ރާއްޖޭގެ ދެކުނުގެ ރަށެއްގައި ބޭއްވި މަސްވެރިކަމާ ބެހޭ މަހާސިންތާއެކެވެ. އެ މަހާސިންތާއަށް ރާއްޖޭގެ ވަރަށްގިނަ ރަށްރަށުން މީހުން ދިޔައެވެ. މަހާސިންތާ ފެށުމުގެ ރަސްމިއްޔާތަށް ހާޒިރުވާން އޮތީ ރަސްމީ ހެދުމުގައެވެ. ޓައީ އަޅައިގެންނެވެ. ދަށަށް ޖަހައި ބޫޓަށް އަރައިގެންނެވެ. އެހެން ކަމުން އެކަން ބައެއް މީހުންނަށް ބޮޑުކަމަކަށްވިއެވެ. މީގެކުރިން ރަސްމީ ހެދުމުގައި މިފަދަ ބައްދަލުވުމަކަށް ގޮސްފައި ނުވާތީއެވެ.
ރަސްމިއްޔާތު ފެށުމުގެ ވަގުތު ކުޑަތަން ވެގެންއައިރު މަހާސިންތާ ބޭއްވުމަށް ހަމެޖެހިފައިވާ މާލަމަށް ވަދެގެން އައި ކޮންމެ ބައިވެރިއަކުވެސް ވަނީ އެންގެވި ގޮތަށް ޓައީ އަޅައި ދަށަށް ޖަހައި ބޫޓަށް އަރައިފައެވެ.
ވަދެގެން އައި މީހުންގެ ތެރެއިން ޓައީ ނާޅައިހުރި މީހަކު ފެނިއްޖެއެވެ. އެހެންނަމަވެސް އޭނާވެސް ހުރީ ބޫޓަށް އަރައި ދަށަށް ޖަހައިފައެވެ. އެންމެން ހައިރާންވީ އޭނާ އެކަނި ޓައީ ނާޅައި ހުރުމުންނެވެ. އެހެންކަމުން އޭނާއާ ގާތްގުޅުމެއް އޮންނަ ދެތިން އެކުވެރިއަކު ކައިރިކޮށްފައި އަހައިފިއެވެ.
"އަންގާފައި އޮތީ ޓައީ އަޅައިގެން އަންނަން. އެކަމަކު ތިޔައައީ ޓައީ ނާޅައި. ކީއްވެ ޓައީ ނާޅައި އައީ،"؟
މި ސުވާލު ކުރިމަތި ވުމުން އޭނާ ހިނިތުންވެލިއެވެ. އަދި ޖަވާބު ދިނެވެ. "މިއައީ ޓައީ އަޅައިގެން" އެހެން ކިޔަމުން ފަޓުލޫނު ޖީބުން ޓައީ ނަގައި ދައްކާލިއެވެ. "ޓައީ އަޅާނޭ ވަކިތަނެއް އަންގާފައެއްނެތް. އެހެންވެ އެންމެ ފަސޭހައީ ފަޓުލޫނު ޖީބަށް ޓައީ އަޅަން. އެހެންވެ ޖީބަށް އަޅައިގެން މިއައީ،" އެމީހާ އެއްވެސް ފިކުރެއް ނެތި ޖަވާބު ދިނެވެ.
ދިވެހިބަހުން ކިޔަނީ "ޓައި" އެއް ނޫން. "ޓައީ" ކިޔަނީ. ދިވެހިބަސްފޮތް (ރަދީފު) ބަލާލަބަލަ.