ހަލީގެ ދަރުބާރުގެ އަހުލުވެރިންނޭވެ. ހިތަކީ ހާދަހާ ފާޑެއްގެ އެއްޗެކެވެ. ކަމަކާ އަޅައިގެންފިއްޔާ ދެން ހަމަ ސަލާމަތެއް ނޯންނަނީއެވެ. އަނެއްކޮޅުން މިއުޅޭ ބައެއް އަންހެންކުދިންނަކީ ވިސްނާވިސްނާވެސް ހައްލުނުވި އަރަތެކެވެ. އަހަރެންގެ އަލަތުއަނބިމީހާއަކީ ހަމަ ޖަވާހިރެކެވެ. އެކަމަކު ތެދަށް ބުނަންޏާ އޭނާދެކެ ލޯބިވާން އަހަންނަށް މަޖުބޫރު ކުރީ އޭނާގެ މާތްކަމާއި ލޮބުވެތިކަމާއި ހިތްވަރެވެ. ހަގީގަތުގައި އަހަރެންގެ ހިތް އަހަރެންގެ އަމިއްލަ ބާރުނުފޯރުވޭ ހިސާބުގައި މަގުއޮޅި ގެއްލިފައިވަނިކޮށް އޭނަ އަހަންނަށް އެހީވެ ހަމަ މަގަށް އެޅުވީއެވެ. އަދި އަހަރެންގެ މަގުއޮޅިފައިވާ ހިތް އަނބުރާ ހެޔޮމަގަށް ގެނެސް، އެހިތުގައި ހުރި އަލަތުލޯބީގެ ދަމިލައާއި ކަޅުކަން ފިލުވައި އެހިތް ރީތިކޮށްދިނީއެވެ.

އަހަރެންގެ ކައިވެނީގެ ފަހުން ހަމަޖެހޭ އުފާވެރި ހަޔާތެއް ލިބިގެން އުޅެން ފެށިތަނާ އަނެއްކާވެސް މާޒީގެ ކަޅުކަނޑުން އަހަރެން ޣަރަޤުކޮށްލަން ރާޅުނެގިއެވެ. އެކަމަކު މިފަހަރު މަގޭ ހުށިޔާރު އަނބިމީހާގެ ލޯބި އެއަށްވުރެ މާގަދަފަދައެވެ. އެރާޅު ހިނދިނިމުނީ އެ ނެގި ދިމާއަށެވެ. އަހަންނަށް ދެއްވިފަދަ އަނތްބަކު ލިބިއްޖެ މީހަކީ ހަމަ ދެދުނިޔޭގެ ނަސީބުވެރިއެކެވެ. ހަމައެގޮތަށް މަގޭ އަލަތު ލޯބިވެރިޔާ ފަދަ އަންހެނަކުގެ އަވައިގައި ޖެހިއްޖެ މީހަކު ނެތިހިނގައިދާނެކަން ޔަގީނެވެ.

ހަލީގެ ދަރުބާރުގެ އެކުވެރިންނަށް މި ކިޔައިދެނީ އަހަރެންގެ އަލަތު ލޯބީގެ ނުރައްކާތެރި ވާހަކައެވެ. އެކުވެރިންނޭވެ. އަހަންނަކީ މާލެއަށް އުފަން ހަމައެންމެ އެކަށީގެންވާ ވަރެއްގެ މުއްސަނދި މަންމައަކާއި ބައްޕައެއްގެ ދޮށީ ފިރިހެންދަރިފުޅެވެ. އަހަންނަށް އަހަރެންގެ ހިތް ދަމައިގަތް ކަމަނާއާ ބައްދަލުވީ ކޮމްޕިއުޓިން ކިޔަވަން ގޮސް އުޅުނު ކުލާހުންނެވެ. ލޫޅާފަތި ފުރިހަމަ މަންޖެގެ ނަމަކީ ހުވާނާ އެވެ. ހުވައިނާއާއެކުގައި ހުރި ރައްޓެހި ކުއްޖެއްގެ ގައިގަ ޖަހަން އެއްލި ގަލަމުން ޖެހުނީ އޭނަގެ ގައިގައެވެ. ގަލަމް ނަގައިގެން އަހަންނަށް ބަލާލި ގޮތަށް އަހަރެންގެ ހިތް ކަތިލައިފިއެވެ.

