެ ވާހަކަވެސް މިދަރުބާރުގައި ގެނެސްދޭނެއެވެ.
ހަލީގެ ދަރުބާރުގެ އެކުވެރިންނޭވެ. އަހަންނަށް ދިމާވީ ވަރަށްވެސް ނާއިންސާފުވެރި އަދި އެހާމެ ވޭން ދެނިވި ގޮތެކެވެ. އުމުރުދުވަހަށް އެ ވޭނަށް ފިލައިގެން އުޅެން ކަމަށް ހީކޮށްގެން މިހާ ދުރުގައި އުޅޭއިރުވެސް ދޭތެރެއަކުން އެ ވޭނީ ހަނދާންތަކާ ކުރިމަތިލާން މަޖުބޫރުވެއެވެ.
އަހަންނަކީ އުތުރުގެ ރަށަކަށް ނިސްބަތްވާ މަންމައަކާއި ބައްޕައެއްގެ ދެކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. އަހަރެމެން އުޅެމުން އައީ ވަރަށް އުފާވެރިކަމާއެކު ގުޅިގެންނެވެ. ބައްޕައަކީ އަމިއްލަ ވިޔަފާރި ހިންގާ އަތޮޅު ފެންވަރުގެ މުއްސަންޖެއްކަމުން ވަރަށް ހަމަޖެހިގެންނެވެ. އަހަރެންގެ އުމުރުން ސަތާރައަހަރުގައި އާއިލާ މާލެ ބަދަލުވެއްޖެއެވެ. ސުކޫލު ނިމިފައި ހުރުމުން އެންމެ ކުރާ ހިތްވާ މަސައްކަތް ބައްޕަ ގާތުގައި ހުރެގެން ދަސްކޮށްގެން ބައްޕަގެ ރިސޯޓުގައި އެފްއެންބީ މެނޭޖަރެއްގެ ވަޒީފާ އަދާ ކުރަން ފެށިތާ ދެއަހަރު ފަސްވެ އަހަންނަށް ވިހި އަހަރު ފުރުނުއިރުވެސް މަގޭހިތް އޮތީ ހަމަހުހަށެވެ. ލޯތްބޭމިކިޔާ ޒާތުގެ އެއްވެސް ކަމަކާ ލައްވައެއް ނުލައެވެ.
އެހެންނަމަވެސް އެއަހަރު އަހަރެންގެ ހުސްހިތުގައި ރާނީއަކު ވެޑުވިގަތެވެ. ހަލީގެ ދަރުބާރުގެ އެކުވެރިންނަށް އެނގޭހެއްޔެވެ. އަހަރެންގެ އަލަތުލޯބިވެރިޔާއަކީ ވަރަށް ފުރިހަމަ އަންހެނެކެވެ. ރީތިހުސްކޮށްގެން އިން އެހާމެ މީރުވަސް ދުވާ އަންހެންސާހިބާއެކެވެ. ބޮލުގައި ގުލްހަޒާރުމާ ކޯޅިއެއް ހަރުކޮށްފައި ހުއްޓެވެ. އޭގެ ވަސް އަހަރެންގެ ނޭފަތުގައި ހަރުލައިފިއެވެ.
ފުރަތަމަ ނަޒަރުންވެސް ހިތް ކަތިލައިފިއެވެ. އަހަރެންގެ ހިތުގެ ރަނިކަން އަތުލައިގަތް މިގުލްހަޒާރުމަލާ ބައްދަލުވީ ރިސޯޓުގައި އޮތް ޑެލިގޭޝަނަކަށް އައި ބައެއްގެ ތެރެއިންނެވެ. ގުލްހަޒާރުމާ އައީ އެމީހުންނާއެކު މެހެމާނެއްގެ ގޮތުގައެވެ. އަހަރެންގެ ނޭފަތުގައި އެވަސް ހަރުލެއްވި ރޭ ވީ ވިއްސާރަ ރެއަކަށެވެ. ގުލްހަޒާރުމާ އިނީ އެކަނިވެފައިކަން އެނގުމުން ހޫނު ކޮފީތަށްޓެއް ހިފައިގެން އަހަރެން ދިޔައީ ޑިއުޓީވެސް ނިމިފައިވާތީއެވެ.
