އަންނަ އަހަރުގެ ޖެނުއަރީ މަހު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ އޭޝިޔަން ކަޕުގެ ކުރިން އެމުބާރާތަށް ތައްޔާރު ވުމުގެ ގޮތުން އިންޑިޔާގެ ގައުމީ ޓީމު 5 މުބާރާތުގައި ވާދަކުރާނެކަން އިންޑިޔާގެ ފުޓްބޯޅަ ފެޑެރޭޝަނުން ހާމަ ކޮށްފިއެވެ.

އޭޝިޔަން ކަޕުގެ ކުރިން އިންޑިޔާއިން ވާދަކުރާ 5 މުބާރާތަކީ އިންޓަކޮންޓިނެންޓަލް ކަޕް، ސާފް ޗެމްޕިއަންޝިޕް، ކިންގްސް ކަޕް (ތައިލެންޑް)، އޭޝިޔަން ގޭމްސް (ޗައިނާ)، މާދެކާ ކަޕެވެ. މާދެކާ ކަޕަކީ މެލޭޝިޔާއިން އިންތިޒާމް ކުރާ މުބާރާތެކެވެ.

މި 6 މުބާރާތުގެ ތެރެއިން އިންޓަކޮންޓިނެންޓަލް ކަޕް މިދިޔަ މާރިޗް މަހު ފަހުކޮޅު އިންޑިޔާއިން ވަނީ ކާމިޔާބު ކޮށްފައެވެ. އިންޑިޔާއިން އިންތިޒާމް ކޮށްގެން ބޭއްވި މިމުބާރާތަށް ދައުވަތު ދިނީ ކިރްގިސްތާނަށާއި މިޔަންމާއަށެވެ. ފުރަތަމަ މެޗުގައި މިޔަންމާ އަތުން އިންޑިޔާ މޮޅުވީ 1-0 އިންނެވެ. އަދި ދެވަނަ މެޗުގައި ކިރްގިސްތާން އަތުން އިންޑިޔާ މޮޅުވީ 2-0 އިންނެވެ. ކިރްގިސްތާނަކީ އަންނަ އަހަރު އޭޝިޔަން ކަޕަށް ކޮލިފައިވެފައިވާ ގައުމެއްކަން ފާހަގަ ކޮށްލެވެއެވެ.

އިންޑިޔާއިން ދެން އެންމެ އަވަހަށް ވާދަކުރަނީ މިއަހަރުގެ ޖޫން މަހު އެގައުމުގެ ބެންގަލޫރުގައި ބޭއްވުމަށް ތާވަލް ކޮށްފައިވާ ސާފް ޗެމްޕިއަންޝިޕުގައެވެ. އިންޑިޔާގެ ކުރީގެ ބައެއް ކުޅުންތެރިންނާއި ތަޖުރިބާކާރުން ހިޔާލް ފާޅުކުރަމުން އަންނީ ސާފް ޗެމްޕިއަންޝިޕަށް 23 އަހަރުން ދަށުގެ ޓީމު ފޮނުވުމަށެވެ. ސަބަބަކީ އިންޑިޔާގެ ސީނިއަރ ޓީމަށް މިމުބާރާތުގައި ވާދަކޮށް ހޯދޭނެ ކުރިއެރުމަށް އޮތް ކަމަށް ނުފެނުމެވެ. އޭގެ ބަދަލުގައި ސީނިއަރ ޓީމުގެ ސްކޮޑުގައި ހިމެނޭ، ޒުވާން ކުޅުންތެރިންނަށް މިމުބާރާތުގައި ވާދަ ކުރުމުގެ ފުރުސަތު ދީފިނަމަ އެކަމުގެ ފައިދާ ބޮޑުވާނެތީއެވެ.

އޭޝިޔަން ކަޕުގެ ކުރިން އިންޑިޔާ ގައުމީ ޓީމު ވާދަކުރާނެ އެންމެ ވަރުގަދަ މުބާރާތަކަށް ވެގެންދާނީ ތައިލެންޑުން އިންތިޒާމް ކުރާ ކިންގްސް ކަޕެވެ. މުބާރާތުގައި މިހާތަނަށް ބައިވެރިކުރާ ގައުމުތައް ފައިނަލްވެފައި ނެތް ނަމަވެސް އާންމު ގޮތެއްގައި މިމުބާރާތުގައި އޭޝިޔާ އާއި ޔޫރަޕުގެ މެދުފަންތީގެ ގައުމުތައް ބައިވެރި ކުރެއެވެ. މިގޮތުން މިމުބާރާތުގައި މިދިޔަ އަހަރު ޓްރިނިޑާޑް އެންޑް ޓޮބޭގޯ ބައިވެރިކޮށްފައިވާކަންވެސް ފާހަގަ ކޮށްލެވެއެވެ. ޓްރިނިޑާޑަކީ 2006 ގެ ވަރލްޑް ކަޕުގައި އިންގްލެންޑާ އެއްގްރޫޕެއްގައި ހިމެނުނު ގައުމެކެވެ.