ކޮންމެ ދުވަހަކު ކްލާސް ނިމިގެން ހުވައިނާ ގޮވައިގެން ދުއްވަން ދާން ފެށީމެވެ. ސައިކަލު ބުރު ނިމެން ފެށީ އޭނާގެ ގެއަށެވެ. އެގޭ މީހުންވެސް ނިކަން ރުހޭކަމަށް ފެނެއެވެ. އަހަރެންގެ އުމުރުން އެންމެ ނަވާރަ އަހަރެވެ. ހުވާނާއަށް އޮތީ އަށާރައަށެވެ. އޭނާގެ ކޮޓަރިން އަހަރެމެން ބައްދަލުވާން ފެށީމެވެ. ހުސްނުވާ ވާހަކައެވެ. ބަލާބަލާ ފޫހިނުވާ މޫނުގެ ޖާދޫގައި ޖެހިފައި އެރީތި ލޮލުގެ ތެރެއަށް ގެއްލިފައި އިނދެވޭ ގޮތެއް ނޭނގެއެވެ. މިނިވަން ކަމާއި ނުހަނު ގިނަ ވަގުތު ލިބިފައި ވުމުން ވާން ނުޖެހޭ ހުރިހާ ކަމެއްވީއެވެ. އަހަރެންގެ ހިތުގެ ލޯބި ސިކުނޑިއާއި ހަށިގަނޑުގެ ރުހުމަށްވެސްވީއެވެ. ހުވާނާގެ މީރުވަސް އަހަރެންގެ ނޭފަތުގައި ހަރުލާފައި ހުރެއެވެ. އަބަދުވެސް އަހަންނަށްޓަކައި ދީވާނާ ވާނަމޭ އޭނާ ބުނެއެވެ.

ދެން ޖެހުނީ ކުއްލިއަކަށް ފުރައިގެން ދާށެވެ. އަހަރެންގެ ޕައިލެޓް ކޯސް ހަމަޖެހުނީއެވެ. އެއްއަހަރު ފަހުން ޗުއްޓީއަށް އަންނާނެކަމަށް ބުނެ ވައުދާ އަހުދުވެފައި ފުރައިގެންދިޔައީ ހުވާނާ ރޮއްވަން ބޭނުން ނުވިޔަސް ރޮއްވާފައެވެ. އަހަރެން ފުރީ އޭނައަށް މެއިލް ކުރެވޭނެ ގޮތް ހަމަޖައްސައިދީފައެވެ. ފޯނު ކުރާނެ ގަޑިތައް ކަނޑައަޅާ ނިންމާފައެވެ. ކޮންމެ ދުވަހަކު ވިހިތިރީސް މެއިލް ލިބެއެވެ. ހަމަސް ފަހުން ބައްޕަ ގާތު ރޮއި އާދޭސް ދަންނަވައިގެން ހަފުތާއަކަށް މާލެއައީމެވެ. ހުވައިނާގެ އާދޭހަށް ކެތްނުވެގެންނެވެ. ދެމީހުން ބައްދަލުވި ވަގުތު އޭނަ ހީވީ އަހަރެން ދެން ނުފެނިދާނެތީ ކާލަން އުޅުނު ހެންނެވެ. ފުރި ދުވަހު ވަރަށް ދެރަވެގެން ރުޔެވެ.

