އިނގިރޭސި ޕްރިމިއަރ ލީގުގައި މަޝްހޫރު މެންޗެސްޓަރ ޔުނައިޓެޑް 0-2 އިން ބަލިކޮށް ނިއުކާސަލް ތާވަލުގެ ތިންވަނަ މަގާމަށް ކުރިއަށް ޖެހިލައިފިއެވެ.
ނިއުކާސަލްގެ ދަނޑުގައި ކުޅުނު މިމެޗުގައި އެޓީމުން ދެލަނޑުވެސް ކާމިޔާބު ކުރީ ދެވަނަ ހާފުގައެވެ. ފުރަތަމަ ލަނޑު 65 ވަނަ މިނެޓުގައި ޖޯ ވިލޮކް ކާމިޔާބު ކޮށްދިންއިރު ދެވަނަ ލަނޑު 88 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކޯއްލަމް ވިލްސަންއެވެ.
މުޅި މެޗުގައިވެސް ޔުނައިޓެޑަށް ނިއުކާސަލްގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. ނިއުކާސަލްއިން ވަނީ 22 ހަމަލާ އުފައްދައި 6 ހަމަލާ ޔުނައިޓެޑުގެ ގޯލަށް އަމާޒުކޮށްފައެވެ.
މިއީ 2019 ވަނަ އަހަރުގެ އޮކްޓޫބަރުގެ ފަހުން ޔުނައިޓެޑުގެ މައްޗަށް ނިއުކާސަލްއަށް މޮޅެއް ހޯދުނު ފުރަތަމަ މެޗެވެ. މިދެޓީމު އެންމެފަހުން ކުޅުނު 6 މެޗުގެ ތެރެއިން 4 މެޗް ޔުނައިޓެޑް ކާމިޔާބު ކުރިއިރު އަނެއް ދެމެޗް ނިމުނީ އެއްވަރު ވެގެންނެވެ.
އަނެއްކޮޅުން މިރޭގެ މޮޅަކީ މިއަހަރު ލީގް ކަޕް ފައިނަލުގައި ޔުނައިޓެޑް އަތުން ނިއުކާސަލް ބަލިވި ބަލިވުމުގެ ރަނގަޅު ބަދަލު ހިފުމަކަށް ވެގެންދާނެއެވެ. މެޗަށްފަހު ނިއުކާސަލްގެ ކުޅުންތެރިންނާއި ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އުފާފާޅު ކޮށްފައެވެ.
މިމޮޅާއެކު ތާވަލުގެ 3 ވަނައިގައި ނިއުކާސަލް އޮތީ ޔުނައިޓެޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވެ (50 ޕޮއިންޓް) ފައިދާ ލަނޑުގެ ތަފާތުން ކުރި ލިބޭތީއެވެ. ނިއުކާސަލްއަށް ފައިދާ 22 ލަނޑު އޮތްއިރު ޔުނައިޓެޑަށް އޮތީ ފައިދާ 4 ލަނޑެވެ.