ހަލި ދަރުބާރަށް އަހަރެން ކިޔައިދޭން މިއައީ އަހަރެންގެ ހަޔާތުގެ ވަރަށް ބޮޑު ވާހަކައެކެވެ. އެކުވެރިންނޭވެ. އަހަރެންގެ ވާހަކައިން އިބްރަތެއް ލިބިގަންނާނެކަމަށް ހީކުރަމެވެ. އަދި ދުނިޔޭގައި އަހަރެން ކަހަލަ ހަލާކުވެފައިވާ ހިތަކާއެކު އުޅޭ މީހުނަށް އަހަރެންގެ ހެޔޮދުއާވެސް ފޮނުވަމެވެ. ހަލި ދަރުބާރުގެ އެކުވެރިންނޭވެ. އަހަންނަކީ މިހާރު ހިލޭސާބަހަށް އަންހެނުންގެ ކަންތައްތަކަށް އެހީވެދީ، އެމީހުންގެ ހައްގުތަކަށް މަސައްކަތްކޮށްދޭ އެންޖީއޯއެއްގައި މަސައްކަތް ކުރަމުން އަންނަ މީހަކީމެވެ. މީގެ ގާތްގަނޑަކަށް ވިއްސަކަށް އަހަރު ކުރިން ދިމާވި އެކަންތައްގަނޑަށްފަހު އަހަރެން ލޯތްބާއި ލޯބީގެ އެއްވެސްކަމަކާވެސް ކައިރިވާކަށް ބޭނުމެއް ނުވެއެވެ. މިގޮތަށް އަހަރެން ބަދަލުވިތާ މިހާރު ފަނަރަ އަހަރުވެއްޖެއެވެ.

ހަލިދަރުބާރުގެ އެކުވެރިންނޭވެ. އަހަރެންގެ އުމުރުން އޭރު ސޯޅައަހަރެވެ. އޯލެވެލް އަށް ނުކިޔަވައި ގްރޭޑު ނުވައަކުން އަހަރެން ކެޑުނީ ވަޒީފާއަކަށް ގޮސްގެން ފައިސާ ހޯދަން މުހިންމު ވީމައެވެ. ގޭތެރޭގެ ހާލަތު ހުރި ގޮތުންނެވެ. މަންމައާއި ބައްޕަ ވަކިވީއިރު އަހަންނަށްވުރެ ހަގު ފަސްބެއިން ތިބި ފިކުރެއް އެމީހުންގެ ނެތެވެ. އެކުދިންގެ ޒިންމާ މަންމަ އެކަނި އުފުލާތީ މަންމައަށް އެހީވުމަށް ބޭނުންވީއެވެ. ގުރޭޑް ނުވައެއްގެ ފާސް އޮތުމުން ވަރަށް ފަސޭހައިން ރަށު ސުކޫލުގެ ޓީޗަރެއްގެ ވަޒީފާ ލިބިއްޖެއެވެ. އަހަރެން ކިޔަވައިދޭން ފެށީ ގްރޭޑް ތިނެއް ހަތަރެއް އަދި ފަހަކަށެވެ. ދުވަސްކޮޅެއް ފަހުން ގްރޭޑް ހަތެއްގެވެސް އިސްލާމް ގަޑި ނަގައިދޭން ޖެހިއްޖެއެވެ.

ހަލިދަރުބާރުގެ އެކުވެރިންނޭވެ. އަހަރެން ކިޔަވައިދޭން ދިޔަ ކުލާހުގައި ތިބީ އެއްފުރައިގެ ލާނެތް ދެޖިންސުގެ ކުދިންނެވެ. އަހަރެންގެ މިޒާޖު ހުންނަ ގޮތުން ވަރަށް އަވަހަށް ކުދިންނާ ރައްޓެހިވެލަމެވެ. ކުލާސް ފަށައިގެން ކުރިއަށް ދިޔައިރު ފަހަތުން ދެކުއްޖަކު މަދުކަން އެނގުނެވެ. އޭގެ ފަހުން ހަތަރު ކުލާހުގައިވެސް އެދެ ކުދިން ނެތުމުން ސުވާލުކޮށްލެވުނެވެ. އެއީ އާންމު ކަމެކެވެ. އިސްލާމްގަޑި ފޫހި ކަމުން އެދެކުދިން ކުލާހަށް ނާންނީއެވެ. އަހަރެން އަނެއްދުވަހު ކުލާހަށް ދިޔައީ ކުރިއަށް އޮތް އިނގިރޭސި ގަޑިއާއެކު ނަގައިދޭ ގޮތަށެވެ. އެއްކަލަ ދެކުދިން ތިއްބެވެ.