ހަމަ ވަރަށް އަވަހަށް އަންނާނެކަމަށް ބުނެ ފިރުމާފައި ވައުދުވީމެވެ. ކިރޔާ ޗުއްޓީއެއް ލިބުނަސް އަންނާނޭކަމަށް ވައުދުވެފައި ފުރައިގެން ދިޔައީމެވެ. އަނެއްކާވެސް ވިހިން ތިރީހުން މެއިލް ބަދަލު ކުރަމުން ދިޔައިމެވެ. ނަމަވެސް ވިހިން ފަނަރައިން މަދުވަމުން ގޮސް ތިންމަސްވީއިރު ހަފުތާއަކު އެއް މެއިލްއަށް ބަދަލުވެއްޖެއެވެ. އަދި އެހަފުތާއަކު އެކަތި މާގިނަ ދުވަހެއްނުވެ މަހަކު އެއް މެއިލަށްވެ، ޖަވާބު ނުލިބެން ފަށައިފިއެވެ. ގުޅިއަސް ފޯނަކުންވެސް ބައްދަލެއް ނުވެއެވެ. ލިބެނީ އެއްޖަވާބެކެވެ. ހުވައިނާ ގެއަކު ނޫޅެއެވެ.

އަހަރު ނިމުމާއެކު އަވަހަށް މާލެ އައީމެވެ. ގެއަށް ވަދެ ދަބަސް އެއްލާލާފައި ސައިކަލަށް އަރާ ދުއްވާލީ ހުވައިނާމެންގެ ގެއާ ދިމާއަށެވެ. އޭރު ރޭގަނޑު ނުވައެއް ޖަހަނީއެވެ. ސައިކަލް ބަހައްޓާފައި އެގެއަށް ވަންނަން އުޅުނުތަނާ އޭނާގެ މަންމައާ ބައްދަލުވެގެން މިހާރުދެން ތިއައީ ކީއްކުރަންހެއްޔޭ އޭނަ މީހަކާ އިނީމަވެސް އަންނަނީހޭ އަހައިފިއެވެ.

ހަލީގެ ދަރުބާރުގެ އެކުވެރިން ނިކަން އިހުސާސްކޮށްލައްވާށެވެ. އަހަރެންގެ ހަތަރެސްފައިން ވަރުދޫވިއެވެ. އޭނާގެ މަންމަ ބުނި ވާހަކަ އަޑު އަހަން ބޭނުންވީ އޭނާގެ ދުލުންނެވެ. ގެއަށް ގޮސްގެންވެސް ހަމަޖެހުމެއް ނުލިބުނެވެ. ފޯނުނަގައިގެން އޭނާގެ މޮބައިލް ނަންބަރަށް ގުޅައިފީމެވެ. މިއީ މިހާރު އޭނާއާ ގުޅޭނެ ނަންބަރޭ ކިޔާފައި އޭނަގެ ދައްތަ ދިން ނަންބަރެކެވެ. އަހަރެންގެ އަޑު އިވޭއިރަށް ބައްދަލުވާން ބުނެފިއެވެ. ދެކޮޅެއްނުހެދޭނެތާއެވެ. ފިރިމީހާ ނައިޓްޑިއުޓީ ކުރާނީ މިވެނިރެއެއްގައޭ އަންނާށޭ ބުނެލިއެވެ. ޖެހިގެން އައިރޭ ގަޑިއަށް ދިޔައީމެވެ. އަހަރެންގެ އިންތިޒާރުގައި ދޮރާށިބުޑުގައި ހުރި ހުވައިނާ އަހަރެންގެ އަތުގައި ހިފައިގެން އޭނާގެ ކޮޓަރިއަށް ގެންދިޔައެވެ.

