އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމަށް ފުއާދު ތައުފީގު ގެންނަން ބޭނުންވާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ކައުންސިލް މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ އަހްމަދު ޝަރީފް ހުރެގެން މިނިވަން އިންސާފުވެރި އިންތިޚާބޭއް ނުބޭއްވޭނެ ކަމަށެވެ.

ނަމަވެސް އެ ކޮމިޝަނުގެ މެމްބަރު ފުއާދު ތައުފީގް ރައީސް ކަމަށް ގެންނަވައިފިނަމަ އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް އެނގޭ އެމަނިކުފާނު [ފުއާދު ތައުފީގް] ހުރެގެން އިންސާފުވެރި އިންތިހާބެއް ބާއްވާނެކަން. އެއީ އަޅުގަނޑުމެން ބޭނުންވާ ވެރިއަކީ އެތަނަށްލާން. އަޅުގަނޑުމެންގެ އިތުބާރު އޮތީ ފުއާދަށް
އިބްރާހިމް ޝުޖާއު

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމަށް ޝަރީފް އައްޔަން ކޮށްފައި ވަނީ ޕީޕީއެމްގެ ވެރިކަމުގައެވެ. ޝުޖާއު އަކީ ވެސް އެކަމަށް މަޖިލީހުގައި ނެގި ވޯޓުގައި ޝަރީފާ އެއްކޮޅަށް ވޯޓު ދެއްވި ބޭފުޅެކެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވެސް އަހްމަދު ޝަރީފް ވޯޓު އޮޅުވާލާފައިވާ ކަމަށް ޕީޕީއެމް، ޕީއެންސީން ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް ޝަރީފް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ.

އޭނާ ވިދާޅުވެފައި ވަނީ އިންތިޚާބުގައި މަކަރު ހެދިކަމުގެ އެއްވެސް ކަމެއް ނުފެންނާނެ ކަމަށާއި ވޯޓު ލުމާއި ވޯޓު ގުނުމުގެ ކަންތައްތައް ކުރިއަށްގެންގޮސްފައި ވާނީ އޮބްޒާވަރުންނާއި މޮނިޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުންގެ ކުރިމަތީގައި ކަމަށެވެ.

ރިޔާސީ އިންތިޚާބު ބާތިލްކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސުޕްރީމް ކޯޓަށް ވެސް މައްސަލަ ހުށަހެޅުއްވިއެވެ. ނަމަވެސް އިންތިޚާބު ބާތިލްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް އެ ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.