އޭގެ ތެރެއިން އެއްކުއްޖަކު އެއީ ވަރަށް ސްޓައިލް ކުއްޖެކެވެ. އެހާމެ ލާނެތްކަމެއްވެސް ކުޑައެއް ނޫނެވެ. އެދުވަހުން ފެށިގެން އިހުވާމް އަހަންނަށް ކޯޑު އަޅަން ފަށައިފިއެވެ. މިކަމާ ކަންބޮޑުވެ ހަދާނެ ގޮތްހުސްވެގެން އެއްދުވަހަކު އިހުވާމް އާ ވަކިން ބައްދަލުކޮށލީމެވެ. ކުލާސް ނިމުމުން އިހުވާމް މަޑުކުރުވީއެވެ. އަހަރެން އޭނާ ގާތު ކުރީ ގޮނޑިއަށް އައުމަށް ބުނީމެވެ. އެންމެ ފުރަތަމަވެސް އުމުރު އަހާލީމެވެ. އަހަންނަށް އޮފީހުންވެސް ބެލިދާނެއެވެ. އެކަމަކު ބޭނުންވީ އިހުވާމް ކުރެން އަހާށެވެ. އިހުވާމް ވަރަށް ހަމަޖެހިލާފައި އަހަރެންގެ އުމުރު ބުނާށޭ ބުނެފިއެވެ. ސަތާރައަހަރޭ ހަމަ ބުނިތަނާހެން ފުންމައިގެން ގޮޑިން ތެދުވެގެން އަހަރެންގެ މޭޒުދޮށަށް އައިސް ވަރަށް ގާތަށް ހުއްޓިފައި ބުނެލިއެވެ. "މާބޮޑު މީހަކަށް ވެގެން ތިއުޅެނީ މަށަށްވުރެ އެންމެ ދެއަހަރެއްހާ ވަރު ކުޑަވެގެންތަ؟ ބުނަން ދެން އެއްބަސް ނުވަންޏާ މަގޭ އަތުންފައިން ގޯސް ހެދޭނެ،" އެދުވަހު އިހުވާމް ދިޔައީއެވެ. އޭނާ އެ ދިޔައީ އަހަންނަށް ކުރަން ނުޖެހޭވަރުގެ ކޮންމެވެސް ކަމެއް ކޮށްފައެވެ.

އަހަރެން ކިޔަވައިދޭން ދިއުން ހުއްޓާލީމެވެ. އިހުވާމްދެކެ ލޯބިވެވުނީ ކޮން އިރަކު ކަމެއް ނޭނގުނަސް ސުކޫލަށް ދިއުން ހުއްޓާލިފަހުން އަހަންނަށް އިހުވާމް ހަނދާންނުވާ ވަގުތެއް ނުދެއެވެ. އެންމެ ފަހުން އެދުވަހު ހަވީރު އަހަރެން އިހުވާމްގެ ގޭދޮށަށް ދިޔައީމެވެ. އަދި ބައްދަލުވެފައި ވާހަކަ ދައްކަން ކަމަށް އުޅުނުނަމަވެސް ބަހެއް ނުނިކުތެވެ. އަހަންނަށް ހުރެވުނީ ރަނގަޅަށްވެސް އިހުވާމްގެ ޖާދޫގައި ޖެހިނިމިފައެވެ.