މިކަން އާދައަކަށް ވީއެވެ. އަހަންނަކަށް ދެކޮޅެއް ނުހެދޭނެ ނޫންހެއްޔެވެ. އެމަންޖެދެކެ ހިތާނަފުސުން ލޯބިވަނީ މަވިއްޔާއެވެ. ޝަކުވާކޮށް ސުވާލުކުރީމެވެ. އޭނަ ބުނީ ވީގޮތެއް އޭނައަކަށްވެސް ނޭނގޭކަމަށެވެ. އޭނާގެ ފިރިމީހާގެ ނަމާ އަހަރެންގެ ނަންވެސް އެހާ ގުޅެއެވެ. އަހަރެންގެ ނަމަކީ ޝާމިލްއެވެ. މަންޖެގެ ފިރިމީހާއަށް ކިޔަނީ ޝާމް އެވެ. ލޯބިވެރިޔާ ބުނީ އަހަރެން އެގޮތަށް އޭނާ ގެންގުޅެފައި ދިއުމުން އޭނައަށް އެކަނި އުޅުން ފަސޭހަ ނުވީކަމަށެވެ. ހަމަ މީހަކާ އިންނަ ހިތްވާތީ ނުހުރެވިގެން ކައިވެނި ކުރީ ކަމަށެވެ. އަހަރެން ހުރީ ލޯބިވެރިޔާ އަނބުރާ އައުމުން ވަގުތުން ކައިވެނި ކުރަން ތައްޔާރަށެވެ. ހުވައިނާއާ އެކުގައި އުޅެފައި ގެއަށް އައުމަށްފަހު އަހަރެން ފެންވަރާ ހެދުން ބަދަލުނުކޮށް ލަސްކުރަނީ އޭނާގެ ވަސް މަގޭ ނޭފަތާއި ގައިގަ ހަރުލާފައި ހުންނާތީއެވެ. އެވާހަކަވެސް ބުނީމެވެ. އަހަރެން ފާޑަކަށް މޮޔަވެ ދީވާނާ ވާން ފެށީއެވެ. ސިނގިރޭޓް ބުއިން ހައްދު ފަހަނައަޅައިފިއެވެ. ކިޔެވުން މަތިންވެސް ފޫހިވެއްޖެއެވެ.

ހަލީގެ ދަރުބާރުގެ އެކުވެރިންނަށް ދެންވީ ގޮތް އެނގޭހެއްޔެވެ. މިގޮތަށް އޭނާގެ ކޮޓަރިން އޭނާގެ ފިރިމީހާ ނުހުންނަ ރޭތަކުގައި ބައްދަލު ކުރަނިކޮށް އިއްތިފާގަކުން ފިރިމީހާއާށް އާދެވުނު ރެއެކެވެ. ނުފެންނަން ޖެހޭ ބޮޑު މަންޒަރު ފެނުނީ ސީދާ ލޮލަށެވެ. ހުވައިނާގެ ފިރިމީހާ ފުލުހަށް އެންގުމުން ސީނަށް އައިއިރު ތިބީ އަހަރެމެން ދެމީހުންގެ ލޯބީގެ ކުޅިގަނޑު ދެކެފައި ތިބި އެކުވެރިންތަކެކެވެ. އެމީހުނަށް ވެގެން އުޅޭ ގޮތް އެނގޭތީ އަހަރެން ދޫކޮށްލީ ދެން އެކަހަލަ ކަމެއްވެއްޖެނަމަ އެމީހުންނަށްވެސް އެހީނުވެވޭނެކަމަށް ބުނަމުންނެވެ. އަހަރެން ފާޅުގައި ލޯބިވާ ހުވައިނާ ގާތު ވަރިވެގެން އައުމަށް ބުނީމެވެ. ހުވައިނާ އެދުނީ ވިސްނާލަން ވަގުތުކޮޅެއް ދިނުމަށެވެ. ހައިރާންވީ ދެނެވެ. މިއުޅެވެނީ ހިޔަންޏަށް މުޑި ނެގިގެންހެން ހީވެއްޖެއެވެ. ލޯބިވާ ހުވައިނާ މިއުޅެނީ ދެތަށިން ކައިގެން ބަނޑު ފުރަންކަން ވިސްނިއްޖެއެވެ.

