ޖަޕާން މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ މަނަވަރު "ޖޭއެސް އަވަޖި" އަދި "ޖޭއެސް އުރަގަ" މިއަދު ރާއްޖެއަށް ޒިޔާރަތްކޮށްފި ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ތިން ދުވަހުގެ މުއްދަތަށް މި ދެ މަނަވަރު ރާއްޖެއަށް ކުރާ މި ޒިޔާރަތަކީ ދެ ޤައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމުގެ ގޮތުން ކުރާ ރަޙްމަތްތެރިކަމުގެ ޒިޔާރަތެއްކަމަށެވެ. މި ޒިޔާރަތުގައި އެމްއެންޑީއެފްގެ ލީޑަރޝިޕާއެކު ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، މި ދެ މަނަވަރަށް މާލެ ބަނދަރުން މަރުޙަބާ ދެންނެވުމުގެގޮތުން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނެންޓް ކާނަލް މުޙައްމަދު ރިޒްމީ ވަލީދުވަނީ މިދެ މަނަވަރަށް ޒިޔާރަތްކޮށް މަނަވަރުގެ އިސްވެރިންނާއި ބައްދަލުކުރައްވާފައިކަމަށް އެފަރާތުން ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސްޓާފް އޮފިސަރުންވެސް ވަނީ ބައިވެރިވެލައްވާފައެވެ.