ގުލްހަޒާރުމަލާއި އަހަރެންގެ ލޯބީގެ ބާބު ފެށުނު ގޮތަށް ނުހަނު ސިއްރުސިއްރުން ކޮންމެ ހަފުތާއެއްގެ ހޯމަދުވަހުގެ ރޭ އަހަރެން މާލެދާން ފެށީ ގުލްހަޒާރުމަލާ ބައްދަލު ކުރުމަށް ކޮޓަރިއެއް ކުއްޔަށް ހިފައިގެންނެވެ. ގުލްހަޒާރުމަލުގެ ވަހުން އަހަރެން ހުންނަނީ އަބަދުވެސް ތާޒާވެފައެވެ. ހަލީގެ ދަރުބާރުގެ އެކުވެރިންނަށް ދެންވީ ގޮތް އެނގޭހެއްޔެވެ. އެދުވަސްކޮޅު ކުއްލިއަކަށް މަންމައާއި ބައްޕަ ކޮންމެވެސް ކަމަކާ ކޯޅިގެންފައި ވަކިވެއްޖެއެވެ. އަހަރެމެން ކުދިންނަށް ވަރަށް އަސަރުކުރިއެވެ. އެވަގުތު އަހަރެންގެ ހިތާމަތަކުގައި ގުލްހަޒާރުމާ ބަރާބަރަށް ހިއްސާވިއެވެ. އަހަރެންގެ ހިތާމަތައް ފިލުވައިދީ އެއުނދަގޫ ހާލަށް އެހީވިއެވެ.
މަންމަ ރަށަށް ދިއުމުން އަހަންނަށް މަންމަ ގާތަށް ދާން މަޖުބޫރުވީ ކުއްލިއަކަށް މަންމަ ވަރަށް ބަލިވުމުންނެވެ. މަންމަ ގާތަށް ދިޔަތަނާހެން މަންމަގެ ހާލު ބޮޑުވެގެން ރާއްޖެއިން ބޭރަށް ގެންދާން ޖެހިއްޖެއެވެ. އަހަރެންގެ ހަގަށް އިން ކޮއްކޮގެ އޯލެވެލް އަހަރުކަމުން މަންމަ ގޮވައިގެން އިންޑިޔާއަށް ފުރީ އަހަންނެވެ.
އެދުވަސްކޮޅު ގުލްހަޒާރުމަލާ ބައްދަލު ނުވެވުނަސް ފޯނުން ދިމާވެއެވެ. ގުލްހަޒާރުމަލަށް ވެސް ފައިސާގެ ދަތިކަން ދިމާވެގެން އުޅޭތީ އަހަރެންގެ އަމިއްލަ މިލްކުގައި ހުރި ފައިސާކޮޅު ހުރި ގޮތަށް އެކިފަހަރުމަތިން ދީ ހުސްވިއެވެ. މަންމަގެ ފަރުވާ ނިންމާފައި އައިސް ގުލްހަޒާރު މަލާ އިނދެގެން ގެއަށް ގެންދަން ވައުދުވެ ހުރިހާ ކަމެއް ނިންމާފައި ހިތްހަމަޖެހިގެން ފުރައިގެން ދިޔައީއެވެ.
ހަލީގެ ދަރުބާރުގެ އެކުވެރިންނޭވެ. އަހަންނަށް ލިބުނު އަނިޔާ އެހެން މީހަކަށް ނުލިބޭތޯ ދުއާކުރަމެވެ. މަންމަގެ ބޭސްފަރުވާއަށް ފަހު މަންމަ ގެންގޮސް ރަށަށް ލުމަށްފަހު އަހަރެން ގުލްހަޒާރުމަލަށް ގުޅަން މަސައްކަތް ކޮށްލީމެވެ. ފޯނުން ގުޅޭ ގޮތެއް ނުވިއެވެ. ދަންނަ މީހަކަށް ހުންނަނީ ގުލްހަޒާރުމަލުގެ މަންމަކަމަށް ދެއްކި މީހާއެވެ. މާލެއައިސް އެގެއަށް ގޮސް މަންމައާ ބައްދަލުވެލުމުން ދުނިޔެ އެނބުރިގަތެވެ.
