ގއ. ކަނޑުހުޅުދޫ ފަޅުތެރެއިން ސައިކަލަކާއެކު ވެއްޓި، ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ކަނޑުހުޅުދޫ ކައުންސިލުގެ ރައީސް ތޯރިގު އަފީފު "ހަލި" ނޫހުން ކޮށްލި ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ މިއަދު ހެނދުނު 24 އަހަރުގެ ޒުވާނަކު ފަޅުތެރޭގައި މަރުވެފައި އޮއްވައި ފެނުނު ކަމަށާއި އޭނާ ފަތިސް ނަމާދަށް ދިޔަ އިރު، މަރުވި މީހާ އޭނާ ދިރިއުޅޭ ގެ ކައިރީގައި އުޅެނިކޮށް ވެސް ފެނިފައިވާ ކަމަށެވެ.

ފަޅުތެރެއިން ފެނުނު ގަޑިއެއް އަދި އިތުރު މައުލޫމާތެއް ވެސް މިވަގުތު ދިނުމަށް ދަތިކަމަށް ވެސް ތޯރިގު ވިދާޅުވިއެވެ. ފުލުހުންގެ ޓީމެއް އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ތޯރިގު ވިދާޅުވިއެވެ. މީގެ އިތުރުން ތޯރިގު ވިދާޅުވި ގޮތުގައި މަރުވެފައި އޮއްވާ ފެނުނު ޒުވާނާއަކީ ސިކުނޑީގެ ބަލިކަމެއް ހުންނަ މީހެއް ކަމަށެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން މިއަދު ބުނީ ކަނޑުހުޅުދޫގައި 24 އަހަރުގެ ފިރިހެނަކު މިއަދު ފަތިހު 4:25 ހާއިރު ގެއިން ނުކުމެގެން ދިޔަގޮތަށް ހަބަރެއް ނުވާކަމަށް 4:45 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އާއިލާ މީހުންނާއެކު ފުލުހުން އޭނާ ހޯދަމުންދަނިކޮށް ސައިކަލާއެކު ރަށުގެ ފަޅުތެރޭ މޫދުން އެމީހާ ފެނިފައިވާ ކަމަށެވެ. އަދި ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް އޭނާ މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތުދީފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މިމައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.