ރައްޔިތުންގެ މަޖިލީހުގެ ލ. އިސްދޫދާއިރާގެ މެމްބަރު އަލީ ހަމީދު މިއަދު އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ. އޭނާ އެޕާޓީއަށް ސޮއިކުރެއްވީ މުލިއާގޭގައެވެ. އޭނާ އެމްޑީޕީއަށް ސޮއިކުރެއްވީ އެމްޑީޕީގެ އިސްލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ހާޒިރުއެވެ. ރައީސްގެ ސާލިހުގެ އިތުރުން އެމްޑީޕީގެ ޗެއާޕަސަން ފައްޔާޒު އިސްމާޢީލާއި، ޕީޖީ ލީޑަރު މުހައްމަދު އަސްލަމާއި އަދިވެސް އިތުރު ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އަލީ ހަމީދު މީގެކުރިން ހުންނެވީ ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައެވެ. އޭނާ އެޕާޓީން ވަކިވުމުން މަޖިލިސް މެމްބަރުންގެ ގޮތުގައި އެޕާޓީގައި ތިއްބެވީ ދެ ބޭފުޅެކެވެ. އެއީ މާމިގިލީދާއިރާގެ މަޖިލިސް މެމްބަރު ޤާސިމް އިބްރާހީމާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނެވެ.

އަލީ ހަމީދު އެމްޑީޕިއަށް ސޮއިކުރެއްވީ ރައީސް ސާލިހަށް ރިޔާސީ ދެވަނަ ދައުރެއް ދޭންޖެހޭ ކަމަށް އޭނާއަށް ގަބޫލު ކުރެއްވޭތީއެވެ. އޭނާ ވިދާޅުވެފައިވަނީ ރައީސް ސާލިހު ވަނީ ރާއްޖޭގައި ހަމަޖެހުން ގާއިމް ކޮށްދެއްވާފައި ކަމަށެވެ. އަލީ ހަމީދު އެމްޑީޕީއަށް ސޮއިކުރެއްވުމުން އެޕާޓީން ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ޖޭޕީގެ ލީޑަރު ޤާސިމް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމެވުމާއެކު އެޕާޓީގެ އިސް ބައެއް ބޭފުޅުން ވަނީ ޕާޓީ ދޫކުރައްވައިފައެވެ.