އޯލެވެލްގެ މާއްދާތަކުގައި ހިމެނޭ އިސްލާމް ދީނާ ޚިލާފް ކޮންޓެންޓްތައް ބަލައި އުނިކުރުމަށް ޕާކިސްތާނު ޕާލަމެންޓުން ގޮވާލައިފިއެވެ.
ޕާކިސްތާންގެ ޕާލަމެންޓްގައި ގައުމީ މަންހަޖާ ބެހޭ ގޮތުން ބަހުސް ކުރަމުން ގޮސް ބައެއް މެމްބަރުން ވަނީ ޓެކްސް ފޮތްތަކުގައި ލިޔެފައިވާ އިސްލާމް ދީނާ ބައިތައް އުނިކުރުމަށާއި އެތަކެތި އުނިކުރުމުގެ މަސައްކަތް ކުރިއަށް ދާގޮތުގެ މައުލޫމާތު ދިނުމަށްވެސް އަންގާފައެވެ.
ކެމްބްރިޖު ސިލަބަސްއަށް ތައްޔާރު ކޮށްފައި ހުރި ބައެއް ފޮތްތަކުގެ ތަންތަންވެސް މެމްބަރުން ވަނީ ގާނޫނު ހަދާ މަޖިލީހުގައި އިއްވާފައެވެ.
އެގޮތުން މަޝްވަރާތަކުގައި އެންމެންގެ ސަމާލުކަން ދަމައި ގަތީ އުމުރުން 15 އާއި 16 އަހަރުގެ ކުދިންނަށް ތައްޠާރުކޮށްފައިވާ ފޮތްތަކުގައި އެއް ޖިންސުން ގުޅުން ހިންގުމުގެ އާއިލާތަކުގެ ވާހަކަ ލިޔެފައި އޮތުމުންނެވެ.
މެމްބަރުން ސުއާލު ކުރެއްވީ މިފަދަ ތަކެތި ކިޔަވައިދީގެން އާއިލާ އެކުލަވާލާ ގޮތާ ދެކޮޅަށް ކުދިންގެ ފިކުރު ބައްޓަން ކޮށް ބިނާ ކުރަން މިއުޅެނީ ކޮން ކަހަލަ ޖީލެއް ތޯއެވެ.
މެމްބަރުން ހުށަހަޅާފައި ވަނީ ބްރިޓިޝް ކައުންސިލާއި އެހެނިހެން ފަރާތްތަކަށްވެސް އެވާހަކަތައް ލިޔެ އެފަރާތްތަކުގެ ސަމާލުކަމަށް އެކަންކަން ގެނައުމަށެވެ.
އޭގެ އިތުރުން މެމްބަރުން ގޮވާލާފައި ވަނީ އެފަދަ ކޮންޓެންޓް ކިޔަވައިދެމުންދާ މުއައްސަސާތައް ރަނގަޅަށް ބެލުމަށާއި އަދި އެފަދަ ތަންތަނުގެ ލައިސަންސް ބާތިލް ކުރުމަށެވެ.