އިހުވާމްއާ ރައްޓެހިވެގެން އަހަރުވިއިރު މުޅި ރަށު އެންމެނަށް މިވާހަކަ އެނގިއްޖެއެވެ. އިހުވާމްގެ މައިންބަފައިންގެ ގަބޫލަށް ނުގަބޫލަސް އޭނާ ހުރީ އަހަންނާ ކައިވެނި ކުރަން ހޭވައްލާ ތައްޔާރުގައި 18 ވަންދެނެވެ. އެހެންނަމަވެސް މިއީ އަހަންނަށް ފެންނަމުން ދިޔަ މަންޒަރެވެ. އަހަންނަށް ނުފެންނަ ފަރުދާގެ ފުރަގަސް އޮތީ ވަރަށް ނުރައްކާ ގޮތަކަށެވެ.

އިހުވާމް އަހަންނާ ރައްޓެހިވެ ކުޅިވަރެއްހެން މި ކުރިއަށް ގެންދިޔަ ފިލްމު ނިމުމަކަށް ގެނައި ދުވަހު އަހަރެން ގަތް ލަދުން ބިން ފަޅާފައި އަޑިއަށް ގަބައިގަންނާނެނަމައޭ ހިތަށް އެރިއެވެ. އިހުވާމް އޭނާގެ ހުރިހާ ރައްޓެހިންނާއި އާއިލާ އެންމެންގެ މެދުގައި އަހަރެން ލަދުގަންނަވާލިއެވެ. އޭނާގެ މޮޅު އުކުޅުތަކާއި ހުނަރުތަކުން އަހަރެންގެ ހުރިހާ ހަޒާނާއެއް ހިބައިން ދިނީ އޭނާދެކެ ލޯބިވާތީއެވެ. އަހަންނާ ދިމާއަށް ކޫޑިއަށް ރަންޑިއަށް ކިޔާ ނަގަމުން ދިޔައިރު ކޫސްއޭ ވެސް ނުބުނަމެވެ.

އެދުވަހުން ފެށިގެން ލޯތްބޭ ބުންޏަސް ހުޅުފަޅައިގެންދެއެވެ. އިހުވާމް އަހަރެންގާތު މާފަށް އެދުނެވެ. މާފު ކުރަން ކީއްކުރަންހެއްޔެވެ. އޭނައާ އަނގައިން ބުނާކަށްވެސް އަހަރެން ބޭނުމެއް ނޫނެވެ. އޭނާ އަހަރެން ދަލުގައި ޖައްސާ މީހުންގެ ތެރެއަށް ފަޟީހަތްކޮށްލި ގޮތް ހަނދާން ނެތޭނީ ކިހިނެއް ހެއްޔެވެ. ކޫސަނި ތާކުންތާކު ނުޖެހޭ ކަމެއްގައި ހަސަދަ ފިލުވާށޭ ކިޔާ އަހަރެންގެ މުޅި ދުނިޔެ ހަލާކު ކޮށްލީއެވެ. އިސްލާމް ކިޔަވައިދޭތީ އިހުވާމް އަހަންނާ ލޯބީގެ ކުޅިވަރަކުން ކުޅެލީއެވެ.

އަދިވެސް މިއަދުވެސް އެދުވަހު މީހުން އަހަންނާ ދިމާއަށް ގޮވި ހަޑިހުތުރު ބަސްތައް ހަނދާން އެބަހުއްޓެވެ. މިހާރު އިހުވާމް ވީ ޖަލުގައޭވެސް މީހުން ކިޔާތި އިވެއެވެ. އަހަރެންގެ އެއްވެސް ފަރުވާލެއް ނެތެވެ.

ހަލިދަރުބާރުގެ އެކުވެރިންނޭވެ. އެންމެވެސް ބުނެއެވެ. "އެމީހެއްގެ އަލަތު ލޯބިވެރިޔާ އަދި އަލަތު ގުޅުމެއް ހިނގާ ފިރިމީހާ މަތިން އަބަދުވެސް ހަނދާން ހުންނާނެއެވެ." މިއީ ކަނޑައެޅިގެން ދޮގު ވާހަކައެކެވެ. އަހަރެންގެ އަލަތު ލޯތްބަކީ ހުރިހާ ގޮތަކުންވެސް އަލަތު ލޯބި ދިން މީހާ އެއީ އަހަރެން މިދުނިޔެމަތިން އެންމެ ފޫހިވާ ނަފްރަތު ކުރާ މީހާއެވެ. ދުވަހަކުވެސް މާފެއްވެސް ނުކުރާނަމެވެ.