އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސިޕޯލް) އަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ދިދަނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ފުލުހުން ވިދާޅުވީ ރޭ އެ ކޮލެޖުގައި ކުރިއަށްގެންދިޔަ ދިދަނެގުމުގެ ރަސްމިއްޔާތުގައި، އެ ކޮލެޖުގެ އެގްޒެކެޓިވް ޑިރެކްޓަރ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން އަދި ކޮލެޖުގެ ފެކަލްޓީތަކުގެ އިސްވެރިން ބައިވެރިވެލެއްވި ކަމަށެވެ. އަދި މުވައްޒަފުންނާއި ކޮލެޖުގައި މިހާރު ކުރިއަށްދާ ކޯސްތަކުގެ ޓްރެއިނަރުންނާއި ދަރިވަރުން ބައިވެރިވި ކަމަށްވެސް ވިދާޅުވިއެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އައްޑޫ ސިޓީގައި ގާއިމުކުރި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ރަސްމީކޮށް ހުޅުވީ މާރިޗު 27 ވަނަ ދުވަހުއެވެ. ކޮލެޖު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ރަސްމީކޮށް ހުޅުވުމަށްފަހު އެކޮލެޖުގައި ކިޔެވުން ފަށައި އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭޝަން ކޯހެކެވެ. އަދި މީގެ އިތުރުންވެސް ފުލުހުންނަށް ހާއްސަ ތަފާތު ތަމްރީނު ކޯސްތައް ކުރިއަށް ގެންދެއެވެ.

އެގޮތުން، 220 ބައިވެރިންނާއެކު ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ 35 ވަނަ ބުރުވެސް ކުރިއަށް ގެންދަނީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައެވެ.