އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ސިޓީއާ ދެކޮޅަށް އޭނާގެ ކުޅުންތެރިން ދެއްކީ ވަރަށް ދަށް ކުޅުމެއް ކަމަށާއި އެގޮށް ކުޅެން 12 ކުޅުންތެރިން ދަނޑުމަތީގައި ތިއްބަސް މެޗެއް ކާމިޔާބު ނުކުރެވޭނެ ކަމަށް ލިވަޕޫލްގެ ކޯޗް ޖަރުމަނުގެ ޔާގެން ކްލޮޕް ބުނެފިއެވެ.
މިމެޗް ސިޓީއިން ކާމިޔާބު ކުރީ ފަހަތުން އަރައި 4-1 އިންނެވެ. މުޅި މެޗް ސިޓީއިން ޑޮމިނޭޓް ކޮށްގެން ކުޅުނުއިރު މިއަށްވުރެވެސް ބޮޑު ތަފާތަކުން ލިވަޕޫލް ބަލިނުވީ ނަސީބު ރަނގަޅު ކަމުންނެވެ.
12 ކުޅުންތެރިން ލައިގެންވެސް މޮޅުނުވެވޭނެ ކަމަށް ކްލޮޕް ބުނީ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުގައި ސިޓީގެ ރޮޑްރީއަށް ފުރަތަމަ ހާފުގައި ދައްކަން ޖެހޭކަމަށް ގަބޫލް ކުރަންތޯ ކްލޮޕް ކުރެން ނޫސްވެރިޔަކު ސުވާލު ކުރުމުންނެވެ. "ރޮޑްރީ ކުރި ފައުލް އަހަންނަށް ސާފުކޮށެއް ނުފެނުނު. އެހެންވީމަ ދެވަނަ ރީނދޫ ކާޑެއް އެހާލަތުގައި ދައްކަން ޖެހޭނެތޯ ބުނާކަށް ނޭނގޭ. އެކަމަކު އަހަންނަށް ޔަގީން ސިޓީއިން ކުޅުންތެރިޔަކު މަދުވިޔަސް އެކަމުން އަހަރެމެންނަށް ފައިދާއެއް ހޯދިދާނެ ހެނެއް" ހިތްހަމަ ނުޖެހިފައި ހުރެ ކްލޮޕް ބުންޏެވެ.
ކްލޮޕް ބުނީ އޭނާގެ ޓީމަށް މެޗް ގެއްލުނީ ދެވަނަ ހާފުގައި ރަނގަޅަށް ނުކުޅެވިގެން ކަމަށެވެ. ސިޓީން މެޗުގައި 3 ލަނޑު ޖެހީ ދެވަނަ ހާފުގައެވެ. "ރަނގަޅު ކުޅުމެއް ފެނުނީ އަލިސަން އާއި ފަބީނިއޯ އާއި ހެންޑަސަން އަދި ގަކްޕޯގެ ފަރާތުން. ރަނގަޅު ނަތީޖާތަކެއް ހޯދަން ބޭނުންނަމަ ސްކޮޑުގައި މޮޅު ފަނަރަ ވަރަކަށް ކުޅުންތެރިން ތިބެންޖެހޭ. ލިވަޕޫލްގައި އެހާލަތެއް ނެތް" ކްލޮޕް ބުންޏެވެ.
ސިޓީ އަތުންވީ ބައްޔާއެކު ގަދަ ހަތަރަކުން ޖާގަ ހޯދުމަށް ލިވަޕޫލްއަށް އިތުރު ގޮންޖެހުންތައް މިވަނީ ކުރިމަތިވެފައެވެ. ލިވަޕޫލަށް ލީގުގައި ކުޅެން ބާކީ 11 މެޗް އޮތްއިރު، އެޓީމު ތާވަލުގެ 8 ވަނައިގައި އޮތީ 42 ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއްވަނައިގައި 72 ޕޮއިންޓާއެކު އޮތް އާސެނަލް އާއި ދެވަނައިގައި 64 ޕޮއިންޓާއެކު އޮތް މެންޗެސްޓަރ ސިޓީއަށް މިހާރުވެސް ގަދަ ހަތަރެއްގެ ޖާގަ ގާތް ގަނޑަކަށް ޔަގީންވެފައިވާއިރު ލިވަޕޫލަށް މަސައްކަތް ކުރަން ޖެހިފައި އޮތީ ތިންވަނައިގައި 50 ޕޮއިންޓާއެކު އޮތް މެންޗެސްޓަރ ޔުނައިޓެޑާއި ހަތަރުވަނައިގައި 49 ޕޮއިންޓާއެކު އޮތް ޓޮޓެންހަމް އަތުލުމަށެވެ.
ކުރިއަށް އޮތް ސީޒަނުގެ ޗެމްޕިއަންސް ލީގުން ލިވަޕޫލަށް ޖާގަ ލިބޭނީ ލީގް ނިމޭއިރު ގަދަ ހަތަރުން ޖާގަ ހޯދިއްޖެނަމައެވެ.