ހަލީގެ ދަރުބާރުގެ އެކުވެރިންނޭވެ. މިކަން އެނގިހުރެވެސް އޭނަގެ މަޅިއަކުން ސަލާމަތެއް ނުވެވުނެވެ. ހިތާމައިގައި އަހަރެން ބަލިކަށިވެއްޖެއެވެ. ސިނގިރޭޓު ބުއިން އާދައަކަށް ވެއްޖެއެވެ. ކެއުމަކީ އޮންނަން ކަމެއްކަމަވެސް ހަނދާންނެތޭ ވަރުވިއެވެ. އެންމެފަހުން އަހަރެން ހިކި އަނަރޫފަވެ ބަލިވާން ފަށައިފިއެވެ. އެދުވަސްކޮޅު ހުވައިނާއާ ބައްދަލުވާ ގޮތެއްނުވެއެވެ. ހަތަރު ފަސް މަސް، ހަތް މަސް އަދި ދެން އެފްބީ ޕޯސްޓަކުން ފެނުނީ އޭނާގެ ބޮޑުވަމުން އަންނަ ބަނޑެވެ. އަހަރެން މުޅިން ވީރާނާވީއެވެ. މިދުވަސްކޮޅު އެއްދުވަހަކު މަގުމަތިން އަހަންނާ ބައްދަލުވި އަންހެންކުއްޖެވެ. އާއެކެވެ. ހުވައިނާ ހާ ރީއްޗެއް ނޫނެވެ. އެކަމަކު ޔަގީނުންވެސް މިއީ ރީތި ހިތަކާއި އޯގާތެރި އަތެއްގެ ވެރިއެކެވެ. އަހުލާގު ރަނގަޅު މޮޅު ކުރެހުންތެރިއެކެވެ. އިންޓީރިއާޑެކަރޭޓް ކުރާ އާކިޓެކްޗާއެކެވެ.

އަނބިމީހާ ބުނި ގޮތުގައި ފުރަތަމަ ނަޒަރުންވެސް އޭނާއަށް އަހަރެންދެކެ ލޯބިވެވިއްޖެއެވެ. އަހަންނަށްޓަކައި ހުރިހާ ކަމެއް ކުރަން ތައްޔާރަށް ހުރިއިރުވެސް ހުވައިނާ ލޯބިހެން ކައިވެނީގެ ކުރިން އަހަންނަށް ލޯބީގެ މާބަގީޗާއަށް އަތުގުޅާލައިގެން ވަންނާކަށް ހުއްދައެއް ނުދެއެވެ.

ހަލީގެ ދަރުބާރުގެ އެކުވެރިންނޭވެ. އެއީ މަޖުބޫރުވެގެން މީހަކާ އިނީއޭ ބުނެ ރޮއި އަހަރެންގެ ފަރާތުން ނޫނީ އެއްވެސް އުފަލެއް އަރާމެއް ބޭނުމެއް ނެތޭ ބުނެ ވައުދާ ހުވާކުރި ހުވައިނާއެވެ. އެ ބޭވަފާތެރި ހުވައިނާ ވިހެއީ އަންހެން ކުއްޖެއްކަމަށާއި ނަމަކަށް ކިޔާނީ އަހަރެމެން ރާވާފައިވާ ގޮތަށް ނައުރާކަމަށް ބުނެ މެސެޖު ކުރިއެވެ. ގުޅިއެވެ. އަހަރެން ވަރަށް ހިތްވަރުކޮށްފައި އެ ހަނދާންތަކާ ދުރަށް ދާން އަޒުމު ކަނޑައެޅީމެވެ. މާގިނައިން ސިނގިރޭޓް ބުއިމުގެ ސަބަބުން އަހަރެންގެ ފުއްޕާމެއަށްވެސް ވަނީ އަސަރުކޮށްފައެވެ. މިހުރިހާ ކަމަކުން އަހަރެން ސަލާމަތްކޮށްދިނީ އަހަރެންގެ އަލަތު އަނބިމީހާއެވެ.