އަންހެންމީހާ ބުނީ އެއީ ގުލްހަޒާރުމަލުގެ އެކުވެރިއެއް ކަމަށެވެ. އަދި ވަރަށް އަޖައިބުވެފައި ހުރެ ބުނެލިއެވެ. "ތިއީ އޭނައާ ބަލާފަ ކުޑަކުއްޖެއްނު. އޭނާ އެހެން ރީތިކޮށް ކުޑަކޮށް ހުއްޓަސް އެއީ ތިރީސް އަށް އަހަރުގެ ބޮޑު މީހެއްވިއްޔަ. އޭނަ ރޭ ނޫން އިހަށްރޭ މީހަކާވެސް އިނދެފި. މާލޭގެ މުއްސަންޖަކާ އިނީ. ވަރަށް ކުރިންވެސް ހިތާވެގެން އެފިރިހެން މީހާ މީހަކާވެސް އިނދެގެން ހުއްޓާ އެދެމެދަށް ވަދެގެން ކައިވެނި ރޫޅުވައިގެން މިހާރު އެމީހާ އާ އިނދެފި،"
އަހަންނަށް ވާނެ ގޮތް ތިޔަ އެކުވެރިންނަށް އިހުސާސް ކުރެވޭނެ ކަމެއް ނޭނގެއެވެ. ލިބިފައި ހުރި ޝޮކުގައި، އުޅޭ ކޮޓަރިއަށް ދިޔަތަނާ ބައްޕަގެ މެސެޖެއް ލިބުނެވެ. ބައްޕަ ވަރަށް މުހިންމު ކަމަކު އަހަރެމެން ދެކުދިންނާ ބައްދަލުކުރަން ބޭނުންވާތީ ކޮއްކޮ ހުންނަ ގެއަށް އަހަރެން ދިއުމަށް އެދިފައެވެ. އަނެއްކާ ބައްޕަ އެއުޅެނީ އަނބުރާ މަންމަ ގެންދަން މަންމަ ނުރުހިގެން، އެކަމަށް އަހަރެމެންގެ އެހީ ބޭނުންވެގެން ކަންނޭނގެއެވެ. އެހެންވެއްޖެނަމަ ކިހާ ރަނގަޅުހެއްޔެވެ. މަންމަވެސް އެއުޅެނީ ހިތުގެ ބައްޔެއްގައި ވިއްޔާއެވެ. ބައްޕަ ބުނެފައި އޮތް ގަޑިއަށް ތައްޔާރުވެގެން ދިޔައިރު ކޮއްކޮވެސް އިނީ އިންތިޒާރުގައެވެ. ގާތްގަނޑަކަށް ދިހައެއް ނުވަތަ ފަނަރަ ވަރަކަށް މިނިޓް ފަހުން ބައްޕަގެ އަޑު އިވިގެން އަހަރެމެން ބަލާލީމެވެ.
ހަލީގެ ދަރުބާރުގެ އެކުވެރިންނޭވެ. އަހަންނަށް ހީވީ މީހަކު މަގޭ ބޯ މައްޗަށް ކެކިކެކި ހުރި ތެޔޮ އެއްޗެއް އޮއްސާލިހެނެވެ. ބައްޕަގެ އަތާއި އަތް ގުޅާލައިގެން ކުރު މިޑީ އެއްގައި އުސްކަށްޓެއްގައި އާ ސްޓައިލަކަށް ބޯ ހަދައިގެން މޭކަޕާއި ޖަވާހިރުގެ ގަހަނާގައި އެހެރީ ދެވަނަ އެހެން އިންސާނެއް ނޫނެވެ. އެއީ އަހަރެންގެ އަލަތު ލޯބިވެރިޔާއެވެ.
އާއެކެވެ. ހަލީގެ ދަރުބާރުގެ އެކުވެރިންނޭވެ. ރިސޯޓުގައި އަހަރެންގެ ތަންމަތީގައި ގުލްހަޒާރުމަލުގެ ވަސް ފެތުރެމުން ދިޔައިރު ބައްޕައަށް ވެސް އެމަލުގެ ވަހުން އަސަރު ފޯރަން ފެށުމުން ބައްޕައާއި މަންމަ މައްސަލަ ޖެހި ވަކިވީއެވެ. އަދި އަހަރެން އިންޑިޔާގައި ހުއްޓާ ރަނގަޅަށް ބައްޕައާއެކު މައްލަވަކޮށްގެން އެންމެ ފަހުން ބައްޕަ އެހެރީ އަހަރެމެންގެ ދޮންމަންމަ ތައާރަފް ކޮށްދޭން އައިހެވެ. ކުރާނެ ކަމެއް ބުނާނެ ބަހެއް ނެތެވެ. އަހަރެންގެ ހިތާއި ސިކުނޑިވެސް މަށަށް މަލާމާތްކޮށް އަޑުލިއެވެ. ތަނަކުން ހަމަ މީހަކު ފެންނައިރަށް މޮޔަވެގަތީ ކީއްވެގެންހޭ ކިޔާ ޒަމީރުވެސް މަލާމާތް ކުރިއެވެ. އެކަމަކު ދަރުބާރުގެ ހެޔޮ އެކުވެރިން ނިކަން ބުނެދީބަލާށެވެ. އަހަންނަށް ފެނުނީ ނުހަނު ޗާލު ރީތި ޅަޒުވާން މަލެކެވެ. އަހަންނަށް އޭނާގެ އުމުރު އެނގުނީވެސް އިހަށް ދުވަހުއެވެ. އުމުރު އަހާނެ ވިސްނުމެއް ނެތީ އަހަންނަށް އެމާ ފެނުނީ ނުހަނު ޅަކޮށް ހަމަ ފޮޅެން ތައްޔާރުވެފައި އިން ކަހަލަ ތާޒާގޮތަކަށް ވިއްޔާއެވެ. ކޮންމެއަކަސް ހިތުގެ ބޮޑު ސިއްރު ހިތުގައި ވަޅުލައިގެން އަހަރެން އަވަހަށް ބެލީ އަހަރެންގެ ހަޔާތުގެ އެސިއްރު މުޅި އުމުރަަށް ސިއްރު ކުރުމަށްފަހު އެއާ ދުރަށް މާދުރަށް ދިއުމަށެވެ. ބައްޕައަށް ވެސް އަދި އެހެން މީހަކަށްވެސް އެކަން އެނގޭކަށް އަހަރެން ނޭދެމެވެ. އެހެންކަމުން ރިސޯޓަށް އައިސް އުޅުނު ޕައްލަންޒާ ރިސޯޓެއްގެ ވެރިޔަކާ ގުޅައިގެން އަހަރެން އޭނާގެ އެހީގައި މިހިސާބަށް އައިސް މިތަނުގައި ދިރިއުޅެން ފެށީއެވެ.
