މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގައި ޖޭޕީއާ ކޯލިޝަން ނުހެދުމަށް އެމްއެންޕީން ނިންމައިފިއެވެ.

އެމްއެންޕީން ބުނެފައިވަނީ މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި، ޖުމްހޫރީ ޕާޓީ އިސްވެއޮވެ މަސައްކަތްކުރާ ގޮތަށް، އެޕާޓީއިން ސިޔާސީ ޕާޓީތަކަށް ފޮނުއްވި ދައުވަތު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ލިބިފައިވާ ކަމަށެވެ. "އެ ދަޢުވަތު ރަނގަޅަށް ކިރާ ވަޒަން ކުރުމަށްފަހު މިޕާޓީއިން ނިންމާފައިވަނީ އެހެން ޕާޓީއަކުން އިސްވެ އޮންނަ ކޯލިޝަނެއްގައި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ބައިވެރި ނުވުމަށެވެ." އެމްއެންޕީން ބުނެފައިވެއެވެ.

ޖުމްހޫރީ ޕާޓީއިން އެފަދަ ދައުވަތެއް ފޮނުއްވިކަމަށްޓަކައި އެޕާޓީއަށް ޝުކުރު ދަންނަވާ ކަމަށްވެސް އެމްއެންޕީން ބުނެފައިވެއެވެ. "މިއަދު އޮތް މިޕާޓީގެ އެގްޒެކެޓިވް ކޮމިޓީއިން އިސްވެ ދެންނެވި ނިންމުމަށް ވާސިލްވީ ގިނަ ކަންކަމަށް ރިއާޔަތް ކުރުމަށްފަހުއެވެ. ޖުމްހޫރީ ޕާޓީއިން ހުށަހެޅި ފަދަ އެޕާޓީން އިސްވެއޮވެ އުފައްދާ ކޯލިޝަނެއްގައި މިޕާޓީއިން ބައިވެރިވުމަކީ، މިޕާޓީގެ އަސާސީ ޤަވާޢިދުގައި ކަނޑައަޅާފައިވާ ޝަޚްސީ މަޤުޞަދު ގެއްލޭނެ ޢަމަލަކަށްވުމުގެ އިތުރުން، އެދައުވަތު ޤަބޫލުކުރުމަކީ މި ރިޔާސީ އިންތިޚާބުގައި މިޕާޓީގެ ކެންޑިޑޭޓަކު ކުރިމަތިލާނެ ކަމަށް ކެންޑިނޭޅި ރައްޔިތުންނަށް ދެމުންދިޔަ ޔަޤީންކަން ގެއްލިގެންދާނެ ކަމެކެވެ." އެމްއެންޕީން ބުނެފައިވެއެވެ.

މީގެ އިތުރުން، މި ރިޔާސީ އިންތިޚާބުގައި އެހެން ޕާޓީއެއްގެ ފަހަތަށް އިންތިޚާބުގެ ފުރަތަމަ ބުރުގައި އެރުމަކީ ޕާޓީގެ އާންމު މެމްބަރުންނާއި ޕާޓީއަށް ތާޢީދުކުރާ މީހުންގެ ވިސްނުމާ ފުށުއަރާނެ ކަމެއް ކަމަށް ވެސް ބުނެފައިވެެއެވެ.

އެމްއެންޕީން ބުނެފައިވަނީ އެޕާޓީއަކީ ފުދުންތެރި ރައްޔިތެއް ބިނާކުރުމުގެ ވިސްނުމެއް ނެރެގެން، ރައްޔިތުންގެ ލާބައަށް މަސައްކަތް ކުރާ ޕާޓީއެއް ކަމަށެވެ. ޕާޓީގެ މިސްރާބު ވެސް ކުރަހާފައިވަނީ އެދިމާއަށް ކަަށް ބުނެފައިވެެއެވެ.

އެޕާޓީން ބުނެފައިވަނީ ދިވެހިރާއްޖޭގެ ރިޔާސަތަށް ހޮވިއްޖެނަމަ ޕާޓީއިން މަސައްކަތް ކުރާނީވެސް އެކަންކަން ހާޞިލްކޮށް، ދިވެހިންނަށާއި ދިވެހިރާއްޖެއަށް ފަހިގޮތްތަކަށް ކަމަށެެ. "މި ޕާޓީ އުފެއްދުމަށްފަހު މިހާތަނަށް ކުރެވިފައިވާ މަސައްކަތުންނާއި، ރިޔާސީ އިންތިޚާބާ ގުޅިގެން މިޕާޓީއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފެންނަމުންދާ ނަތީޖާއަށް ބަލާ، މިޕާޓީއިން ޤަބޫލު ކުރަނީ ރައްޔިތުންގެ ތާއީދާއި އިތުބާރު މިޕާޓީއަށް ލިބެމުންދާ ކަމެވެ. އެހެންކަމުން، ދިވެހި ރައްޔިތުންނަށް މިޕާޓީއިން އަރުވާ ޔަޤީންކަމަކީ ކުރިން ދެންނެވިފަދަ ތަޞައްވުރެއް އޮތް ކޮންމެ ބަޔަކާއެކުވެސް މިޕާޓީއިން މިތިބީ ގުޅިގެން އިސްވެ މަސައްކަތް ކުރާ ގޮތަށް ކަމުގައެވެ." އެމްއެންޕީން ބުނެފައިވެއެވެ.

އެމްއެންޕީން އެޕާޓީގެ އާންމު ސިޔާސަތުތަކާއި ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ވަމުންދާ އަހުދުތައް ދިވެހި ލޮބުވެތި ރައްޔިތުންނާ ހިއްސާ ކުރައްވާ، އޮޅުންފިލުވައި ދެއްވުމުގެ މަސައްކަތް މަޑުޖެހުމެއް ނެތި ކުރިއަށް ގެންދާނޭ ކަމަށް ވެސް ބުނެފައިވެެއެވެ. އޭގެ އިތުރުން އެ މިޕާޓީގެ ތަޞައްވުރު ހަޤީޤަތަކަށް ހެދުމުގައި މަދަދުވެރިވުމަށް ވެސް ގޮވާލައިފައިވެއެވެ. "ގުޅިގެން ކުރާ މަސައްކަތުން އަޅުގަނޑުމެންނަށް، ފުދުންތެރި، ހަމަހަމަ، އަދުލުވެރި، އޯގާތެރި މުޖުތަމަޢެއް ބިނާކުރެވޭނެއެވެ."