ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލައާ ގުޅިގެން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެސެޓް ރިކަވަރީ ކޮމިޝަނަށް ހާޒިރުކޮށް ބަޔާން ނަގައިފިއެވެ.

އިތުބާރު ހުރި މަސްދަރަކުން "ހަލިނިއުސް" އަށް ކަށަވަރުވެފައިވާ ގޮތުގައި އެ މައްސަލާގައި އަދުރޭއާ ސުވާލުކޮށް ބަޔާން ނެގިތާ ދުވަސްތަކެއް ވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދުރޭ ވެސް މީޑިއާއަށް އެއްވެސް އެއްޗެއް ވިދާޅެއްނުވެއެވެ.

އަދުރޭއާ ގުޅޭގޮތުން ތަހުގީގު ކުރަމުން އަންނަނީ ސީދާ ކޮން މައްސަލައެއް ކަމެއް އަދި ސާފެެއް ނުވެއެވެ.

އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅިގެން ޕީޕީއެމްގެ ކުރީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

ޕީޖީ ހުސައިން ޝަމީމް ވިދާޅުވެފައި ވަނީ ހަފްތާއެއްގެ ތެރޭގައި އެ މައްސަލާގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމަވާނެ ކަމަށެވެ.

އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅިގެން މިހާތަނަށް ހުކުމް އިއްވާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އިތުރުން ވިޔަފާރިވެރިޔާ ހާމިދު އިސްމާއީލްގެ މައްޗަށް އެކަންޏެވެ.