ޔުއެފާ ވިމެންސް ޗެމްޕިއަންސް ލީގް ސެމީފައިނަލުން ސްޕެއިނުގެ މަޝްހޫރު ބާސެލޯނާ އާއި އިނގިރޭސި ޕްރިމިއަރ ލީގުގެ އާސެނަލް ރޭ ޖާގަ ހޯދައިފިއެވެ.

މިދިޔަ ދެއަހަރެއްހައި ދުވަހު ޔޫރަޕުގެ އެންމެ ވަރުގަދަ އަންހެން ޓީމުގެ ގޮތުގައި ފެނުނު ބާސެލޯނާ ސެމީފައިނަލުން ޖާގަ ހޯދީ ރޭ އަމިއްލަ ދަނޑުގައި އިޓަލީގެ ރޯމާ އަތުން 5-1 އިން މޮޅުވެ، ދެލެގުގެ އެގްރިގޭޓުން 6-1 އިން ކުރި ހޯދައިގެންނެވެ.

ބާސެލޯނާއަށް ރޭ ލަނޑުތައް ކާމިޔާބު ކޮށްދިނީ ފްރޮޑޮލީނާ ރޮލްފޯ، މާރިއާ ޕިލާ ލިއޮން، އޮސިސާޓް އޮޝޯލާ، ޕެޓްރީޝިއާ ގުއިޖައްރޯއެވެ. މީގެ ތެރެއިން ފްރޮޑޮލީނާ ދެލަނޑު ކާމިޔާބު ކޮށްދިނެވެ.

މިއީ ފާއިތުވެދިޔަ 5 ސީޒަނުގެ ތެރެއިން ސެމީފައިނަލުން ބާސެލޯނާ އަންހެން ޓީމު ޖާގަ ހޯދި ހަތަރުވަނަ ފަހަރެވެ.

މިސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ހޯދަމުން އަންނަ އާސެނަލްގެ އަންހެން ޓީމު ސެމީފައިނަލުން ޖާގަ ހޯދީ އަމިއްލަ ދަނޑުގައި ވާދަވެރި ބަޔާން މިޔުނިކް 2-0 އިން ބަލިކޮށްފައެވެ. ފުރަތަމަ ލެގް ބަޔާނުން 1-0 އިން ކާމިޔާބު ކޮށްފައި އޮތުމުން ރޭ ދެލަނޑުގެ ތަފާތަކުން މޮޅެވެގެން ނޫން ގޮތަކަށް އާސެނަލްއަށް ސެމިފައިނަލަށް ދެވޭކަށް ނެތެވެ. އެޓީމުގެ ދެލަނޑު ރޭ ބަޔާން ކޮޅަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ހާފުގައި ފްރީދާ މާނުމް އާއި ސްޓީނާ ބްލެކްސްޓީނިއަސްއެވެ.

ސެމީފައިނަލުގައި މިރޭވެސް ދެމެޗް ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ޕީއެސްޖީ ރަށުން ބޭރުގައި ނިކުންނާނީ ޖަރުމަނުގެ ވޮލްފްސްބާގާ ދެކޮޅަށެވެ. ދެވަނަ މެޗުގައި ޗެލްސީ އަމިއްލަ ދަނޑުގައި ނިކުންނާނީ ފްރާންސްގެ ލިއޯންއާ ދެކޮޅަށެވެ.