އަހަރެންގެ ބޭވަފާތެރި ލޯބިވެރިޔާ ދެން ކިޔަން ފެށި ލަވައަކީ އޭނައަށް އެގޭ މީހުން ފަންޑިތަ ހެދީޔޯލައެވެ. އަހަރެން އަނބުރާ މަގުން ކައްސާނުލީ ހަމަ ނަސީބަކަށެވެ. އެ ނަސީބަކީ އަހަރެންގެ ވަފާތެރި އަނބިމީހާ ބަލިވެ އިން ހަބަރެވެ. ހަލީގެ ދަރުބާރުގެ އެކުވެރިންނޭވެ. ލޯތްބަކަށްޓަކައި އަހަރެން ހަލާކުވެ ބަދުނާމުވެސްވިއެވެ. އާވާރާވެ މޮޔަވެސް ގޮވީމެވެ. އަހަރެންގެ ޅަދުވަހުގެ ހުވަފެންކަމަށްވާ ޕައިލެޓަކަށް ވުމުގެ ހުވަފެން ވެސް ފުނޑުފުނޑުވީއެވެ. އެހެނަސް މިހާރު އަހަރެން މިހިރީ އެކަންވެސް ފުރިހަމަކޮށްގެން އައިހެވެ. އެންމެ ފަހުން ހުވައިނާ އަހަންނަށް ގުޅި ދުވަހު ވަރަށް ސާފުކޮށް ބުނީމެވެ.

"ލޯބިވީމެވެ. އެކަމަކު މިހާރު އަހަރެންގެ ހަޔާތުގައި ހުރީ ވަރަށް އަގުބޮޑު އަންހެނެކެވެ. އޭނަ ނަގާލާކަށް ނޭދެމެވެ. އޭނަ ދޫކޮށްލާފައި ދާވަރަކަށް އަހަރެން ހުވައިނާދެކެ ލޯތްބެއް ނުވަމެވެ. ތީ މިހާރު މަގޭ މާޒީއެވެ. މިއީ އަހަރެންގެ މިހާރެވެ. އަދި މާދަމާއަކީވެސް މިއީއެވެ. އަހަރެން މުސްކުޅި ވާނީ އޭނާއާއެކުގައެވެ. އާހިރަތުގައި ސުވަރުގެއިންވެސް ބޭނުންވަނީ ހަމަ މި އަނބިމީހާއެވެ. އަހަރެންގެ އަނބިމީހާދެކެ ވަރަށް ލޯބިވެވިއްޖެއެވެ."

އޭނާ ރޮއިގިސްލިއެވެ. އެކަމަކު އެއަޑެއް އަހަންނަކަށް ނީވުނެވެ. ހަގީގަތުގައި އެއީ އަހަރެންގެ އަނތްބަކަށް ވުން އެކަށީގެންވާ މީހެއް ނޫންކަން ޔަގީންވެއްޖެއެވެ. އަހަންނަށް އެކައިވެނި ކުރެވުނު ނަމަ އެހެން މީހުން ގާތަށް ދާނެ ބޭވަފާތެރި އަންބެއް ލިބުނީތީ އަހަރެން މޮޔަވާނެކަން ޔަގީނެވެ. އަހަރެން އެމަޅިން ސަލާމަތްވީ ހަމަ ނަސީބެވެ. އެއީ އަހަރެންގެ އަންބަކަށް ނުވީތީ މިއަދު އަހަރެން ވަރަށް އުފާވެއެވެ.

ހަލީގެ ދަރުބާރުގެ އެކުވެރިންނޭވެ. އަހަރެންގެ ބަރުބާދީގެ އަސްލަކީ އަހަރެންގެ އަލަތުލޯބިވެރިޔާއެވެ. ހަލީގެ ދަރުބާރުގެ އެކުވެރިންނަށް މި ކިޔައިދިނީ އެމީހެއްގެ ލޯބިވެރިޔާ މިނަށްވުރެ ޝައިތާނީ ވަސްވާހަކަށް ވުމުން ވާނެގޮތެވެ. އެގޮތް އެއްވެސް މީހަކަށް ނުވުމަށް އެދި ދުއާކުރާނަމެވެ. އަހަރެންގެ ނަސީބު ރަނގަޅުކަމުން އެ ވަސްވާހުން އަހަރެންގެ އަނބިމީހާ އަހަރެން ސަލާމަތްކޮށްދީފިއެވެ. އެ ވަސްވާހުން ސަލާމަތްވުމަށް އަހަންނަށް ދެއްވިފަދަ އަނތްބެއް ލިބިއްޖެ މީހަކީ ދެދުނިޔޭގެ ބާއްޖަވެރިއެއްކަން ޔަގީނެވެ.