މަސްތުވާތަކެތި ނުވަތަ ޑުރަގުގެ ވަބާއިން ރާއްޖެ ސަލާމަތް ކުރުމަށް އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރެއްވުމަށް އެމްއެންޕީގެ ރައީސް އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ސަރުކާރަށް ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުުވީ ސަރުކާރުން މިކަމަށް އިހުމާލު ނުވުމަށާއި އިހުމާލުވެފައިވާނަމަ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލައި މަޖިލީހުން ސަރުކާރު ޒިންމާދާކުރަންޖެހިފައިވާ ކަމުގައި ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ދިވެ މުޖުތަމައު ޑްރަގުން ސަލާމަތްކުރުމަކީ ސަރުކާރުގެ ވައުދެއް ކަމަށެވެ. އެކަމަށް ހުޅުވިފައިވާ ދޮރުތައް ބަންދުކޮށް، ތަންފީޒީ އިދާރާ ތަކަށް ކުރިމަތިވާ ނުރަނގަޅު ނުފޫޒު ކަނޑުވާލައި، ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރެވޭނެ ގޮތް ހަމަޖެއްސުމަކީ ވެސް ސަރުުކާރުގެ ވައުދެއް ކަމަށެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ހިފާ ހައްޔަރުކުރުމާއި، އެ ވިޔަފާރި ހިންގުން ހުއްޓުވުމާއި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަކީ މުޖުތަމަޢަށް ފައިދާހުރި ބަޔަކަށް އަލުން ހެދުމަށް، އެމީހުންނަށް ބޭނުންވާ އެންމެ ރަނގަޅު ފަރުވާ ލަސްނުވެ ލިބޭނެ ޤައުމީ ރިހިބިލިޓޭޝަން ސެންޓަރެއް ޤާއިމްކުރުމަކީވެސް ސަރުކާރުގެ ވައުދެއް ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން ޑްރަގްގެ މައްސަލާގައި ޢާއިލާ ތަކުން އުފުލަންޖެހޭ ތަކްލީފުތައް ކުޑަކުރުމަށް، ދައުލަތުން އަޅާލުން ދޭނެ ނިޒާމެއް ޤާއިމްކުރުމަކީ ވައުދަކަށް ވިޔަސް އެކަން ވެސް ކުރެވިފައިނުވާ ކަމުގެ ތުހުމަތު ނާޒިމް ވަނީ ސަރުކާރަށް ކުރައްވައިފައެވެ.

"މީގެ ތެރެއިން އެއްވެސް ކަމެއް މި ސަރުކާރަށް ކުރެވިފައެއް ނެތް. އެ އެތެރެކުރާ މީހުން ހިފާ ހައްޔަރުކުރުމުގައިވެސް މި ސަރުކާރު ވަނީ ބޮޑުތަނުން ފެއިލްވެފައި،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މަސްތުވާތަކެތީގެ ވަބަގައި ޖެހޭ މީހުން ރިހިބިލިޓޭޓު ކުރުމުގެ މަސައްކަތް ވެސް ސަރުކާރަށް އެކަށީގެންވާ ގޮތަށް ކުރިއަކަށް ނުގެންދެވޭ ކަމަށެވެ. މާލޭގެ މަގުތަކުގައި މިފަދަ މީހުން ގިނަވާ މަންޒަރު ފެންނަމުންދާކަމަށާއި އެހެނަސް ކަމާބެހޭ މުއަައްސަސާތައް މިކަމުގައި އަޅާނުލައި ތިބޭތަން ފެންނަކަމުގެ ތުހުމަތުވެސްް އޭނާ ކުރެއްވިއެވެ.