މުސްލިމުންނާ ދެކޮޅަށް އިންޑިއާގައި އާންމުން ކުރިއަށް ގެންދާ ނަފުރަތު އުފެއްދުމުގެ ވާހަކަތަކަށް ހުއްޓުމެއް ނާންނަ ކަމަށް ބުނެ މުސްލިމުންގެ އިސް ބޭފުޅުންގެ ޖަމާއަތަކުން ޝަކުވާ ކުރައްވައިފިއެވެ. ހިންދީންގެ ދީނީ ސިޔާސީ ފިކުރީ ޖަމާއަތެއް ކަމަށްވާ އާރްއެސްއެސްގެ ވެރިޔާ މޯހަން ބަގަތަށް ފޮނުއްވި ސިޓީގައި މުސްލިމުން ލީޑަރުން ވަނީ މުސްލިމުންނަށް އަމާޒުވާ ގޮތަށް ނަފްރަތުގެ ވާހަކަތައް ފެތުރުމަށް ހުއްޓުމެއް ނާންނާތީ އެއީ ހިތްދަތިވާން ޖެހޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.
އިންޑިއާގެ މުމްބާއީގައި މިދުވަސް ވަރު ލަވު ޖިހާދުގެ ނަމުގައި މުސްލިމު ހިންދީންގެ ކައިވެންޏާ ދެކޮޅަށް ކެމްޕޭނެއް ހިންގަމުންވެސް އެބަގެންދެއެވެ.
23 މާޗުގައި މޯހަން ބަގަތަށް ފޮނުއްވި ސިޓީގައި ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ ލެފްޓިނެންޓް ގަވަރުނަރު ނަޖީބު ޖަންގާއި ކުރީގެ އިލެކްޝަން ކޮމިޝަނަރ އެސް ވައި ގުރެއިޝިއާއި މަތިގެ، ރާޖިޔަ ސަބާގެ ކުރީގެ މެމްބަރު ޝާހިދު ސިއްދީގީއާއި ލެފްޓިނެންޓް ޖެނެރަލް (ރޓ) ޒެޑް ޔޫ ޝާހްއާއި ސައީދު ޝޭރުވާނީ ހިމެނެއެވެ.
މުސްލިމުންގެ އިސް ފަރާތްތަކުން ވަނީ އިޖުތިމާއީ ސުލްޙައަށް ބާރު އެޅުމުގެ ގޮތުން މޯހަން ބަގަތާއި އާރްއެސްއެސްއާއެކު މިދިޔަ އަހަރުން ފެށިގެން ބާއްދަލުވުންތައް ބާއްވަމުންނެވެ.
މުސްލިމުން ލީޑަރުން ވިދާޅުވާ ގޮތުގައި މުސްލިމުންނާ މެދު ނަފްރަތު އުފައްދަން ކުރާ މަސައްކަތް ހުއްޓުވުމަށް އާރްއެސްއެސްއިން މާބޮޑު ކަމެއް ކުރާތަނެއް ނުފެނެއެވެ.