އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރގެ މަޤާމަށް ބޭފުޅަކު އައްޔަން ކޮށްފިއެވެ. އެ މަގާމަށް އައްޔަން ކޮށްފައިވަނީ މޭޖަރ ޙުސައިން ރަޝީދެވެ. އޭނާ އެމަގާމަށް އައްޔަން ކޮށްފައިވަނީ މާރިޗު 26 ގައެވެ.

އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރަކީ، ސިފައިންގެއާ ބެހޭ މަޢުލޫމާތު ރަސްމީކޮށް މީޑިއާތަކަށް ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު އުފުލާ ބޭފުޅާއެވެ. ސިފައިންގެ މީހަކު އެމީހެއްގެ އަމިއްލަ ފަރުދީ ހައިސިއްޔަތުން އެއްވެސް މީޑިއާއަކަށް މަޢުލޫމާތު ދިނުމަކީ މަނާކަމެކެވެ. މިފަދަ މަޢުލޫމާތު، ދެވޭނީ އެކަމަށް ކަނޑައަޅާފައި ހުންނަ އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރަކަށް، ނުވަތަ އެކަމަށް އިންޓަރގްރޭޓެޑް ހެޑްކްއޯޓަރޒްއިން ހުއްދަ ދެއްވާފައިވާ ފަރާތަކަށެވެ.

އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް މޭޖަރ ޙުސައިން ރަޝީދު ހަމަޖައްސަވާފައިވަނީ، ކުރިން އެމަޤާމުގައި ހުންނެވި ކެޕްޓަން ޙަނާ މުޙައްމަދު ކޯހެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހަމަޖެހުމާ ގުޅިގެން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.