ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންކޮށް ގޮތް ނިންމަންވާނީ ސީދާ ދިވެހިރާއްޖެއިން ކަމަށް މޯލްޑިވްސް ނެޝަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރިޓަޔަރޑް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ އެހެންނަމަވެސް މިހާރު ފެންނަނީ ރާއްޖެ ވަކި ޤައުމެއްގެ "އުނގަށް" ވެއްޓިފައިވާ ތަން ކަމަށެވެ.

އެމް.އެން.ޕީ އިން ބާއްވާ "ނުއިވޭ އަޑުތައް" ސިލްސިލާގެ 2 ވަނަ އެޕިސޯޑްގައި ރޭ ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު، ބައްޓަންކުރަންވާނީ ހަމަހަމަ އުސޫލެއްގެ މަތީން ވަކިކޮޅަކަށް ބުރަނުވާ ގޮތަށް ކަމަށެވެ.

ނާޒިމް ވިދާޅުވީ މި ސަރުކާރުގައި ރާއްޖެ ދަނީ އިންޑިޔާގެ ދަށުވަމުން ކަމަށް އިދިކޮޅު ފަރާތްތަކުންނާއި، ޤައުމުގެ ކަންކަމާމެދު ގޮތްކިޔާ ވަރަށް ގިނަ ފަރާތްތަކުން ފާހަގަކުރާ ކަމަށެވެ. އެކަމަށް ދަލީލުކުރާ އެތައް ކަމެއް ރާއްޖޭން ފެންނަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫޢުތަކުގެ ބޮޑުބައެއް އިންޑިޔާގެ ކުންފުނިތަކަށް ދެމުންގެންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، އެމްއެންޕީގެ ވެރިކަމެއްގައި ޚާރިޖީ ސިޔާސަތު ހަމަހަމަ ކުރައްވާނޭ ކަމަށެވެ. އެ ޕާޓީގެ ގެ ވެރިކަމެއްގައި ޚާރިޖީ ސިޔާސަތު ބައްޓަންވެގެންދާނީ "ކޮންމެ ޤައުމަކާވެސް ސަލާންކޮށްލެވޭ" ހިސާބުގައި ކަމަށްވެސް ވިދާޅުވިއެވެ. ޚާރިޖީ ސިޔާސަތު އެގޮތަށް ބައްޓަންކުރުމުން، ޤައުމުތަކާ ގުޅިފައިވާ މައްސަލަތައް ޙައްލުކުރެވޭނެ ކަމުގައިވެސް ނާޒިމް ވިދާޅުވިއެވެ. އެގޮތުން، ރެކޯޑްނެތް ބިދޭސީން ފޮނުވާލުމާއި، ސީރިއާގައި ޙާލުގައި ޖެހިފައިވާ ދިވެހިންގެ މައްސަލަ ޙައްލުކުރުން ފަދަ ކަންކަމަކީ ރަނގަޅު ޚާރިޖީ ސިޔާސަތެއް އޮވެގެން ކުރެވޭނެ ކަންކަން ކަމަށް ވެސް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ވެރިކަމަށް ހޮވިއްޖެނަމަ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ހަމަމަގަށް އަޅުވައިދެއްވާނޭ ކަމަށެވެ. ދިވެހިރާއްޖެ ޚާރިޖީގޮތުންނާއި ސިޔާސީ ގޮތުން ވަކި ޤައުމެއްގެ އަތްދަށުވަމުންދާ ދިއުމަށް ނިމުމެއް ގެންނަވާނެކަމަށްވެސް ވިދާޅުވިއެވެ.