ކޮވިޑް-19އާ ގުޅިގެން އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރާ އަދަދު ބޮޑުކުރީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ އަށް އަމާޒުކޮށްގެން ކަމަށް ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން އިއްޔެ ނެރުނު އުސޫލެއްގައި ބުނީ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް އަންގާ އެންގުމަކަށް މީހަކު ހުރަސްއަޅައިފި ނަމަ ނުވަތަ ޢަމަލު ނުކޮށްފި ނަމަ، އެ ފަރާތަކުން އެ ކުރަނީ ކުށެއް ކަމަށެވެ.

އެ އުސޫލުގައިވާ ގޮތުން އެޗްޕީއޭގެ އެންގުމަކާ ޚިލާފުވަނީ އާންމު ފަރުދެއް ނަމަ، އެންގުމާ ހިލާފުވާ ފުރަތަމަ ފަހަރު 1،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އެންގުމާ ޚިލާފުވާ ދެވަނަ ފަހަރު 3،500 ރުފިޔާއިން ޖޫރިމަނާކުރެވެއެވެ. އެންގުމާ ޚިލާފުވާ ތިންވަނަ ފަހަރު 7،500 ރުފިޔާއިން ޖޫރިމަނާ ކުރެވެއެވެ. އަދި އެންގުމާ ޚިލާފުވާ ހަތަރުވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު ޖޫރިމަނާ ކުރަނީ 10،000 ރުފިޔާއިން ނެވެ.

ޖޫރިމަނާކުރުންގާނޫނީ ޝަހުސެއް ނަމަ، އެންގުމާ ހިލާފުވާ ފުރަތަމަ ފަހަރު 5،000 ރުފިޔާއިން ޖޫރިމަނާކުރެއެވެ. އެންގުމާ ހިލާފުވާ ދެވަނަ ފަހަރު 25،000 ރުފިޔާއިން ޖޫރިމަނާ ކުރެއެވެ. އެންގުމާ ޚިލާފުވާ ތިންވަނަ ފަހަރު 50،000 ރުފިޔާއިން ޖޫރިމަނާކުރެއެވެ. އެންގުމާ ޚިލާފުވާ ހަތަރުވަނަ ފަހަރު 75،000 ރުފިޔާއިން ޖޫރިމަނާ ކުރެއެވެ. އަދި އެންގުމާ ޚިލާފުވާ ފަސްވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރެއެވެ.

މިހާތަނަށް ހަމަޖައްސާފައި އޮތީ އެފަދަ އެންގުންތަކާ ޚިލާފުވާ ފަރާތްތައް 1000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭ ގޮތަށެވެ.

އެ އުސޫލާ ގުޅޭގޮތުން ޝުޖާއު ވިދާޅުވީ ކުއްލި ގޮތަަކަށް އެޗްޕީއޭގެ އުސޫލު ބަދަލުކުރީ ހޮނިހިރު ދުވަހުގެ ރޭ ބޭއްވުމަށް ނިންމާފައިވާ "ވިސްނާ" ޖަލްސާއަށް އަމާޒުކޮށް ކަމަށެވެ.

"އެއްލަކިން ޖޫރިމަނާ. ރައްޔިތުން ފެލުން ހުއްޓޭކަށް ނެތް. ރައްޔިތުން ވިސްނާ، 26 އަށް ކާނިވަލްއަށް ވަޑައިގެން ދެއްވާ." ޝުޖާއު ވިދާޅުވިއެވެ.