އިޓަލީގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯގެ ހާޒިރުގައި "އަރުތަ ޖިމް" ހުޅުމާލޭގައި ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފް ހުޅުއްވައި ދެއްވައިފިއެވެ.

އަރުތަމަ ޖިމް ހުޅުއްވައި ދެއްވުމަށްފަހު މިނިސްޓަރ މަހްލޫފް ވިދާޅުވީ އަމިއްލަ ޖިމްތަކަށް ފައިސާ ދައްކައިގެން ރާއްޖޭގެ ކުޅިވަރު ކުޅޭ ކުޅުންތެރިން ހޭދަކުރި ދަތި ދުވަސްތައް ނިމުމަކަށް ގެނެވުނީކަމަށާއި މިޖިމްގެ ހިދުމަތް ވަކި ކުޅިވަރެއް އިސްތިސްނާ ނުކޮށް ގައުމީ ފެންވަރުގެ ހުރިހާ ކުޅިވަރު ކުޅުންތެރިންނަށްވެސް ބޭނުން ކުރެވޭނެ ކަމަށެވެ.

އަރުތަ ޖިމް ހިންގައި ބެލެހެއްޓުމުގެ ޒިއްމާ ހަވާލް ކޮށްފައި ވަނީ ރާއްޖޭގެ ބޮޑީ ބިލްޑިންގ އެސޯސިއޭޝަނާއެވެ. އަރުތަމަ ޖިމަކީ ކުރީގެ ރައީސް، ރައީސް ޔާމީންގެ ދައުރުގައި ތަރައްގީ ކުރި ސްވިމިންގ ޕޫލް ކޮމްޕްލެކްސްގައި ޤާއިމް ކުރި ޖިމެއްކަން ފާހަގަ ކޮށްލެވެއެވެ.

އަރުތަ ޖިމްގެ އިތުރުން މިރަސްމިއްޔާތުގައި މިނިސްޓަރ މަހްލޫފް ވަނީ "އަރުތަ ޕްރޮގްރާމް" ވެސް ރަސްމީކޮށް ފައްޓަވައި ދެއްވާފައެވެ. އަރުތަ ޕްރޮގްރާމަކީ ފާހަގަ ކޮށްލެވޭފަދަ އެތުލެޓީންނާއި ކުޅިވަރު ކުޅުންތެރިން އުފެއްދުމަށް ހިންގާ ހާއްސަ ޕްރޮގްރާމެކެވެ. މިޕްރޮގްރާމުގެ ދަށުން މިހާރުވެސް ރާއްޖެއިން ބޭރުގައި ބައެއް ކުޅުންތެރިން ތަމްރީން ހަދަމުން އަންނަކަން ފާހަގަ ކޮށްލެވެއެވެ.