ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ކަދުރު ދޫކުރުން 06 އެޕްރިލް 2023 (މާދަމާ) ހަމައަށް ކުރިއަށްދާނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ވިދާޅުވެއްޖެއެެވެ.

އެ މިނިސްޓްރީއިން ވިދާޅުވި ގޮތުގައި ސަޢޫދީ ސަރުކާރުން ހަދިޔާކުރައްވާފައިވާ ކަދުރުގެ ތެރެއިން އާންމު ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަދުރު މިހާރު ވަނީ ހުސްވެފައެވެ.

އެގޮތުން، ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ކަދުރު ބެހުން ކުރިއަށްދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން މެންދުރު 12:00 އަށް މިނިސްޓްރީގެ ރިސެޕްޝަނުން ކަމަށާާއި އަދި ކަދުރު ބަލައި ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަން ވާނެ ކަމަށް އެފަރާތުން ވަނީ ވިދާޅުވެފައެވެ.

ސިޓީތަކާއި އަތޮޅުތަކުގެ ރަށްރަށުގައި ކަދުރު ބަހާފައިވަނީ، 1443 (2022) ވަނަ އަހަރު އިސްލާމިކް މިނިސްޓްރީން އިޢުލާންކޮށްފައިވާ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ކޮންމެ ގޭބިސީއަކަށް 1 ޕަކެޓް ދިނުމަށްފަހު މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޒިރުވާ ތަރުތީބުންނެވެ.

ކަދުރު ބެހުމުގެ މަސައްކަތް މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންގޮސްފައިވެއެވެ. ސަޢޫދީ ސަރުކާރުން މިއަހަރުވެސް ރާއްޖެއަށް ހަދިޔާ ކުރައްވާފައިވަނީ 50 ޓަނުގެ ކަދުރެވެ.