މިހާރު އަހަރެންގެ އަނބިމީހާ އަދި ތިންކުދިންގެ މަންމައަކީ ވަރަށްވެސް ތެދުވެރި އަމާނާތްތެރި އަންހެނެކެވެ. ބަލާލަން ރީތިވެފައި ގުލްހަޒާރުމާހެން އަހަރެންގެ އުނގަށް ވެއްޓިނުގަނެއެވެ. ކައިވެނި ކުރެވެން ދެން އުޅުނީ ވަރަށްވެސް އަބުރިވެރި ރީތި އުޅުމެއްގައެވެ. އަހަންނަށް އަނބިމީހާއަށް އިތުބާރު ކުރެވުނީވެސް އެސަބަބާ ހުރެއެވެ. އަހަންނަށްވުރެ ހަތް އަހަރު ހަގު އަނބިމީހާއަކީ ޕައްލަންޒާގެ އަމިއްލަ ރެސްޓޯރެންޓެއްގެ ވެރިއެކެވެ. ވަރަށް ޅައުމުރުގައި ހަރުދަނާ އަންހެނެކެވެ. ބައްޕަގެ ދިރިއުޅުން މުޅިން ބަދަލުވެ ބައްޕަ ދޮންމަންމައާއެކު އުދުހޭ ވާހަކަ އަޑުއަހަމެވެ. އެކަމަކާ އަހަރެން އަޅައެއް ނުލަމެވެ.
އެހެންނަމަވެސް އަދިވެސް ތެދަށް ބުނަންޏާ ލަދުގަތަސް ހަގީގަތް ހަނދާންވުމުން ގުލްހަޒާރުމަލުގެ ކުޅަދާނަކަން ހިތަށް އަރައެވެ. އަހަރެންގެ އަލަތުލޯބިވެރިޔާއަކީ މަގޭ ދޮންމަންމައޭ ބުނުމުން ކޮންމެ މީހަކަށްވެސް ލިބޭނީ ހަމަ ބޮޑު ހައިރާންކަމެއްކަން ޔަގީނެވެ. އެކަމަކު މިއީ ހަމަ ހަގީގަތުގައިވެސް ކަންހިނގިގޮތެވެ.
ހަލީގެ ދަރުބާރުގެ ހެޔޮ އެކުވެރިން ނިކަން ބުނެބަލާށެވެ. އަހަރެންގެ އަލަތުލޯބިވެރިޔާއަކީ އަހަރެންގެ ދޮންމަންމަކަން އެނގުމުން ކަންތައް ކުރީ ގޯސްކޮށްހެއްޔެވެ؟ އެވާހަކަ ހިތުގައި ފޮރުވީ ހުރިހާ ގޮތަކަށްވެސް ވިސްނާފައެވެ. އަދި އަބަދުވެސް އެވާހަކަ ސިއްރެއްގެ ގޮތުގައި އޮތުން މޮޅުވެފައި ރަނގަޅުކަމަށް އަހަރެން ގަބޫލުކުރަމެވެ. ބުއްދިވެރިގޮތަކީ މިފަދަ ކަމެއް ކުރުމުގެ ކުރިން ހަގީގަތް ދެނެގަތުމެވެ. އެމީހެއްގެ އުޅުމާއި، އުމުރާއި މާޒީވެސް ދެނެގަތުމެވެ. އެހެންނޫނީ މިފަދަ ކިތަންމެ ކަމަކާ ކުރިމަތިލާން ޖެހިދާނެއެވެ.
ޕަކާސް މިއުޅޭ އަންހެންވެރިންގެ ފާޑޭ ތީއާކަމެއް ނޫނޭ.kalO ތިކަމާ ހިތާމަ ނުކުރޭ.އަޅާނުލާ. ތިގޮތުގެ ކުރިއަށްދޭ