އާޖެންޓީނާ ގައުމީ ޓީމުގެ ކީޕަރު އެމީ މާޓިނޭޒްގެ މޮޅެތި ސޭވްތަކުގެ އެހީގައި ޗެލްސީގެ މައްޗަށް 2-0 އިން އެސްޓަންވިލާ ރޭ އިނގިރޭސި ޕްރިމިއަރ ލީގުގައި ކުރި ހޯދައިފިއެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗުގައި ޗެލްސީން 28 ހަމަލާ ފޮނުވާލިއެވެ. މީގެ ތެރެއިން ގޯލަށް 8 ހަމަލާ އަމާޒުވިއިރު، މާޓީނޭޒް ވަނީ މިހުރިހާ ހަމަލާތަކެއް ދިފާއު ކޮށްފައެވެ. މީގެ ތެރޭގައި މުދްރިކް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާ ވަކިން ބޮޑަށް ފާހަގަ ކޮށްލެވެއެވެ.
މިމެޗުގައި އެސްޓަންވިލާގެ ދެލަނޑު ފެނިގެންދިޔައީ 18 ވަނަ މިނެޓާއި 56 ވަނަ މިނެޓުގައެވެ. ފުރަތަމަ ލަނޑު އޮލީ ވަޓްކިންސް ކާމިޔާބު ކޮށްދިންއިރު ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ޖޯން މެކްގިންއެވެ.
އަނެއްކޮޅުން މިއީ ޗެލްސީގެ ދަނޑުގައި މިދިޔަ ދިހަ އަހަރު ތެރޭގައި އެސްޓަންވިލާ މޮޅުވި ފުރަތަމަ މެޗެވެ. ޗެލްސީގެ ދަނޑުގައި އެސްޓަންވިލާ އެންމެފަހުން މޮޅުވީ 2011 ވަނަ އަހަރުގެ ޖެނުއަރީ މަހު 3-1 އިންނެވެ. އަދި މިއީ 1998 ގެ ފަހުން ޗެލްސީގެ ދަނޑުގައި އެސްޓަންވިލާ ކޮޅަށް ލަނޑެއް ނުޖެހި ޗެލްސީ ނިންމާލަން ޖެހުނު ފުރަތަމަ މެޗެވެ.
އެސްޓަންވިލާއިން މިހޯދި މޮޅާއެކު އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ފަރާތަކީ މިދިޔަ އޮކްޓޫބަރު މަހު އެސްޓަންވިލާގެ ކޯޗްކަމާ ހަވާލުވި އުނައި އެމެރީއެވެ. ކުރިން ޕީއެސްޖީ އާއި އާސެނަލްއަށްވެސް އިރުޝާދުދިން އެމެރީ، އެސްޓަންވިލާއިން ކޯޗަކަށް ހަމަޖެއްސީ ނަތީޖާތައް މާބޮޑަށް ދަށްވެ ރެލިގޭޝަންގެ ބިރު ކުރިމަތިވުމުންނެވެ. އެމެރީ، އެސްޓަންވިލާއާ ހަވާލުވިފަހުން އެސްޓަންވިލާއަށްވުރެ ގިނަ މެޗުން ލީގުގައި މޮޅުވީ ހަމައެކަނި އާސެނަލް (13 މެޗް) އާއި މެންޗެސްޓަރ ސިޓީ (10 މެޗް) އެވެ. މިމުއްދަތުގައި އެސްޓަންވިލާއިން ވަނީ 9 މެޗް ކާމިޔާބު ކޮށްފައެވެ.
ޕްރިމިއަރ ލީގުގެ 9 ވަނައިގައި އެސްޓަންވިލާ މިވަގުތު އޮތީ 41 ޕޮއިންޓާއެކުއެވެ. ޗެލްސީ ތާވަލުގެ 11 ވަނައިގައި އޮތީ 38 ޕޮއިންޓާއެކުއެވެ.